ދަރުމަވަންތަ ހޮސްޕިޓަލްގެ މެއިންޓަނެންސްގެ މަސައްކަތްތައް 20 މިލިއަނަށް ބަޔަކާ ހަވާލުކޮށްފި
ދަރުމަވަންތަ ހޮސްޕިޓަލްގެ މެއިންޓަނެންސްގެ މަސައްކަތްތައް 20 މިލިއަނަށް ބަޔަކާ ހަވާލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިންޓަނެންސްގެ މަސައްކަތްތައް 20 މިލިއަން ރުފިޔާ އަށް ތިން އަހަރުގެ މުއްދަތަށް ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އެ މަސައްކަތް ހަވާލުކުރީ، 25 ބުރީގެ އެ ހޮސްޕިޓަލް އިމާރާތްކުރި ސިންގަޕޫރުގެ ޝަންހުއާ ކޮންސްޓްރަކްޝަނާއި ތުރުކީގެ ޓާމެކްސް ކުންފުންޏާ ކަމަށެވެ. ޓާމެކްސް އަކީ ސައޫދީގެ ރަސްގެފާނުގެ ހިލޭ އެހީގައި ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މާލޭގައި އިމާރާތް ކޮށްފައިވާ މިސްކިތުގެ މަސައްކަތް ކުރި ކުންފުނީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ މެޑިކަލް ސާމާނުތައް ވެސް ސަފްލައި ކޮށްދިން މީހުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގެ ސިސްޓަމްތައް ހިމެނޭ ގޮތަށް، އެ ތަނުގެ މެއިންޓަނެންސްގެ މަސައްކަތް ހަވާލުކުރީ 15.7 މިލިއަަން ރުފިޔާ އަށް ޝަންހުވާއާ އެވެ. މެޑިކަލް ސާމާނުތަކުގެ މެއިންޓަނެންސް މަސަައްކަތް ހަވާލުކުރީ 4.6 މިލިއަން ރުފިޔާއަށް ޓާމެކްސްއާ އެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލްގެ މެޑިކަލް ސާމާނުތަކުގެ މެއިންޓަނެންސްގެ މަސައްކަތްތައް ޓާމެކްސްއާ ހަވާލުކުރީ ކުރިން ކޮށްފައިވާ ކަންކަމުގެ ފެންވަރު އެންމެ ރަނގަޅަށް ހިފެހެއްޓޭނީ އެ ކުންފުންޏަށް ކަމަށް ވާތީ އެވެ.

އެ މިނިސްޓްރީން ބުނީ އިމާރާތުގެ މެއިންޓަނެންސްގެ މަސައްކަތްތައް ޝަންހުއާއާ ހަވާލުކުރީ އެފަދަ އިމާރާތެއްގެ މެއިންޓަނެންސްގެ ކަންކަން ބެލެހެއްޓުމުގެ ގާބިލުކަން އެހެން ކުންފުންޏެއްގެ ނެތުމުން ކަމަށެވެ.

ފިނޭންސުން ބުނިގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިންޓަނެންސްގެ މަސައްކަތްތައް ކުރަން ބަޔަކާ ހަވާލުކުރީ އައިޖީއެމްޗުން ހުށަހެޅި ގޮތަށެވެ.

މި އެއްބަސްވުމުގެ ދަށުން، މެއިންޓަނެންސް މަސައްކަތް ކުރަން އެ ހޮސްޕިޓަލުގެ މުވައްޒަފުން ތަމްރީނު ކުރަން ވެސް ވަނީ ރައީސް އޮފީހުން އެދިފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މެއިންޓަނެންސްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފާއިރު، އެ ތަނުން ދޭން ނިންމާފައިވާ ގިނަ ހިދުމަތްތައް އަދި ވެސް އެންމެ ފުރިހަމައަކަށް ނުދެ އެވެ.