21 ޑިސެމްބަރ 2021 - 07:54

ބަސެލް، ސްވިޒަލެންޑް (ޑިސެމްބަރު 20) - މިއަހަރު ބާއްވަން ފެށި ޔޫރަޕުގެ ތިންވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތް، އޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުން އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާ ކަޓައިފި އެވެ.
ޓޮޓެންހަމް މުބާރާތުން ކެޓީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ފްރާންސްގެ ރެނެސްއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސް ކުރުމުން، އަލުން މެޗު ކުޅޭނެ ތާރީހެއް ދެ ޓީމަށް އެއްބަސް ނުވެވިގެން، މި މެޗުން ރެނެސް 3-0 އިން މޮޅުވީ ކަމަށް ޔޫއެފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމުމުންނެވެ.
ޓޮޓެންހަމުން މެޗު ފަސް ކުރުމުން ޔޫއެފާއިން ވަނީ މި މައްސަލަ ބަލައި، މެޗު އިތުރަށް ކުރިޔަށް ނުގެންދާނެ ކަމަށް މިމަހުގެ 11 ވަނަ ދުވަހު ނިންމައިފަ އެވެ. ނަމަވެސް މެޗުގެ ނަތީޖާއާ މެދު ގޮތެއް ނިންމާނީ އޫއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ ކޮމިޓީން ކަމަށް އެ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފަ އެވެ.
މި ނަތީޖާއާ އެކު ޓޮޓެންހަމް ކެޓީ ގުރޫޕުގެ ތިންވަނައިގައި ނިންމަން ޖެހުމުންނެވެ. ރެނެސް އަށް ގުރޫޕުގެ އެއްވަނަ ލިބުނުއިރު، ދެވަނަ ޔަގީން ކުރީ ނެދަލެންޑްސްގެ ވިޓޭސޭ އެވެ. ޓޮޓެންހަމް ވަނީ ގްރޫޕް ސްޓޭޖުގައި ވިޓޭސޭ އާއި، ސްލޮވީނިއާގެ މޫރާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ބަލިވެފަ އެވެ. މޮޅުވީ، މި ދެ ޓީމާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުންނެވެ. ރެނެސްއާ ދެކޮޅަށް ފްރާންސުގައި ކުޅުނު މެޗު ވީ އެއްވަރެވެ.
ކޮންފަރެންސް ލީގު ގުރޫޕް ސްޓޭޖު ފަހު މެޗުގައި މިމަހުގެ 9 ވަނަ ދުވަހުގެ ރޭ ޓޮޓެންހަމުން ރެނެސްއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސް ކުރީ ޓޮޓެންހަމްގެ، އަށް ކުޅުންތެރިންނާއި ފަސް ސްޓާފުން ކޮވިޑަށް ޕޮޒިޓިވް ވެގެންނެވެ. ޔޫއެފާ ގަވާއިދުގައިވާ ގޮތުން ޓީމުގެ އޭ ލިސްޓުގެ ކުޅުންތެރިންގެ ތެރެއިން ގޯލް ކީޕަރަކާ އެކު 13 ކުޅުންތެރިން ހަމަވާނަމަ ތާވަލާ އެއްގޮތަށް މެޗު ކުރިޔަށް ގެންދާނެ އެވެ. އަދި ގުރޫޕް ސްޓޭޖުގެ މެޗުތަކުން ފަސް ކުރާ މެޗުތައް މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކުޅެން ޖެހޭނެ އެވެ.
ޓޮޓެންހަމް ވަނީ ކޮވިޑާ ގުޅިގެން އެ ޓީމުގެ ޓްރެއިނިން ސެންޓަރު ބަންދުކޮށް، ރެނެސްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ އިތުރުން، ޕްރިމިއާ ލީގުގައި ބްރައިޓަން އާއި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗު ވެސް ފަސްކޮށްފަ އެވެ. އެއަށް ފަހު އެޓީމުން ވަނީ ލީގުގައި އިއްޔެ ރޭ ލިވަޕޫލާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗަށް ފަހު 24 ގަޑިއިރު ފަހުން ޓޮޓެންހަމުން ރޭ މެޗު ކުޅެން ތައްޔާރަށް ތިބި ނަމަވެސް ރެނެސް އިން ރޭ މެޗު ކުޅެން އެއްބަހެއް ނުވި އެވެ.
ރެނެސް ވަނީ އެންމެ ފަހުން ހޮނިހިރު ދުވަހުގެ ރޭ ފްރެންޗް ކަޕުގައި ކުޅެފަ އެވެ. އަދި މި އަހަރު އެޓީމު ކުޅޭ އެންމެ ފަހު މެޗަކަށް ވާނީ ބުދަ ދުވަހުގެ ރޭ ލީގުގައި މޮނާކޯއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެއަށް ފަހު އެ ޓީމަށް އާ އަހަރާ ހަމައަށް ބްރޭކެއް ލިބޭނެ އެވެ.
އިނގިރޭސި ލީގު ކަޕް ކުއާޓާ ފައިނަލުގައި ޓޮޓެންހަމުން ބުދަ ދުވަހުގެ ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭނެ އެވެ. އަދި އަންނަ ހަފްތާގައި އެ ޓީމު ލީގުގައި ތިން މެޗު ކުޅެން ޖެހެ އެވެ.