19 ޑިސެމްބަރ 2021 - 17:43

ބަދީގޭގައި އޮތް މިޔަ ހަލާކުވެފައިވާ އޮތް ވަޅިއެއް ނަގައިގެން 4 އަހަރުގެ ލައިޝާން މުހައްމަދު އުޅުނީ ދޮރުފަތުގެ ތަޅަށް އެ ހަރައިގެން ކުޅޭށެވެ. ތަޅަށް ކޮއްޕައިގެން އެގޮތް މިގޮތަށް ހަދަނިކޮށް ވަޅީގެ ކޮޅު ގޮސް ހެރުނީ ލައިޝާންގެ ކަޅު ކަޅީގެ މެދަށެވެ.
ތ. ތިމަރަފުށީގައި ދިރިއުޅޭ އެ އާއިލާގެ އެންމެ ހަގަށް ހުރި ކުއްޖާގެ ލޮލަށް ވަޅި ހެރުމުން އެންމެ ފުރަތަމަ ގެންދިޔައީ ރަށުގައި ހުންނަ ސިއްހީ މަރުކަޒަށެވެ. އެ ތަނުން ކުރެވޭނެ މާބޮޑު ކަމެއް ނެތުމުން ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވެސް ގެންދިޔަ އެވެ. އެކަމަކު ހާދިސާ ހިނގިތާ ހަތަރު ގަޑިއިރުގެ ތެރޭގައި އެންމެ ފަހުން ސީއެމްބިއުލާންސްގައި ގެންނަން ޖެހުނީ އައިޖީއެމްއެޗަށެވެ.
ކުއްޖާގެ ބައްޕަ، މުހައްމަދު އިމާދު، "މިހާރު" އަށް ކިޔައިދިން ގޮތުގައި ބުރާސްފަތި ދުވަހު މާލެ ގެނައި ގޮތަށް ކުޑަ ކުއްޖާ އަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ. އެކަމަކު އެތަނުން ވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތުމުން ކުއްޖާ އިންޑިއާ އަށް ގެންދިއުމުގެ މަސައްކަތް އާއިލާ އިން ދަނީ ކުރަމުންނެވެ.
"ކުއްޖާގެ ހާލަތު ބުނެދޭކަށް ނޭނގޭ އައިޖީއެމްއެޗަކަށް. އެހެންވެ އަޅުގަނޑުމެން މަސައްކަތް މިކުރަނީ އިންޑިއާގެ މަދޫރާއީގެ އަރްވިންދު ހޮސްޕިޓަލަށް ދަރިފުޅު ގެންދިއުމަށް،" އިމާދު ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ކުއްޖާގެ ލޮލަށް ބޭސް އެޅުމަށް އެ ލޯ ހުޅުވަން ޖެހެނީ ވެސް ގަދަކަމުންނެވެ. ލޮލުގެ ތަންކޮޅެއް ފަހާފައި ހުރުމުން، ރޮނދިކޮޅު ޖެހޭތީ އެ ލޯ ހުޅުވަން ވެސް ކުއްޖާ ބޭނުން ނުވާ ކަމަށް ބުންޏެެވެ.
"ވަރަށް ވޭން އަޅާތީ ލޯ ނުވެސް ހުޅުވާ އަދިވެސް. ބޭސް އަޅަން ވެސް ގަދަކަމުން ހުޅުވަނީ."
ކުއްޖާ ގޮވައިގެން ބޭހަށް ފުރުމަށް މިހާރު ވަނީ އާސަންދަ ހަމަޖެހިފަ އެވެ. ނަމަވެސް ކުއްޖާ ގޮވައިގެން ފުރޭނެ ދުވަހެއް އަދިވެސް ބުނެދޭން ނޭނގޭ ކަމަށް ބުންޏެވެ.
"މާދަމާ ވެސް ފުރޭނެ ކަމެއް ނޭނގެއޭ ބުނަނީ. އަޅުގަނޑު އަދިވެސް މިތަނުގައި މިނީ ފުރޭނެ އިރެއް ނޭނގިގެން އުޅެނީ ކީއްވެތޯ ސުވާލުކޮށްގެން އޭގެ ޖަވާބު ލިބެންދެން،" އާސަންދަ އޮފީހުގައި އިނދެ އިމާދު ބުންޏެވެ.
އިމާދު ބުނި ގޮތުގައި ކުއްޖާއަށް އެހީ ހޯދުމުގެ މަސައްކަތް އާއިލާ އިން ކުރަމުންދަނީ ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށް ބޭނުންވާތީ އެވެ. އޭނާ ބުނީ ލަސްވާ ކޮންމެ ދުވަހަކާ އެކު ކުއްޖާގެ ލޮލުގެ ފެނުން ވެސް ފުސްވާ ކަމަށެވެ.