20 ޑިސެމްބަރ 2021 - 12:31

ޗިލީގެ ރައީސްގެ މަގާމަށް، އެ ގައުމުގެ ކިޔަވާކުދިންގެ ކުރީގެ ލީޑަރުގެ ގޮތުގައި، އިދިކޮޅު މުޒާހަރާތަކުން މަޝްހޫރުވި ގެބްރިއަލް ބޮރިކް އިއްޔެ އިންތިހާބުކޮށްފި އެވެ.
ވޯޓު ލުމަށް ބެހެއްޓި ފޮށިތަކުގެ 99 ޕަސެންޓް ފޮށީގެ ވޯޓު ގުނައި ނިމިފައިވާ އިރު، ވޯޓު ލީ މީހުންގެ 56 ޕަސެންޓް މީހުން ވޯޓު ދީފައިވަނީ ގެބްރިއަލް އަށެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ކޮންޒަވޭޓިވް ކެންޑިޑޭޓް ހޯސޭ އެންޓޯނިއޯ ކާސްޓް އަށް ލިބިވަޑައިގަތީ 44 ޕަސެންޓް ވޯޓެވެ.
ވޯޓުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުން، އިދިކޮޅު ކެންޑިޑޭޓް ހޯސޭ އެންޓޯނިއޯ ވަނީ، ލިބިވަޑައިގެންނެވި ނާކާމިޔާބީ ގަބޫލު ކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ބޮރިކް އަށް މަރުހަބާ ވިދާޅުވެފަ އެވެ. މަގާމާ ހަވާލުވެވަޑައިގަތުމުން، މިހާރު އުމުރުން 35 އަހަރުގެ ބޮރިކް ވެވަޑައިގަންނަވާނީ އެ ގައުމުގައި ވެރިކަން ކުރައްވާ އެންމެ ޒުވާން ރައީސަށެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއާ ގުޅިގެން، މިހާރުގެ ރައީސް ސެބަސްޓީނާ ޕިނޭރާ ވަނީ، ބޮރިކް އަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ތިން މަސްދުވަހުގެ އިންތިގާލީ މަރުހަލާގައި، ވެރިކަން ބަދަލުކުރުމުގެ ކަންކަމުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"އަޅުގަނޑު ވާނީ ޗިލީގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް. މި ބޮޑު ގޮންޖެހުމުގެ އެންމެ އުހަށް ކާމިޔާބާއެކު ވާސިލުވުމަށް އަޅުގަނޑަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނަން،" ބޮރިކް ވިދާޅުވި އެވެ.
ބޮރިކް، ޗިލީގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިއަންނަ މާރިޗު މަހުގެ ތެރޭގަ އެވެ. ޗިލީގެ އާންމު ރައްޔިތުންގެ މެދުގައި، މިހާރުގެ ވެރިކަމާ ދެކޮޅު ޝުއޫރުތައް އުތުރިގަތީ، ސަރުކާރުން ގެންގުޅޭ އިގްތިސާދީ ސިޔާސަތުގެ ދޯހަޅިކަން ރައްޔިތުންނަށް ވިސްނައިދެއްވުމަށް ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ.
އޭގެ އިތުރުން ބޮރިކްގެ މަގުބޫލުކަން އިތުރުވެގެން ދިޔައީ، 2011 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް އާންމު ރައްޔިތުން ފެށި މުޒާހަރާތަކުގައި، ޔުނިވަސިޓީ އޮފް ޗިލީގެ ދަރިވަރުންގެ ޖަމިއްޔާގެ ރައީސްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން ކުރެއްވި އިހުތިޖާޖުތަކާ ގުޅިގެންނެވެ. އެ މުޒާހަރާތަކުގައި ދަރިވަރުންގެ ޖަމިއްޔާގެ ފަރާތުން ސަރުކާރަށް އެންމެ ބޮޑަށް ބާރުއަޅަމުން ދިޔައީ، ތައުލީމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމަށެވެ.
އޭގެ ފަހުން 2014 ވަނަ އަހަރު އެ ގައުމުގެ އެންމެ ދެކުނު ސަރަހައްދު ކަމަށްވާ މަގަލަނީސްގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އަށް އޭނާ އިންތިހާބުވެވަޑައިގެން، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.
ރިއާސީ ކެމްޕޭންގައި ބޮރިކް ވައުދުވެވަޑައިގެންނެވި އެންމެ މުހިންމު ކަމަކީ، އެ ގައުމުގެ ހުދުމުހުތާރު އަސްކަރީ ވެރިޔާ ޖެނެރަލް އޮގަސްޓޯ ޕިނޯޝޭގެ ވެރިކަމުން ފެށިގެން އެ ގައުމުގައި އޮތް ނިއޯލެބެރަލް އިގްތިސާދުގެ ބަދަލުގައި ޒަމާނީ އިގްތިސާދީ ނިޒާމެއް ގާއިމުކުރެއްވުމަށެވެ. އޭގެ އިތުރުން، އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ކުރާ ހޭދަ އިތުރުކުރައްވައި، ފަގީރުންނާއި މުއްސަނދިންގެ ތަފާތު ކުޑަކުރެއްވުމަށާއި ތިމާވެށީގެ ހިމާޔަތަށް އިސްކަން ދެއްވުމަށް ވެސް ވައުދުވެވަޑައިގަތެވެ.