ފްލެޓްތަކުގެ ކުލި ކުޑަކޮށްދެވެން ނެތް ކަމަށް ވަނީ އަންގާފައި: މުއިއްޒު
ފްލެޓްތަކުގެ ކުލި ކުޑަކޮށްދެވެން ނެތް ކަމަށް ވަނީ އަންގާފައި: މުއިއްޒު

ހިޔާ ފްލެޓްތަކަށް ސަރުކާރުން ކަނޑައަޅާފައިވާ 7،500ރ. ގެ ކުލި ކުޑަކުރެވެން ނެތް ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށާއި ފިނިޝިން މަސައްކަތްތައް ނިންމަން ނުވަ މަސް ދިނުމަށް މާލޭ ސިޓީ ކައުންސިލުން އެދިފައި ވިޔަސް އޭގެ ޖަވާބުގައި ރައީސް އޮފީހުން އެންގީ ފްލެޓުގެ ކުލި ކުޑަކޮށްދެވެން ނެތް ކަމާއި ފިނިޝިން މުއްދަތު ވެސް އިތުރުކުރެވެން ނެތް ކަމަށެވެ.

އެކަމާ ގުޅިގެން ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު، "މިހާރު" އަށް ވިދާޅުވީ މީގެ ދެ ވަރަކަށް ހަފްތާ ކުރިން އެތަނުގެ ކުލި ކުޑަކުރެވެން ނެތް ކަމަށް ނިންމައި ރައީސް އޮފީހުން އެންގި އެންގުމަކީ ވަރަށް ދެރަ ނިންމުމެއް ކަމަށެވެ.

"އެތައް ހާސް ރައްޔިތުންގެ މާލޭ ސިޓީ ކައުންސިލްގައި ވެސް އެދެމުންދާތީ އަޅުގަނޑުމެން ސަަރުކާރުގައި އެދުނީ ކުލި ކުޑަކޮށްދިނުމަށް. ވަރަށް ދެރަވަރު ނިންމުމެއް މިއީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުލި ކުޑަކޮށްދިނުމަށް ކައުންސިލުން އެދި ހުށަހެޅިއިރު ކުލި ކުޑަ ކުރެވިދާނެ ގޮތްތަކާ ގުޅިގެން ކައުންސިލުން ހޯދި ހޯދުންތަކެއް ވެސް ވާނީ ހުށަހަޅައިފަ އެވެ. އެކަމަކު އެކަމަށް ވެސް ރިއާޔަތް ކުރެމެއް ނެތި ސަރުކާރުން ނިންމި ނިންމުމަކީ އެތައް އާއިލާއަކަށް އޭގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ދީފަ އިން މުއްދަތު ފްލެޓް މަސައްކަތް ނުނިމުނަސް ކުލި ދައްކަން އެބަޖެހޭ. މިއީ ރައްޔިތުން އުޅޭ ހާލު ނުބަލައި ނިންމި ހިތާމަވެރި ނިންމުމެއް. މި ނިންމުން ބަދަލުކުރަން އަދިވެސް އަޅުގަނޑު އެދެނީ،"

މި ސަރުކާރުން ބުނާ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އަގަކީ ކުލި ކުޑަަކުރެވެން އޮތް އެންމެ ހެޔޮ އަގެވެ. އެއަށް ވުރެ ކުޑަ ކުރާ ނަމަ، އެ ފްލެޓްތައް ހެދުމަށް ނަގާފައިވާ ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތަށް ނުދެއްކޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ނަމަވެސް، ފްލެޓްތަކުގެ ފިނިޝިން ނިންމަން ދިން މުއްދަތު އިތުރުކުރެވޭތޯ މަޝްވަރާކުރާ ކަމަށް ބުނެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅި ދެ ކޮޓަރީގެ ފްލެޓްތައް ހަވާލުކުރީ ފާހާނާގައި ދޮރުފަތް ހަރުނުކޮށް، ތަށިމުށި ނުޖަހައި، ފަންކާ އާއި ލައިޓުތައް ވެސް ހަރު ނުކޮށެވެ. ފްލެޓުގައި ކުލަ ލާން ޖެހެނީ ވެސް ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް މި ފްލެޓްތައް ނިންމަން ދިން ހަތަރު މަހުގެ މުއްދަތު މި ޑިސެމްބަރު މަހުގެ ނިޔަލަށް ހަމަ ވާނެ އެވެ. ފްލެޓުތަކުން މަހު ކުލީގެ ގޮތުގައި 25 އަހަރަށް ބަހާލައިގެން 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ނަގަން ނިންމާފައިވެ އެވެ.