ވައްކަންކޮށްގެން ފިލަން އުޅުނީ ވެސް ވަގަށް ނެގި ސައިކަލެއްގައި
ވައްކަންކޮށްގެން ފިލަން އުޅުނީ ވެސް ވަގަށް ނެގި ސައިކަލެއްގައި

ތަނަކުން ވައްކަން ކުރުމަށް ފަހު، ވަގަށް ނެގި ސައިކަލެއް ބޭނުންކޮށްގެން ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި އެވެ.

މާލޭ ހިންގާ ގަރާޖެއްގައި މަސައްކަތްކުރާ، ހުސައިން މުހައްމަދު ކިޔާ މި މީހާ އަކީ އިތުރު ބަޔަކާ ބައިވެރިވެގެން ވައްކަންކުރި މީހެއް ކަމަށް ފުލުހުން މިއަދު ކޯޓުގައި ބުންޏެވެ. އުމުރުން 36 އަހަރުގެ މި މީހާ އަކީ މީގެ ކުރިން ވެސް މިފަދަ ވައްކަމުގެ ރެކޯޑްތައް އޮތް މީހެއް ކަމަށް، ކޯޓުން މި މީހާގެ ބަންދަށް 13 ދުވަސް އިތުރުކޮށް ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

މި މީހާ ކުރި ވައްކަމާ ގުޅޭ ތަފްސީލެއް އަމުރުން އެނގޭކަށް ނެތެވެ. ނަމަވެސް ފުލުހުން ބުނެފައިވާ ގޮތުގައި މީހާ ހައްޔަރުކޮށްފައިވަނީ ވައްކަމަށް ފަހު ފިލަން އުޅެނިކޮށެވެ. އަދި މި މީހާ ފިލައިގެން ދާން ބޭނުންކުރީ ވެސް ވަގަށް ނަގާފައިވާ ސައިކަލެކެވެ.

މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެ ކަމަށް ގަބޫލުކުރެވޭތީ މި މީހާގެ ތަހުގީގަށް 13 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

މި ވައްކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އަނެއް ދެ މީހާގެ ބަންދު ވެސް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.