20 ޑިސެމްބަރ 2021 - 11:30

މެޑްރިޑް (ޑިސެމްބަރު 20) - ސްޕެނިޝް ލަ ލީގާގައި ރެލިގޭޝަން ޒޯނުގައި އޮތް ކާޑިޒް އަތުން މޮޅު ނުވެވި، ރެއާލް މެޑްރިޑުން އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ރެއާލް އާއި ކާޑިޒް ބައްދަލު ކުރި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިންނެވެ. މި މެޗު އެއްވަރުކޮށް، ކާޑިޒް އިން ވަނީ ލީގުގައި ރެއާލް ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާ ހުއްޓުވައިފަ އެވެ. އެ މެޗުގެ ކުރިން ރެއާލް ވަނީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅުވެފަ އެވެ.
ރޭގެ މެޗުގައި ފެޑެރިކޯ ވަލްވާޑޭ އާއި އެޑެން ހަޒާޑް އަދި ވިނީޝަސް ޖޫނިއާގެ އިތުރުން ކަރީމް ބެންޒެމާ އާއި ޓޯނީ ކްރޫސް ފޮނުވާލި ހަމަލާތައް ކާޑިޒްގެ ކީޕަރު ހެރެމިއަސް ލެޑެސްމާ ވަނީ މަތަކޮށްފަ އެވެ. ރެއާލުން މުޅި މެޗު ކޮންޓްރޯލް ކޮށްގެން 82 ޕަސެންޓް ބޯލް ޕޮސެޝަންއާ އެކު އުފެއްދި 36 ހަމަލާއިން
ގޯލާ އަމާޒު ކޮށްލެވުނީ ނުވަ ޝޮޓެވެ.
ރޭގެ މެޗަކީ ރެއާލްގެ ކެޕްޓަން ބެންޒެމާ ލަ ލީގާގައި ކުޅުނު 400 ވަނަ މެޗެވެ. އަދި ޒުވާން ފޯވަޑް ވިނީޝަސް ވެސް ވަނީ ރޭގެ މެޗާ އެކު ލީގުގައި 100 މެޗު ހަމަކޮށްފަ އެވެ. މީގެ އިތުރުން ރޭގެ މެޗަކީ ނޮވެމްބަރު 2019 ގެ ފަހުން ހަޒާޑް ފުރަތަމަ 11 ގައި ހިމެނިގެން މެޗެއް ފުރިހަމަ ކުރި ފުރަތަމަ މެޗެވެ.
ރެއާލް މޮޅުވުމުގެ ސިލްސިލާ ހުއްޓުމަކަށް އައި ނަމަވެސް އެ ޓީމު ވަނީ ރޭގެ މެޗާ އެކު ލީގުގައި މެޗަކުން ބަލި ނުވެ، ޖެހިޖެހިގެން 10 މެޗު ހަމަކޮށްފަ އެވެ. މި ސީޒަނުގެ ލީގުގައި ރެއާލް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ރެއާލްގެ ހަ ކުޅުންތެރިން ޓީމުގައި ނުހިމަނައި ކުޅުނު މި މެޗަށް ފަހު އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ގޯލެއް ޖެހުން ފިޔަވައި މެޗުގައި ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށެވެ.
މި ނަތީޖާއާ އެކު ރެއާލް އެއްވަނައިގައި އޮތީ 18 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް ސެވިއްޔާ އަށް ލިބެނީ 37 ޕޮއިންޓެވެ. ނަމަވެސް މާދަމާ ރޭ ސެވިއްޔާއިން، ޓޭބަލްގެ ހަތްވަނައިގައި އޮތް ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ރެއާލާ ތިން ޕޮއިންޓާ ގާތަށް ޖެހިލުމުގެ ފުރުސަތު އެބަ އޮތެވެ.