ޑަބަލް ރެކޯޑާ އެކު ގްރޯން ޕްރީގެ އެއްވަނަ އެތުލީޓަކަށް ޖައިޝާ
ޑަބަލް ރެކޯޑާ އެކު ގްރޯން ޕްރީގެ އެއްވަނަ އެތުލީޓަކަށް ޖައިޝާ

މިއަދު ނިމުނު އެތުލެޓިކްސްގެ ގްރޯން ޕްރީގައި އާމިނަތު ޖައިޝާ ޖުނީޒް ގައުމީ ދެ ރެކޯޑެއް މުގުރާލައި، ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދައިފި އެވެ.

ޑަބަލް ރެކޯޑާ އެކު ގްރޯން ޕްރީގެ އެއްވަނަ އެތުލީޓަކަށް ޖައިޝާ
ޑަބަލް ރެކޯޑާ އެކު ގްރޯން ޕްރީގެ އެއްވަނަ އެތުލީޓަކަށް ޖައިޝާ

އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ، މިދިޔަ މަހު ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދި ހަސަން ސާއިދު އެވެ.

ޑަބަލް ރެކޯޑާ އެކު ގްރޯން ޕްރީގެ އެއްވަނަ އެތުލީޓަކަށް ޖައިޝާ
ޑަބަލް ރެކޯޑާ އެކު ގްރޯން ޕްރީގެ އެއްވަނަ އެތުލީޓަކަށް ޖައިޝާ

އިއްޔެ އާއި މިއަދު ކުރިއަށްގެން ދިޔަ ގްރޯން ޕްރީ މުބާރާތުގައި ދެ ދުވަހު ވެސް ޖައިޝާ ވަނީ ގައުމީ ރެކޯޑެއް މުގުރާލައިފަ އެވެ. މިއަދު އޭނާ މުގުރާލީ 16 އަހަރުވީ ރެކޯޑެކެވެ.

ޑަބަލް ރެކޯޑާ އެކު ގްރޯން ޕްރީގެ އެއްވަނަ އެތުލީޓަކަށް ޖައިޝާ
ޑަބަލް ރެކޯޑާ އެކު ގްރޯން ޕްރީގެ އެއްވަނަ އެތުލީޓަކަށް ޖައިޝާ

ހުޅުމާލޭ، ސިންތެޓިކް ޓްރެކްގައި މިއަދު ކުރިއަށް ގެންދިޔަ 3،000 މީޓަރުން އެއްވަނަ ހޯދުމާ އެކު، 11:15.18 (11 މިނިޓް 15.18 ސިކުންތު) އިން ރޭސް ނިންމައި، ޖައިޝާ ވަނީ، އަންހެނުންގެ 3،000 މީޓަރުގެ ދުވުމުގެ ރެކޯޑް މުގުރާލައިފަ އެެވެ. ކުރިން މިރެކޯޑް އޮންނަނީ ޑިސެމްބަރު 2005 ގައި ރެކޯޑް ހެދި ފާތިމަތު ހިޝްމާ އަބްދުލް އަޒީޒު އަތުގަ އެވެ. އޭނާ 3،000 މީޓަރުގެ ރޭސް ނިންމާފައި ވަނީ 12:03.2 އިންނެވެ.

އިއްޔެ ޖައިޝާ މުގުރާލީ، އަންހެނުންގެ 1،500 މީޓަރުގެ ރެކޯޑެވެ. އެ ރެކޯޑް ކުރިން ވެސް އޮންނަނީ އޭނާ އަތުގަ އެވެ. އެއީ އޮކްޓޯބަރު 2020 ގައި ބޭއްވި ގައުމީ ޓައިމް ޓެރެއަލްގައި 5:06.1 (ފަސް މިނިޓް 6.1 ސިކުންތު) ރޭސް ނިންމައިގެންނެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އިއްޔެ ކުރިއަށް ދިޔަ ގްރޯ ޕްރީގެ އިވެންޓްގައި ވާދަކޮށް ޖައިޝާ ރޭސް ނިންމީ 5:05.63 އިންނެވެ.

މިއަދު 3،000 މީޓަރުގައި ވެސް ޖައިޝާ އާ އެންމެ ގާތުން ވާދަކުރީ ތަޖުރިބާކާރު ފިޓްނަސް އިންސްޓްރަކްޓަރު އަދި ދުވުންތެރިޔާ މަރްޔަމް އަބްދުލް ކަރީމް (މަރީ) އެވެ. މިއަދު 3،000 މީޓަރުގައި މަރީ، ދެވަނައިގައި ރޭސް ނިންމީ 11:26.55 އިންނެވެ. އެ ރޭހުން ތިންވަނަ އަށް ދިޔަ އައިޝަތު ރާނިޔާ ރޭސް ނިންމީ 12:29.57 އިންނެވެ.

ޖައިޝާ ވަނީ 800 މީޓަރު އިވެންޓްގައި ރާނިޔާ ބީޓްކޮށްލުމަށް ފަހު އެއްވަނަ ހޯދައިފަ އެވެ. ޖައިޝާ ރޭސް ނިންމީ، 2:30.30 އިންނެވެ. ރާނިޔާ ރޭސް ނިންމީ 2:38.97 އިންނެވެ. ތިންވަނަ ހޯދީ އާމިނަތު ޝަމްހާ ޝަރީފް އެވެ. އޭނާ ރޭސް ނިންމީ، 2:44.21
އިންނެވެ.

އެންމެ މޮޅު ފިރިހެން އެތުލީޓްގެ މަގާމު ހޯދި، ސާއިދު މިއަދު ވަނީ 200 މީޓަރުގެ އިވެންޓުން އެއްވަނަ ހޯދައި ގްރޯން ޕްރީގައި ވެސް ތިން ރަން މެޑަލް ހޯދައިފަ އެވެ. މިިދިޔަ މަހު ބޭއްވި ގައުމީ މުބާރާތުގައި ވެސް ސާއިދު ވަނީ އިންޑިވިޖުއަލް ތިން ރަން މެޑަލް ހޯދައިފަ އެވެ. އިއްޔެ އޭނާ ވަނީ 100 މީޓަރު އަދި 400 މީޓަރުގެ ރޭސް ކާމިޔާބުކޮށްފަ އެވެ. މިއަދު 200 މީޓަރުގައި ވާދަކޮށް ސާއިދު ރޭސް ނިންމީ 21.95 ސިކުންތުންނެވެ. ދެވަނަ ހޯދީ 100 މީޓަރު އިވެންޓްގައި ވެސް އޭނާ އާ ވާދަކުރި އިބާދުﷲ އާދަމް އެވެ. އޭނާ ރޭސް ނިންމީ 22.26 ސިކުންތުންނެވެ. ތިންވަނަ ހޯދީ 23.11 ސިކުންތުން ރޭސް ނިންމި، މުހައްމަދު މިންހާލް އެވެ.

އަންހުނުންގެ 200 މީޓަރުގެ ރޭހުން އެއްވަނަ ހޯދައި ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ މަގާމު ހޯދި އައިޝަތު ހިމްނާ ހަސަން ވެސް ވަނީ ތިން ރަން މެޑަލް ހޯދައިފަ އެވެ. އިއްޔެ އޭނާ ވެސް ވަނީ އަންހެނުންގެ 100 މީޓަރު އަދި 400 މީޓަރުގެ ރޭސް ކާމިޔާބުކޮށްފަ އެވެ. މިއަދު 200 މީޓަރުގެ ރޭސް ޖައިޝާ ނިންމީ 25.44 ސިކުންތުންނެވެ. ދެވަނަ ހޯދި މަރްޔަމް ރޫޔާ އަލީ، ރޭސް ނިންމީ 26.12 ސިކުންތުންނެވެ. ތިންވަނަ ހޯދި އަހްނާ ނިޒާރު ރޭސް ނިންމީ 26.46 ސިކުންތުންނެވެ.

ފިރިހެނުންގެ 800 މީޓަރުގެ ރޭސް ކާމިޔާބު ކުރީ 2:00.89 އިން ރޭސް ނިންމި އަހްމަދު ވިޝާމް އެވެ. ދެވަނަ ހޯދި، ހުސައިން ރިޒާ ރޭސް ނިންމީ 2:02.27 އިންނެވެ. ތިން ވަނަ ހޯދީ އަބްދުﷲ ރަޝީދު އެވެ. އޭނާ ރޭސް ނިންމީ، 2:04.60 އިންނެވެ. ފިރިހެނުންގެ 3،000 މީޓަރުގެ ރޭހުން އެއްވަނަ ހޯދީ މުހައްމަދު އިރުފާން އެވެ. އޭނާ ރޭސް ނިންމީ 9:22.73 އިންނެވެ. ދެވަނަ ހޯދީ 9:24.70 ސިކުންތުން ރޭސް ނިންމި، ޔޫސުފް އިބްރާހިމް އެވެ. ތިންވަނަ ހޯދި އާބިދު އަހްމަދު ޝިރާޖް ރޭސް ނިންމީ 10:21.00 އިންނެވެ.