18 ޑިސެމްބަރ 2021 - 23:09

އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމާއި އެއްގަމު އުޅަނދުގެ އަދަދު ކަނޑައެޅުމާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ލިބޭ ގޮތަށް ގަވައިދު ހަދައިފި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކޮށް، އަމަލުކުރަން ފެށި ގަވައިދުގައި ވަނީ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގައި މި ގަވައިދު ހިންގުން ކައުންްސިލްތަކަށް ދީފަ އެވެ. ނަމަވެެސް ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި ބޭނުންކުރާ އުޅަނދުތަކާ ގުޅޭ ކަންކަން ނިންމާނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ.
މީގެ ކުރިން އުޅަނދުތައް ރަޖިސްޓްރީކުރުމުގެ ހުރިހާ މަސައްކަތެއް ކުރަމުން އައީ ޓްރާންސްޕޯޓު އޮތޯރިޓީންނެވެ. ނަމަވެސް އުޅަނދު ބޭނުންކުރެވޭނެ މުއްދަތެއް ކަނޑައެއްނާޅަ އެވެ.
އެ ގަވައިދުގައިވާ ގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ބޭނުންކުރުމަށް އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެވޭނެ އެންމެ ގިނަ އަދަދު، އެއިން ކޮންމެ ތަނަކަށް ވަކިން އަދި އެކި ބާވަތުގެ އުޅަނދުތައް ރަޖިސްޓްރީކޮށްދޭނެ އަދަދު ކައުންސިލްތަކުން ވަކިން ކަޑައަޅަންޖެހެ އެވެ.
އެއްގަމު އުޅަނދުތައް ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ކަނޑައެޅުމުގައި ވެސް އެއިން ކޮންމެ ތަނަކަށް ވަކިން އަދި އެކި ބާވަތުގެ އުޅަނދުތަކަށް ވަކިން ހަމަޖައްސަންޖެހެ އެވެ.
އެގޮތަށް ކަނޑައަޅާއިރު، އަމިއްލަ ފަރުދުންނާއި ވިޔަފާރި/ކުންފުންޏާއި ދައުލަތުގެ އިދާރާގެ ނަމުގައި ރަޖިސްޓްރީކޮށްދެވޭނެ އެންމެ ގިނަ އަދަދު ވެސް ބަލަންޖެހޭނެ ކަމަށް ގަވައިދުގައި ބުންޏެވެ.
އުޅަނދުތައް ރަޖިސްޓްރީކުރާއިރު، ރަށުގެ އާބާދީއާ އެ ތަނެއްގައި ބޭނުންކުރާ އެއްގަމު އުޅަނދުގެ އަދަދު އަދި އެ އުޅަނދެއް ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކާއި ޕާކްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުމިނަށް ބަލަންޖެހެ އެވެ.
އެ އަދަދުތައް ކަނޑައެޅުމަށްފަހު އެކަން ޓްރާންސްޕޯޓު މިނިސްޓްރީއާ ހިއްސާކޮށް، އާއްމުކޮށް އިއުލާނުކުރަންޖެހެ އެވެ.
އެ ގަވައިދުގައި ބުނީ، އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ކަމާގުޅޭ މާހިރުންގެ ލަފައާ އެކު އެސެސްމަންޓެއް ހަދަންޖެހޭނެ ކަމަށެވެ. އެގޮތަށް ހަދާއިރު، އެ ރަށެއްގައި އެއްގަމު އުޅަނދު އެންމެ ގިނައިން ދުއްވާ ގަޑިތައް އަދި އާއްމުގޮތެއްގައި އުޅަނދު ބޭނުންކުރާ އެންމެ ދިގު މުއްދަތަށާއި ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރާ މިންވަރަށް ރިއާޔަތްކުރަންޖެހެ އެވެ.
އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުން، އެ ރަށެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރިކުރާ ފަރާތްތަކާއި އުޅަނދު ގަންނަން ބޭނުންވާ މީހުން އަދި އެ ރަށާއި ގައުމުގެ އިގުތިސާދަށް އަންނާނެ ފައިނޭންޝަނަލް އިމްޕެކްޓަށް ބަލަންޖެހެ އެވެ.
"އުޅަނދު ރަޖިސްޓްރީކުރުމުގެ އުސޫލަކީ، އުޅަނދުތަކުގެ އަދަދު ކަނޑައަޅާފައިވާ ގައުމުތަކުގައި ޕްރެކްޓިސްކުރާ އުސޫލުތަކަށް ބަލައި، ޓެކްނިކަލް ފެންވަރުގެ ގޮތުން އެކަށީގެންވާ އުސޫލެއް ކަމުގައި ހެދުން" ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
އެ ގަވައިދުގެ ދަށުން އުޅަނދުތަކުގެ އަދަދު ކަނޑައަޅާއިރު، އެ ރަށެއްގައި ދުއްވުމަށް ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވެސް ހިމަނަންޖެހެ އެވެ. އަދި އެ އަދަދަކީ، އެ ރަށެއްގައި ބޭނުންކުރެވޭ އުޅަނދުތަކަށް ވުރެ އިތުރު އަދަދެއް ނަމަ، އަދަދު ކަނޑައެޅި ނިސްބަތް ހިފެހެއްޓުމަށް ރީ-ރަޖިސްޓްރޭޝަން ޕްރޮސެސްއެއްގެ ދަށުން އެ އުޅަނދުތައް އަދަދުގެ ތެރޭގައި ހިމެނޭނެ ނިޒާމެއް އެކުލަވާލަންޖެހެ އެވެ.
ތެރޭގައި ހިމެނޭނެ ނިޒާމެއް އަދަދު ކަނޑައަޅާ ފަރާތުން އެކުލަވައިލައި
އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅަންޖެހޭނީ އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެންނެވެ.