އުމަރު ޒާހިރު: ރީތި ސިފަތަކުގެ ލާމަސީލު ނަމޫނާއެއް
އުމަރު ޒާހިރު: ރީތި ސިފަތަކުގެ ލާމަސީލު ނަމޫނާއެއް

ރާއްޖޭގެ އަގުހުރި ހިދުމަތްތެރިޔާ، އުމަރު ޒާހިރު ކުރުކޮށް ސިފަކޮށްދެއްވާނީ ކިހިނެއް ހެއްޔެވެ؟

އުމަރު ޒާހިރު: ރީތި ސިފަތަކުގެ ލާމަސީލު ނަމޫނާއެއް
އުމަރު ޒާހިރު: ރީތި ސިފަތަކުގެ ލާމަސީލު ނަމޫނާއެއް

މި ސުވާލާ އެކު މާލޭގެ ކުރީގެ މުނިސިޕަލްޓީގެ ޑިރެކްޓަރު ޖެނެރަލް އަބްދުލްހަމީދު އަލީއަށް އެއްޗެއް ވިދާޅެއް ނުވެވުނެވެ. އާއިލީ ގޮތުން ގާތް ކަމެއް ނެތަސް، އެކުގައި ހޭދަކުރެއްވި 32 އަހަރުގެ ހަނދާންތަކާ އެކު ލޮލުން އައީ ކަރުނަ އެވެ.

އުމަރު ޒާހިރު: ރީތި ސިފަތަކުގެ ލާމަސީލު ނަމޫނާއެއް
އުމަރު ޒާހިރު: ރީތި ސިފަތަކުގެ ލާމަސީލު ނަމޫނާއެއް

އިރުކޮޅަކަށް ފަހު އަސަރާ އެކު ހަމީދު ވިދާޅުވީ އެއީ "ދަރިއަކު ދެކެހެން ލޯބިވި ބައްޕައެއް" ކަމަށެވެ. އެކުގައި ހޭދަކުރެއްވި އިރު ދުވާލަކު ހަތަރު ފަސް ފަހަރު ފޯނު ނުކުރައްވާ އެންމެ ދުވަހެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

އުމަރު ޒާހިރު: ރީތި ސިފަތަކުގެ ލާމަސީލު ނަމޫނާއެއް
އުމަރު ޒާހިރު: ރީތި ސިފަތަކުގެ ލާމަސީލު ނަމޫނާއެއް

ހަމީދު އެ ވިދާޅުވީ މަސައްކަތުގައި އުފެދުނު ގާތްގުޅުން އުމަރު ޒާހިރު ގެންދެވި ހިސާބެވެ. ކޮވިޑަށް ޕޮޒިޓިވްވެ އެޑްމިޓްކޮށް މިއަދު އަވަހާރަވުމާ ހަމައަށް ވެސް އުމަރު ޒާހިރު އޭނާއާ ދޭތެރޭގައި ހުރިހާ ކަމެއް ވެސް ކުރެއްވީ ބައްޕައަކު ދަރިއަކާ ބަހައްޓާހާ ގާތްކަމާއި އޯގާތެރިކޮށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ސިފަކުރެވޭނީ ދަރިއަކު ދެކެ ލޯބިވީ ބައްޕައެއްގެ ގޮތުގައި. ގައުމު ދެކެ ލޯބިވާ ގައުމީ ދަރިއެއް އެއީ. އެންމެ ފަހުން ކުރެއްވި މަސައްކަތަކީ ވެސް އަމިއްލަ ހަރަދުގައި މިސްކިތެއް [ފުވައްމުލަކުގައި] ބިނާކޮށްދެއްވުން،" ހަމީދު ވިދާޅުވި އެވެ.

އުމަރު ޒާހިރުގެ ހާލުކޮޅު ގޯސްވީ މިސްކިތް ހުޅުވަން ފުވައްމުލަކުގައި އުޅުއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތްތަނުންނެވެ. މިދިޔަ ހުކުރު ދުވަހު ހުކުރަށް މިސްކިތަށް ވެސް ވަޑައިގަތެވެ. ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ ހާލުކޮޅު ގޯސްވެ ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ހޯއްދަވައި ވަޑައިގަތްތާ އެއް ދުވަސް ފަހުންނެވެ.

ފަރުވާ އަށް އުމަރު ޒާހިރު ހޮސްޕިޓަލަށް ވަޑައިގަތުމުގެ ކުރިން، ހަމީދު އުމްރާއަށް ވަޑައިގަންނަވާ ވާހަކަ ވިދާޅުވުމުން، ބަލިން ފަސޭހަވެ އިރާދަކުރެއްވިޔާ އުމުރާއަށް ވަޑައިގަންނަވާނެ ކަމަށް ވެސް އުމަރު ޒާހިރު ވިދާޅުވި އެވެ. އޭނާ އަވަހާރަވީ އެޑްމިޓްކޮށް ފަރުވާދެމުން އަންނަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

އުމުރުފުޅުން 85 އަހަރުގެ އުމަރު ޒާހިރު މި ފަހުން ގިނަ ވަގުތު ހުސްކުރެއްވީ އަޅުކަމަށެވެ. އެންމެ ޝައުގުވެރިކަމާ އެކު މި ފަހުން ވަގުތު ހޭދަކުރެއްވީ ގުރުއާން ތަރުޖަމާ އަޑުއެއްސެވުމުގަ އެވެ. ކުރިން ބިޒީކޮށް އުޅުއްވާތީ ގުރުއާނުގެ މާނަ އެގޮތަށް އަޑުނޭއްސެވުމުން ހިތާމަކުރެއްވި ކަމަށް ހަމީދު ވިދާޅުވި އެވެ.

"ޓޭޕްލައްވައިގެން އަޑުއައްސަވަނީ. ވިދާޅުވީ މިގޮތަކަށް ކުރިން މާނަ އަޑެއް ނާހަމޭ، މަސައްކަތުގައި އުޅެން ޖެހުމުން. [ކުރީގެ އިސްލާމިކް މިނިސްޓަރު] ޝޭހް ޝަހީމް އަރިހުގައި، އެންމެ ފަހުން އަޅުގަނޑު ދިޔަ ދުވަހު ވިދާޅުވީ ތިމަންނައަށް ވަރަށް އަސަރުކުރެއޭ ގުރުއާނުގެ މާނަ އަޑުއިވުނީމަ."

ހަމީދު ވިދާޅުވި ގޮތުގައި ބައެއް އާޔަތްތަކުގެ މާނަ އަޑުއައްސަވައި އެ ވާހަކަ ދައްކަވަމުން ކީރިތި ކުރައްވަ އެވެ.

އަބަދުވެސް ދީނީ ކަންކަމަށް ސަމާލުކަން ދެއްވާކަން ފާހަގަކުރައްވައި ހަމީދަށް ހަނދާންވީ މަޖީދިއްޔާގެ ހެޑްމާސްޓަރަކަށް އުޅުއްވިއިރު އުމަރު ޒާހިރު ނަމާދަށް ބާރު އެޅުއްވި ގޮތެވެ. ފަސް ވަގުތު ނަމާދަށް އިރުޝާދު ދެއްވައި، ނަމާދުން ފައިބައިވަޑައިގެން ދަރިވަރުންގެ "ނަމާދު ހާޒިރީ" ބެއްލެވި އެވެ.

ވޭތުވެދިޔަ ދެ މަހެއްހާ ދުވަހު ގަވައިދުން ކުރެއްވި އެއް ކަމަކީ ހުކުރު ނަމާދަށް ފަހު ގޭގެ ތިރީގައި އިންނަވައި މީހުންނަށް ސޮދަގާތް ކުރެއްވުމެވެ.

ހަމީދު ވިދާޅުވި ގޮތުގައި އަޅުކަންތަކުގެ އިތުރުން މަސައްކަތެއްގެ ގޮތުގައި އުމަރު ޒާހިރު މިފަހުން ކުރެއްވި އެއް ކަމަކީ ހުޅުމާލޭގެ ފޮޓޯތަކެއް ތަރުތީބު ކުރެއްވުމެވެ.

"މި ނޫނީ މި ފަހުން މިކަހަލަ ކަމެއް ނުކުރައްއްވާ،" ހަމީދު ވިދާޅުވި އެވެ.

އުމަރު ޒާހިރުގެ ފަރާތްޕުޅުން ހަމީދަށް ދަސްވީ އިމެއް ނެތް ރީތި ސިފަތެކެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި މުރާލިކަމާއި ހިތްވަރާއި ގަޑިއަށް ފަރުވާތެރިވުމާއި އިންސާނިއްޔަތުކަން އިސްކުރެއްވުމެވެ. ރާއްޖޭގައި މިހާތަނަށް ނުއުފެދޭވަރުގެ ހިދުމަތްތެރިއެއްގެ ގޮތުގައި އުމަރު ޒާހިރު ފާހަގަކުރެވެނީ މި ސިފަތަކުގެ މަތީގައި ދެމިހުންނެވުމުން ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

ރާއްޖޭގައި ކުރިން ހިންގި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ހުޅުމާލެ އާއި ތިލަފުށި ހިއްކުމާއި މާލޭގެ އާޓިފިޝަލްބީޗު ހެދުމާއި މަގުތަކުގައި ގާއެތުރުން ފަދަ ކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އުމަރު ޒާހިރެވެ. ދައުލަތުގެ ގިނަ އިސް މަގާމުތައް ފުރުއްވައި ރާއްޖެއަށް ތަރައްގީ ގެންނެވުމުގެ ވިސްނުން ކުރިއަށް ނެރުއްވައި އަމިއްލަ އިސް ނެންގެވުމާ އެކު ގިނަ ކަންކަން ކުރެއްވި އެވެ.

"އަޅުގަނޑަށް އުމަރު ޒާހިރުގެ އަރިހުން ދަސްވީ ތެދުވެރިކަމާއި މުރާލިކަމާ އެކު ހިދުމަތް ކުރުން. ގައުމީ ހިދުމަތުގައި އުމަރު ޒާހިރު ގެންގުޅުއްވި މޮޓޯއަކީ ތެދުވެރިކަން. ކާމިޔާބީގެ ރީތި ސިފައަކީ ވެސް އެއީ،" އޭނާ ވިދާޅުވި އެވެ.

ޚިދުމަތުގައި އެފަދަ ދެވަނައެއް ނެތް އުމަރު ޒާހިރަކީ އޭނާ ކުރައްވާ މަސައްކަތުގައި ހުރަހަކަށް ބައްލަވާ ބޭފުޅެއް ނޫނެވެ. ވާރޭ ވެހުނަސް އަވި ދިނަސް ނުވަތަ އެހެން ދައްޗެއް ކުރިމަތިވިޔަސް ކުރައްވާ ކަމެއް ފަހަށް މަޑެއް ނުކުރައްވަ އެވެ. ނުވާނެއޭ ބުންޏަސް އެކަމެއްގައި ދޫދެއްވުމަކީ ދުވަހަކު ވެސް ކުރެއްވި ކަމެއް ނޫނެވެ.

ހަމީދު ވިދާޅުވީ ކޮންމެވެސް ގޮތެއް ހޯއްދަވައި އެކަމެއް ކާމިޔާބުކަމާ އެކު ނިންމަވާލައްވާނެ ކަަމަށެވެ. އެ އަޒުމާއި ހިތްވަރު އަދި ކާމިޔާބުވާނެ ކަމަށް ޔަގީންކަން ދެއްވަނީ އެކަމެއް ކުރެވެން އޮތް ގޮތެއް އަމިއްލަ އަށް ހޯއްދެވުމަށް ފަހު އެވެ.

އުމަރު ޒާހިރުގެ ގަޑިއަށް ފަރުވާތެރިވުމުގެ މިސާލެއް ދައްކަވަމުން ހަމީދު ވިދާޅުވީ 1987 ހާ ތަނުގައި ކުނިކޮށީގައި ކުނި އަންދާ މެޝިނެއް ބަހައްޓައިގެން ގަވާއިދުން އެކަން ހިނގާތޯ ބެއްލެވުމަށް އަސްރު ނަމާދުން ފައިބައިގެން ބައިސްކަލް ކޮޅުގައި ކުނި ކޮއްޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

އުމަރު ޒާހިރު ފެއްޓެވި އެއްވެސް ކަމެއް މެދުތެރެއިން ހުއްޓަވާލައްވާ ނަމަ، ހަމީދު ވިދާޅުވި ގޮތުގައި، ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަވައި، އެއީ ނުވާނެ ކަމެއް ކަމަށް ގަބޫލުކުރައްވައި ފަހަތަށް ޖެހިވަޑައިގެންނަވާނެ އެވެ.

"އަޅުގަނޑު ކައިރީގައި ދެންނެވި ހަމީދުއޭ ކެބިނެޓުގައި ތިމަންނަ ކިތަންމެ ދުވަހަކު އެކަމަށް އެދެމުން އެދެމުން ގޮސް ކުޑަ ލާރިކޮޅެއް ލިބިގެން އެ މަސައްކަތް ފެއްޓެވީއޭ. ކިތަންމެ ބަޔަކު ތިމަންނަ ކައިރީގައި ބުންޏޭ ތި ކަމެއް ނުވާނެއޭ،" ހަމީދު ވިދާޅުވި އެވެ.

"އެކަމަކު އެންމެ ފުރަތަމަ ބާޖުގައި އެ ރަސްމިއްޔާތު ރައީސް މައުމޫން ފެއްޓެވީއްސުރެން ކޮންމެ ދުވަހަކު، އެންމެ ދުވަހެއް ވެސް ވައްޓާނުލައްވައި ހުޅުމާލެއަށް ވަޑައިގަތް. ހުޅުމާލެ، ހިއްކި ފަހުން ކޮންމެ ހަފުތާއަކު ވަޑައިގަތް ބެއްލެވި. މި ފަހުން ފުވައްމުލަކަށް ފުރާވަޑައިގަތުމުގެ ކުރިން ތިލަފުއްޓަށް ވަޑައިގެންނެވި، ހުޅުމާލެ އަށް ވަޑައިގެންނެވި."

ހަމީދަށް ފާހަގަކުރެއްވުނު އަނެއް ސިފައަކީ މީހަކު ކުރޭތޯ ބަލަން އެއްވެސް ކަމެއް ދޫކޮށްލައްވައިގެން ނުހުންނެވުމެވެ. އެ ކަމެއް ހިނގަނީ އެންމެ ފުރިހަމައަށްތޯ ބައްލަވަނީ އަމިއްލައަށެވެ.

"އެއީ ސަރުކާރު މަސައްކަތެއް އެކަންޏެއް ނޫން އިނގޭތޯ. އަޅުގަނޑުގެ ގެ ހެދި އިރު ވެސް އެކަން ބަލަން އަމިއްލައަށް ވަޑައިގަތް،"

އުމަރު ޒާހިރު، އާއްމުންނާ ގާތް ގުޅުމެއް އުފެދި އެހާ ވަރުގަދަ ޝަހުސިއްޔަތަށް ވީ ގެންގުޅުއްވި ހިތްތިރިކަމާއި އިންސާނިޔަތުކަމުންނެވެ. ވަޒީރުކަން ނުވަތަ ދައުލަތުގެ މަތީ މަގާމުތައް ފުރުއްވި ނަމަވެސް އުމަރު ޒާހިރުގެ ފަރާތްޕުޅުން އެއީ އާދައިގެ ރައްޔިތުންނަށް ވުރެން މަތީގައި ހުންނެވި ބޭފުޅެއް ކަމުގެ އިހްސާސެއް ނުކުރެއްވޭނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

މުވައްޒަފުންނާ ވެސް އެހާ ގާތް ގުޅުމެއް ބޭއްވި އެވެ.

"ހަމަ ކޮންމެ މީހަކާ ވެސް އެހާ ގާތްކަމާ އެކު ވާހަކަ ދައްކަވާނެ. އަޅުގަނޑުގެ ފޯނަށް މިއަދު ލިބޭ މެސެޖްތަކާއި ފޯނު ކޯލުތަކަށް ބަލާލުމުން އެކަނި ވެސް އެނގޭނެ އޮންނަ ގުޅުން. އެމަނިކުފާނު ދެކެ ވާ ލޯބިން މުޅި ރާއްޖެ އިން އެ މެސެޖް ފޮނުވަނީ،" ހަމީދު ވިދާޅުވި އެވެ.

ހިތާމަވެރި ވަގުތުކޮޅުގައި، ހަމީދަށް ވިދާޅުވެވުނީ އުމަރު ޒާހިރުގެ އޯގާތެރިކަމާއި ހިދުމަތްތަކުން ކުޑަ މިންވަރެކެވެ. ދިވެހި ގައުމު އެކަންޏެއް ނޫނެވެ. އުމަރު ޒާހިރަކީ، ހަމީދުގެ ހިތުން ދުވަހަކު ވެސް ފިލައިގެންދާނެ ލޯތްބެއް ނޫނެވެ.