19 ޑިސެމްބަރ 2021 - 14:49

އައްޑޫ، ފޭދޫގެ މިސްކިތަކަށް ބޮޑުކަމުގޮސް ހުރުމަތް ކެނޑި މައްސަލާގައި ހައްޔަރުކުރި މީހާ އަކީ ނަފްސާނީ ބަލީގެ މީހެއް ކަމަށް ޑޮކްޓަރުން ލަފާދީފައިވާތީ އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފޭދޫގެ މިސްކިތަކަށް ބޮޑުކަމުގޮސް އެ ރަށުގެ އެހެން ދެ މިސްކިތެއްގެ ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 47 އަހަރުގެ މީހާގެ ހާލަތު ދެނެގަތުމަށް ފުލުހުން ވަނީ އޭނާ ޑޮކްޓަރަށް ދައްކައިފަ އެވެ. ފުލުހުން ބުނީ އެ މީހާ ބަންދުގައި ބަހައްޓައިގެން އިތުރު ގެއްލުންތަކެއް އޭނާއަށް ލިބިދާނެ ކަމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށެވެ.
"އެމީހާ ރަނގަޅަށް ބެލެހެއްޓުމަށް އާއިލާއަށް ނަސޭހަތްތެރިވެ އޭނާ ވަނީ އާއިލާއާ ހަވާލުކޮށްފައި،" ފުލުހުން ބުންޏެވެ.
މިސްކިތުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.
މާލޭގެ ހުކުރު މިސްކިތާއި އެހެން ބައެއް މިސްކިތްތަކުގައި ވެސް ހުރުމަތް ކެނޑޭ ފަދަ އަމަލު ހިންގި މައްސަލަތަކެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.