19 ޑިސެމްބަރ 2021 - 12:11

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި ހަލާކުވުމުން އެ ސްކޫލުގެ ދަރިވަރުން ވަގުތީ އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނަމަވެސް ވަގުތީ ހައްލަކަށް ބޭނުންވަނީ "ރާވާ" އިމާރާތެއް ކަމަށް ބެލެނިވެރިން ބުނެފި އެވެ.

ކުރިން މަޖީދިއްޔާ ސްކޫލާ އިންވެގެން ހުރި ދަރުމަވަންތަ ސްކޫލު ބާވެ، ރެނދުލައި ހަލާކުވުމުން ވަގުތީ ގޮތުން ވެލާނާގެ ކައިރީ އޮތް ހުސް ބިމަކަށް ދަރުމަވަންތަ ސްކޫލޫގެ ކުދިން ވެސް ބަދަލުކުރީ ރާވާ އިމާރާތެއް އެޅުމަށް ފަހު އެވެ.
ގާތްގަނޑަކަށް 600 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް އެފަދަ އިންތިޒާމެއް ސަރުކާރުން ހަމަޖެއްސިއިރު އަރަބިއްޔާގެ ދަރިވަރުންނަށް އެ އިންތިޒާމު ހަމަނުޖެއްސޭންވީ ކީއްވެތޯ ބެލެނިވެރިން ސުވާލު އުފައްދަ އެވެ. ހަތް ބުރީގެ އަރަބިއްޔާގެ އާ އިމާރާތަށް އަށް އަހަރުނުވަނީސް އެތަން ވަރަށް ބޮޑަށް ހަލާކުވެ ދަރިވަރުން ތިބީ މަގުމަތިވެފަ އެވެ.
އަރަބިއްޔާގެ ޕީޓީއޭގެ ކުރީގެ ނައިބު ރައީސް ޔޫސުފް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ އެ ސްކޫލުގެ އެސެސްމަންޓެއް މިހާރު އެޑިއުކޭޝަނުން ހަދަމުން އަންނަ ކަމަށާއި އެކަމަށް ވެސް ހަތަރު މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.
އެކަމަކު އަރަބިއްޔާ އިމާރާތް މަރާމާތުކޮށްގެން ވެސް އަނެއްކާ ވެސް ފަސް ވަރަކަށް އަހަރު ފަހުން އެ މައްސަލަ ކުރިމަތިވެދާނެ ކަމަށް އިންޖީނިއަރުން ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން އެހެންވީމަ އަނެއްކާ ވެސް ހަލާކުވެދާނެ އިމާރާތެއް މަރާމާތުކުރުމަަށް ވުރެ ރަނގަޅުވާނެ ރާވާ އިމާރާތެއް ހަދައިގެން ވެސް މިކަމަށް ހައްލެއް ހޯދައިދޭން. ރާވާ އިމާރާތެއް އެބަ ހެދޭ މިތަނުގެ އެސެސްމަންޓަށް ދާ އަގަށް ވުރެ ހެޔޮ އަގެއްގައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަރަބިއްޔާގެ ދަރިވަރުންނަށް ދާއިމީ ހައްލެއް ލިބުމުން އެ ރާވާ އިމާރާތް އެކަމަށް ބޭނުން ޖެހިފައިވާ އެހެން ސްކޫލަކަށް ވެސް ގެންދެވިދާނެ އެވެ.
"އަބަދުވެސް ކޮންމެވެސް ސްކޫލެއްގެ މައްސަަލަތަކެއް އެބަ ދިމާވޭ. މިއީ ބޭކާރު ހަރަދަކަށް ނުވާނެ އޭރުން އަނެއްކާ ވެސް ބޭނުން ޖެހިފައި ތިބި އެހެން ކުދިންތަކަކަށް މިތަން ރޫޅާލައިގެން ގެންގޮސް ހަމަ ރާވާލަންވީ."
އަރަބިއްޔާ ސްކޫލަށް ވުރެ ކުޑަ ތަނެއްގައި ދެ މީޑިއަމެއްގެ ދެ ސްކޫލެއް ކިޔެވުމާ ގުޅިގެން އަރަބިއްޔާގެ ބެލެނިވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު މިކަންބޮޑުވުންތައް ރޭ ވަނީ ނައިބު ރައީސް ފައިސަލް ނަސީމްއާ ވެސް ހިއްސާކުރައްވައިފަ އެވެ.
މި ބައްދަލުވުމުގެ މައުލޫމާތު ހިއްސާކުރައްވަމުން ޔޫސުފް ވިދާޅުވީ ނައިބު ރައީސަށް މިކަމުގައި ލިބިފައި ހުރީ ކުށް މައުލޫމާތުތަކެއްކަން އެނގުނު ކަމަށެވެ.
"އެބޭފުޅުން ހީކުރަނީ އިއްޒުއްދީން ސްކޫލުގައި ކޭޓާ ކުރެވޭނެއޭ މިހާ ކުދިން. އެކަމަކު އެތަނުގައި އެކަން ނުކުރެވޭނެކަން އަޅުގަނޑުމެން ވާނީ ޕްރޫފްކޮށްދީފައި،" ޔޫސުފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަތް ބުރީގެ އަރަބިއްޔާ ސްކޫލުގައި މިހާރު ވެސް 800 އެއްހާ ދަރިވަރުން ކިޔަވަމުން އަންނައިރު އެތަނުގައި ވެސް ޖާގައިގެ ދަތިކަން އެބައޮތެވެ. ޖާގައިގެ ދަތިކަމާ ހުރެ 46 ކްލާސްރޫމުގެ އެ ސްކޫލުގައި މިހާރު ވެސް އިތުރު ގަޑިތައް ބޭއްވުމަށް އުނދަގޫވެ އެވެ. އެކަމަކު 200 އެއްހާ ކުދިން ކިޔަވަމުން އަންނަ އިއްޒުއްދީނަށް ބަލާއިރު އެތަނުގައި ހުރީ އެންމެ 24 ކްލާސްރޫމެވެ.
"މިހާ ކުޑަތަނެެއްގައި ދެ ސްކޫލުގެ ދަރިވަރުން ކިޔަވާނެ ގޮތަކާ ގުޅިގެން އަޅުގަނޑުމެން ސުވާލު އުފެއްދުމުންނާއި ނައިބު ރައީސަށް ވެސް ކުށް މައުލޫމާތުތަކެއް ލިބިފައި ހުރުމުން އެދިވަޑައިގަތީ އިހަށް ރައީސާ ބައްދަލުކުރުން މަޑުޖައްސާލުމަށް. ނައިބު ރައީސް ވިދާޅުވީ ކަންކަން އޮތް ގޮތް ބެލުމަށް ފަހު ރައީސަށް ހުށަހެޅުއްވީމަ ރައީސާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެހޭނެ ކަމަށް."
ނައިބު ރައީސް އެގޮތަށް ވިދާޅުވި ނަމަވެސް އެކަން މާބޮޑަށް ލަސްވާ ނަމަ، ރައީސާ ބައްދަލުކުރުމަށް ބެލެނިވެރިން ކުރާ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެއީ ބޮޑު ޗުއްޓީ އަށް ފަހު ސްކޫލު ފެށުން ވަގުތު ކުޑަތަންވެފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަންނަ ހަފުތާގައި ފަށާ ސްކޫލުގެ ބަންދަށް ފަހު އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރާނީ އިއްޒުއްދީނަށް ކަމަށް ވަނީ ބުނެފަ އެވެ.
ސްކޫލުގެ އިމާރާތް ހަލާކުވެ އެ އިމާރާތުގެ ތަނބުތައް ފަޅައިގެން ގޮސް އޭގެ ބައިތައް ވެއްޓި ކުދިންގެ ހައްޓަށް ނުރައްކާވެދާނެތީ 2018 ވަނަ އަހަރުން ފެށިގެން ސްކޫލުން ދިޔައީ އެކަން މިނިސްޓްރީއަށް އަންގަމުންނެވެ. އެކަމަކު މިނިސްޓްރީން އެކަމަށް އަޅާނުލާ ހުއްޓާ އެތަނުގެ ހާލަތު ގޯސްވެ، ކުދިން ސްކޫލަށް ފޮނުވަން ފަސް ޖެހޭ ހާލަތަށް އަރަބިއްޔާ ހާލަތު ވަނީ ދަށްވެފަ އެވެ.
މިހާރު މިނިސްޓްރީން ނިންމާފައި އޮތީ އިއްޒުއްދީންގެ އެންމެ މަތީ ކްލާސްތަކުގައި ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކިޔަވައިދޭނީ އަރަބިއްޔާ އަށް ހެނދުނު ދާ ދަރިވަރުންނަށް ހާއްސަ ކުރުމަށެވެ. އަދި
މެންދުރު ފަހު ދަންފަޅި ހާއްސަކޮށްފައިވަނީ ހަމައެކަނި އަރަބިއްޔާގެ ދަރިވަރުންނަށެވެ. މިގޮތަށް ބަދަލުކުރުމުން ދެ ސްކޫލަށް ވެސް އެކަމޮޑޭޓް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.