18 ޑިސެމްބަރ 2021 - 20:28

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކޯސްތަކާ ގުޅޭ މައުލޫމާތާއި ދަރިވަރުންނަށް ކެރިއަ ގައިޑެންސް ދިނުމަށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑު ހަރަކާތްތަކެއް ފަށައިފި އެވެ.
މިދިޔަ މަހުގެ ދެ ވަނަ ދުވަހު ފެށި "ފަހި އެމްއެންޔޫ" ސިލްސިލާ ޕްރޮގްރާމްގައި 69 ރަށަކަށް ދަތުރުކުރާނެ އެވެ. އިއްޔެއިން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރާ ދަތުރުތަކުގައި އެމްއެންޔޫގެ 15 ޓީމެއް ހަރަކާތްތެރިވެ އެވެ.
އެ ޕްރޮގްރާމްގެ ދަށުން މިދިޔަ މަހު ވަނީ މާލެ ސަރަހައްދުގެ 16 ސްކޫލެއްގައި އެކި ހަރަކާތްތައް ހިންގައިފަ އެވެ.
އެ ޔުނިވާސިޓީން ބުނީ "ފަހި އެމްއެންޔޫ"ގެ ބޭނުމަކީ އާއްމުންނަށް އަދި މާދަމާގެ ލީޑަރުން ކަމުގައިވާ ސްކޫލްތަކުގެ ދަރިވަރުންނަށް އެމްއެންޔޫގެ ތަސައްވަރާއި ޔުނިވާސިޓީން ދޭ ހިދުމަތްތަކާއި ފުރުސަތުތަކާއި ވަސީލަތްތައް އަދި ދަރިވަރުންނަށް އުފާވެރި މާހައުލެއް ގާއިމްކޮށް ދިނުމަށް ކުރާ މަސައްކަތްތައް އަންގައިދިނުމެވެ.
އެގޮތުން، ރަށްރަށަށް މި ކުރާ ދަތުރުތަކުގައި ގްރޭޑު 8ން ފެށިގެން މަތީގެ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ދިނުމާއި ސްޓަޑީ ސްކިލްސް އަދި ޓީޗަރުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަންސް ނަގައިދޭނެ އެވެ. އޭގެ އިތުރުން ބެލެނިވެރިންނާއި ރަށުގެ އާއްމުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގާނެ އެވެ.
ޓީމްތަކުން ޒިޔާރަތްކުރާ ކޮންމެ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ބައްދަލުކޮށް ޔުނިވާސިޓީ އާ ގުޅިގެން އިތުރަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރާނެ އެވެ.