18 ޑިސެމްބަރ 2021 - 19:40

ރާއްޖޭގެ ފުރަތަމަ ސައިކޮލޮޖީ ލެބޯޓްރީ، ވިލާ ކޮލެޖުގައި މިއަދު ހުޅުވައިފި އެވެ.
އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ސައިކޮލޮޖީ ލެބޯޓްރީ ހުޅުވައިދެއްވީ އައިޖީއެމްއެޗްގެ ސެންޓަ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ އެވެ.
ލެބޯޓްރީ ހުޅުވައިދެއްވުމަށްފަހު ޑރ. އާފިއާ ވަނީ ސައިކޮލޮޖީގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރާ ދަރިވަރުންނަށް އެކި ތަހުލީލުތައް ހެދުމަށްޓަކައި ހާއްސަ ލެބެއް ގާއިމްވެފައި ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާ އަދި ކައުންސެލާ، އާއިޒް އަހްމަދު ރަޝީދު ވިދާޅުވީ ވިލާ ކޮލެޖުން އަބަދު ވެސް އިސްކަންދޭނީ ދަރިވަރުންގެ ކިޔެވުމާއި ދާއިރާއިން ތަޖުރިބާ އާއި ހުނަރު އިތުރުވާ ފަދަ ކަންތައްތައް ތައާރަފްކުރުމަށް ކަމަށެވެ.
އެ ލެބްގެ ސަބަބުން ވިލާ ކޮލެޖުގައި ސައިކޮލޮޖީގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް އެތައް ފަސޭހައަކާއި ކުރިއެރުން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.
ސައިކޮލޮޖީ ލެބަކީ އެ ދާއިރާއިން އެކި ތަހުލީލީ އުނގެނުން އިތުރުކުރުމަށާއި ދަރިވަރުންނަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ލެބެކެވެ.