އިންޑިއާގެ ދައުރެއް ރާއްޖޭގައި ނެތް ކަމަށް ބުނުމަކީ ނިކަމެތިކަން ލިބޭނެ ކަމެއް: ނަޝީދު
އިންޑިއާގެ ދައުރެއް ރާއްޖޭގައި ނެތް ކަމަށް ބުނުމަކީ ނިކަމެތިކަން ލިބޭނެ ކަމެއް: ނަޝީދު

ރާއްޖޭގައި އިންޑިއާގެ ދައުރެއް ނެތް ކަމަށް ބުނުމަކީ ދިވެހިންނަށް ނިކަމެތިކަން ލިބޭނެ ފަލްސަފާއެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު ދިނުމަށް މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި އުފެދެމުން މި އަންނަ ވާދަވެރިކަމުގައި ރާއްޖެ ނާޒުކު ހަތަރުއަނގޮޅިއަކަށް ހުއްޓެން ޖެހިފައިވާ ކަމަށެވެ.

އެ ހުއްޓުމުގައި ދިވެހިން ބޭނުންވަނީ އިތުރު ރަހުމަތްތެރިންނާ ގުޅުން ބަދަހި ކުރުން ކަމަށާއި އަވަށްޓެރި ގައުުމުތަކުގެ ތެރެއިން އެތެރެވަރި ގައުމުތަކުގެ ދައުރެއް ރާއްޖޭގައި ނެތް ކަމަށް ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ދިވެހިންނަށް ދެރަގޮތް މެދުވެރިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެއީ ހަމައެކަނި އަޅުގަނޑަށް ފެންނަ ފެނުމުގައި ހަގީގަތާ ހިލާފު ވާހަކައެއް ނޫން. އެހާމެ ދިވެހިންނަށް ނިކަމެތިކަން ލިބޭނެ ދެރަ ގޮތްތައް މެދުވެރި ކުރާނެ ބުނުމެއް ފިކުރެއް، ފަލްސަފާއެއް،" ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގައި ދިވެހިންގެ ދައުރު ވަރަށް ބޮޑު ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން 10،000 އަށް ވުރެ ގިނަ އުޅަނދުގައި 50،000 އަށް ވުރެ ގިނަ ދިވެހިން އަބަދުވެސް އިންޑިއާ ކަނޑުގައި ދަތުރު ކުރާނެ ކަމަށާއި ދިވެހިންގެ އެންމެ ބޮޑު މަސްލަހަތަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މި ރާއްޖެއަށް ލިބޭ ރިޒުގެއް މި ލިބެނީ ކަނޑުން." އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން އިންޑިއާ އާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އިރު އިދިކޮޅު ފަރާތްތަކުން ވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ކުރަން ފަށައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ މި ކެމްޕެއިނުގައި ގޮވާލަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުވުމަށެވެ.