19 ޑިސެމްބަރ 2021 - 11:36

ބަންގްލަދޭޝް މީހަކު ރަހީނުކޮށްގެން ގެންގުޅެ، އޭނާއަށް އަނިޔާކުރި ކަމުގެ ކުށް ސާބިތުވި ބަންގްލަދޭޝް މީހަކު ޖަލަށްލާން ހުކުމްކުރި އިރު، ހުކުމުގެ މުއްދަތަށް ވުރެ ގިނަ ދުވަހު ބަންދުގައި ހުރުމުން މިިނިވަން ވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައިވާ ގޮތުން ބަންގްލަދޭޝްގެ މީހެއް ކަމަށްވާ މުހައްމަދު ސަޖިބާއި އެހެން ބަޔަކު ބައިވެރިވެގެން، ބަންގްލަދޭޝްގެ އެހެން މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރީ އޯގަސްޓް 13، 2020 ގަ އެވެ. އޭރުުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ސަޖިބަށް، ދެ ގަޒިއްޔާއެއްގެ ދަށުން ހުކުމް ކުރީ 10 މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. އޭނާ ވަނީ ހުކުމުގެ މުއްދަތަށް ވުރެ ހަތަރު މަސް އިތުރަށް ބަންދުގައި ހުރެފަ އެވެ.
ހުކުމުގައިވާ މުއްދަތަށް ވުރެ އެތައް ދުވަހެއް އިތުރަށް، އޭނާ ހުރީ ބަންދުގައި ކަމަށް ވާތީ އޭނާ ތަންފީޒުކުރަން ޖެހޭ އަދަބެއް ނެތް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުންޏެވެ.
ސަޖިބްގެ ކުށް ސާބިތުވި މައްސަލައިގައި ހިމެނޭ އަނެއް ދެ މީހުންގެ ޝަރީއަތަށް ވުރެ އޭނާގެ ޝަރީއަތް އަވަހަށް ނިމުނީ، ކުށަށް އިއުތިރާފްވެ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އޭނާގެ މައްސަލަ ބެލީމަ އެވެ. އެކަމަކު އެގޮތަށް މައްސަލަ ބަލަން ފެށީ ބަންދުގައި ހުންނަތާ އެތަައް ދުވަހެއް ފަހުންނެވެ.
ކްރިމިނަލް ކޯޓުގެ ދެ ހުކުމުން ވެސް އެނގޭ ގޮތުގައި ސަޖިބްގެ ޝަރީއަތް ނުނިމި ދިގުލައިގެން ދިޔައީ، އޭނާގެ މައްސަލަ ކުރިން ބެއްލެވި ގާޒީ އިސްތިއުފާދެއްވުމުންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން ސަޖިބާއި ބ. އޭދަފުށި، ރަންވެލި އަބްދުﷲ މުއުތައްޒު އާއި އެ ރަށު އެރޯމާ ހަސަން ސަމޫހް ބައިވެރިވެގެން ރަހީނުކޮށްް އަނިޔާކުރީ ނޫރުލް އަމީން ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކަށެވެ. ނޫރުލް އިސްލާމް ރަހީނުކުރީ ނޫރުލް އިސްލާމް ދިރިއުޅުނު، މއ. ހުކުރަދި ގޭޭގައި އޮއްވަ އެވެ.
މުއުތައްޒުގެ ސައިކަލަށް އަރުވައިގެން، ނޫރުލް އިސްލާމް ގެންގޮސް ބަންދުކުރީ މއ. ވަންދޫގެ ކޮޓަރިއެއްގައި ކަމަށާއި އެތަނުގައި ހުރި ގޮނޑިއެއްގައި ނޫރުލް އިސްލާމް ދެ ދުވަސް ވަންދެން ބޭންދި ކަމަށް ވެސްް ޝަރީއަތުގައި ސަޖިބް އިއުތިރާފްވެފައި ވެ އެވެ. އެއަށް ފަހު އޯގަސްޓް 7، 2020 ގައި ނޫރުލް އިސްލާމް އެ ގެއިން ނެރެގެން ގެންގޮސް ވެެއްދީ އަނދުންގޭ ގޯޅީގައި ހުންނަ ނެދުންގޭގެ ކޮޓަރިއަކަށެވެ. އެތަނުގައި އޭނާ ބަންދުކޮށްގެން އޯގަސްޓް 9 ވަނަ ދުވަހާ ހިސާބަށް ގެންގުޅުނެވެ.
މި މައްސަލާގައި ހިމެނޭ ދެ ދިވެހިންގެ ބައި ވަކި ގަޒިއްޔާތަކަކުން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.