ރާއްޖޭގައި ނެގި ސްޓާ ވޯޒް ފިލްމުގެ ޓިކެޓް އެލައިޑުން 50 މީހަކަށް ދެނީ
ރާއްޖޭގައި ނެގި ސްޓާ ވޯޒް ފިލްމުގެ ޓިކެޓް އެލައިޑުން 50 މީހަކަށް ދެނީ

ރާއްޖޭގައި ގިނަ މަންޒަރުތަކެއް ނަގާފައިވާ ސްޓާ ވޯޒްގެ އާ ފިލްމު ބަލާލަން ސިނަމާ އަށް ހިލޭ ވަނުމުގެ ފުރުސަތު ލިބޭ ކުއިޒެއް އެލައިޑް އިންޝުއަރެންސް އިން މިއަދު ފަށައިފި އެވެ.

އެލައިޑުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި ކުއިޒް އެ ކުންފުނީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް މި މަހުގެ 16 އިގެ ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. ސްޓާ ވޯޒްއާ ގުޅޭ ސުވާލުތަކެއް ހިމަނާފައިވާ މި ކުއިޒް ފުރިހަމަ ކުރުމަށް ފަހު، ފޭސްބުކްގައި ޝެއާކުރަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުއިޒްގައި ހިމެނޭ ސުވާލުތަކަށް ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން 50 ފަރާތެއް ހޮވައި ކޮންމެ މީހަކަށް ދެ ޓިކެޓް ދޭން ވަނީ ނިންމައިފަ އެވެ. އަދި ޝޯ އަށް ދާ ފަރާތްތަކަށް ޕޮޕްކޯނާއި ކޮކާކޯލާ ވެސް ހިލޭ ދޭނެ އެވެ.

ދުނިޔޭގެ ސިނާމަތަކުގައި އަންނަ ބުދަ ދުވަހު ދައްކަން ފަށާ "ރޯގް ވަން: އަ ސްޓާ ވޯޒް ސްޓޯރީ" މާލޭގެ ޝްވެކް ސިނަމާގައި އަންނަ ހުކުރު ދުވަހު އަޅުވަން ފަށާނެ އެވެ. އެލައިޑުން ވަނީ ހޮނިހިރު ދުވަހުގެ ހަވީރު އޮންނަ ޝޯގެ ހުރިހާ ޓިކެޓެއް ގަނެފަ އެވެ. ކުއިޒުން ހޮވޭ 50 ފަރާތަށް ދެނީ އެ ޝޯގެ 100 ޓިކެޓެވެ.

ރޯގު ވަންގެ މަންޒަރުތައް ނަގަން ސްޓާ ވޯޒްގެ ކުރޫ މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގައި މަހެއްހާ ދުވަސް ހޭދަ ކުރި އެވެ. އެއީ 100 އަށް ވުރެ ގިނަ މީހުން ހިމެނޭ ބޮޑު ކުރޫ އެކެވެ. ހެލިކޮޕްޓަރަކާއި އެ ނޫން ވެސް ބޮޑެތި އާލާތްތައް ގެނެސް، ލ. އަތޮޅު ފުރާލި އެވެ. ބޮޑަށް ނެގީ ހަނގުރާމަ މަތީ މަންޒަރުތައް ކަމަށް ވާއިރު، ރާއްޖޭގެ ވިއްސަކަށް މިނިޓުގެ ފުޓޭޖު ފިލްމުގައި ހިމަނާފައިވާ ކަމަށް ވެ އެވެ.

ރޯގު ވަން އަކީ ސްޓާ ވޯޒް ފިލްމު ސިލްސިލާގެ ނުވަ ވަނަ ފިލްމެވެ. އެކަމަކު، މިއީ މައި ސިލްސިލާއާ ވަކިން ނެރޭ ދެ ފިލްމު ހިމެނޭ "ސްޓާ ވޯޒް އެންތޮލޮޖީ"ގެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ޕޯސްޓަރުތަކާއި ޓްރެއިލާ އިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ ރާއްޖެ އަށް ވަރަށް ބޮޑަށް ފޯކަސް ކޮށްފައިވާ ކަމެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކަން ކޮށްފައިވާ މަސައްކަތެވެ.