14 ޑިސެމްބަރ 2016 - 06:31

މި އަހަރު ސޯޝަލް މިޑިއާ ސައިޓުތަކުގައި އެންމެ މަގުބޫލު ޓްރެންޑުތަކުގެ ތެރެއިން ރެއިންބޯ އަދި ޔުނިކޯން ޓްރެންޑް ހިމެނެ އެވެ. އިސްތަށިގަނޑާއި މޭކަޕްގެ ސްޓައިލްތައް އާދަޔާ ހިލާފު ތަފާތު ގޮތްގޮތަށް ސްޓައިލް ކޮށްފައި ހުރި ތަން ވެސް ފެނިފައިވެ އެވެ. ނަމަވެސް، ރެއިންބޯ އަދި ޔުނިކޯން ޓްރެންޑަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކަމުދާ ވައްޓަފާޅިއަކަށް ވެއްޖެކަން ފާހަގަވެ އެވެ. ވިއްސާރަ ދުނީގެ ކުލަތަކުން އިސްތަށިގަނޑު ޑައިކޮށްލުން ނުވަތަ 'ޔުނިކޯން ޓިއާޒް' ލިޕްސްޓިކް ޖެއްސުން މިހާރު މި ވަނީ މަގުބޫލުވެފަ އެވެ.
ފަހަކަށް އައިސް ލޮލުގައި ކާޖަލް ނުވަތަ އައިލައިނާ އެޅުމަކީ އާދައިގެ ކަމެއް ނޫނެވެ. މިފަހުގެ ގޮތަކީ ކަޅު ކުލައިގެ އިތުރުން އެކި ކުލައިން އެކި ގޮތްގޮތަށް އައިލައިނާ ކުރަހާލުމެވެ. ޔުނިކޯން އައިލައިނާ އަކީ ޔުނިކޯން އަދި ރެއިންބޯ ޓްރެންޑާ ގުޅުވާލައިގެން ގިނަ ބަޔަކު ބޭނުންކުރާ ސްޓައިލެކެވެ.
ހިޔާލީ ވާހަކަތަކުގައި އުޅޭ ޔުނިކޯންއިން ހިޔާލު ހޯދައިގެން އޭގެ ނިތްކުރީގައިވާ ދިގު ކަށި، ކާޖަލް ގޮތަށް ލޮލުގައި ކުރަހާލަނީ އެވެ. ފިޔާތޮށި، ނޫ އަދި ދަނބު ކުލައިން ލޮލުން ބޭރަށް ވާ ގޮތަށެވެ.
އިންސްޓަގްރަމް އަދި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ސައިޓުތަކުގައި މި މޭކަޕް ޓްރެންޑް އެކި މީހުން ޖައްސާފައި ހުންނަ ގޮތް ދައްކާލަ އެވެ. ވިދާ ޑިސްކޯ ކުނޑި ނުވަތަ ގްލިޓާ އެސްފިޔަ އާއި ބުމައިގައި ޖައްސާލަ އެވެ. މޭކަޕަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް މިއީ މަޖާ އަދި ތަފާތު ސްޓައިލެކެވެ. ނަމަވެސް، މި ސްޓައިލަށް މޭކަޕް ކޮށްގެން، އޮފީހަށް، ސްކޫލަށް ނުވަތަ ރަސްމީ މުނާސަބަތުތަކަކަށް ނުދެވޭނެ އެވެ. ޕާޓީއަކަށް ނުވަތަ ކޮސްޓިއުމް ޕާޓީއަކަށް މި ސްޓައިލަށް މޭކަޕް ޖައްސާލެވިދާނެ އެވެ.