18 ޑިސެމްބަރ 2021 - 17:27

މިދިޔަ ބުރާސްފަތި ދުވަހު ފިލިޕިންސްއަށް އެރި ބާރުގަދަ ތޫފާން، "ރައި" ގައި ރާއްޖޭގެ ދަރިވަރުންތަކެއް އުޅޭ ސަރަހައްދަކަށް ވެސް ވަރަށް ބޮޑަަށް ގެއްލުންވެފައިވާއިރު އެ ދަރިވަރުން ވަަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ކަމަށް އެ ކުދިންގެ އާއިލާ އިން ބުނެފި އެވެ.
މިއީ މިއަހަރު ފިލިޕިންސްއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. ގަޑިއަކު 195 ކިލޯމީޓަރު (121 މޭލު) ބާރުމިނުގައި ވައި ޖެހުނު ތޫފާނަށް ފަހު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއެކު އެކި ތަންތަނުން ކަރަންޓު ކެނޑިފައިވާއިރު މިގޮތަށް ގެއްލުންވި އެއް ސިޓީއަކީ ސީބޫ އެވެ. އެ ތަނުގައި ރާއްޖޭގެ ގާތްގަނޑަކަށް 20 ދަރިވަރުން ކިޔަވަމުން އަންނައިރު މި ކުދިންގެ ހާލަތު ވަރަށް ބޮޑަށް ދަށެވެ.
ޕައިލެޓުކަން ކިޔަވަން ގޮސް ތިބި މި ދަރިވަރުންގެ ތެރެއިން ކުއްޖެއްގެ ބައްޕަ، "މިހާރު" އަށް ކިޔައިދިން ގޮތުގައި ތޫފާނާ އެކު ކަރަންޓު ކެނޑުނު ގޮތަށް އަދިވެސް އެކުދިން އުޅެމުން އަންނަނީ ކަރަންޓާ ނުލަ އެވެ. އެ ދަރިވަރުންނާ ހަވާލާދީ އޭނާ ބުނި ގޮތުގައި އެ ސިޓީއަށް ކަރަންޓު ލިބެން ތިން މަސް ހޭދަވެދާނެ ކަމަށް ލަފާ ކުރެވެ އެވެ.
ކުދިންގެ ފޯނުތަކުން ޗާޖުގޮސްގެން އެކުދިންނަށް އާއިލާތަކާ ގުޅުމަށް ވެސް އުޅެން ޖެހެނީ ވަރަށް ހާލުގަ އެވެ. އޭނާ ބުނި ގޮތުގައި އާއިލާގެ މީހުންނަށް ގުޅުމަށް އެ ދަރިވަރުން ބްލޮކްވެފައި އޮތް މަގުތައް ހުރަސްކޮށްް، ހިނގާފައި އެއް ގަޑިއިރުގެ ދަތުރެއް ކުރެ އެވެ.
"މިއަދު ވެސް ގުޅީ ވަރަށް ދުރު ސަރަހައްދެއްގަ އޮންނަ ފިހާރައަކަށް ގޮސްގެން އެތަނުން. އެކުދިންގެ ހާލަތު ވަރަށް ބޮޑަށް ދަށް،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މި ދަރިވަރުން ފެންވަރަން ވެސް ދާން ޖެހެނީ އެ ސަރަހައްދުގެ އެންމެން ބޭނުންކުރާ ފެން ވަޅެއް ކައިރިއަށެވެ. އެތަނުން ވަރަށް ހާލުން ކުދިން ފެންވަރާއިރު އެ ކުދިން ބޯން ބޭނުންކުރާ ފެން ވެސް ހުރީ ކުރިއަށް އޮތް ދެ ދުވަހަށްވާ ވަރަށް ކަމަށް ބުނެ އެވެ.
"ފެން ހުސް ވަނީ. ގޭހެއް އެއްގޮތަކަށް ވެސް. ގޭސް ހުސްވެގެން އުޅެނީ. ކެވޭކަށް ވެސް ނެތް ޑޮލަރެއް މާރެއް ނުއެއް ކޮށްދޭ އެއްވެސް ތަނަކުން. މިއަދު ގުޅީމަ ބުނީ ޑޮލަރު މާރުނުކޮށްދީގެން އަތުގަ ހުރި ލާރިކޮޅު ވެސް ހުސްވަނީއޭ. ދެން ބުނި މޯލް ތެރެއިން ޑޮލަރު މާރުކުރެވޭތޯ ބަލަނީއޭ. އެކަމަކު އޭގެ ފަހުން ނުގުޅޭތީ ނޭނގެ އެ މާރު ކުރެވުން ކަމެއް ވެސް. ނުކުރެވެންޏާ އަތުގަ ހުރި ލާރިކޮޅު ހުސްވާނެ،" ވަރަށް ކަންބޮޑުވެފައި ހުރެ އޭނާ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި ކުދިންގެ ފޯނާއި ލެޕްޓޮޕްތަކުން ވެސް ޗާޖުގޮސްގެން ކުރެވޭނެ އިތުރު ކަމެއް ނެތެވެ. އެ ސަރަހައްދަށް ޑޭޓާ ވެސް ނުލިބެ އެވެ.
އެތަނުގައި ދަރިވަރުން ގޮތް ހުސްވެފައި ތިބިއިރު އިތުރު އެހެން ތަނަކަށް ބަދަލުވެވޭނެ ކަމެއް ވެސް ނޭނގެ އެވެ. އޭނާ ބުނީ އެއާޕޯޓްގެ ރާޑާ ސިސްޓަމް ހަލާކުވެގެން ދަތުރުތައް ވެސް މެދުކެނޑިފައިވާ ކަމަށެވެ.
ކުދިން ހާލުގައި ޖެހިފައިވާތީ އެކަން ދިވެހި ސަރުކާރާ ވެސް އާއިލާތަކުން ވަނީ ހިއްސާކޮށްފަ އެވެ. އޭނާ ބުނީ ސަރުކާރުން ގުޅައި ބުނެފައި ވަނީ އެގައުމުގެ ސަރުކާރާ ގުޅިގެން އެކުދިންގެ ހާލަތު ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ޑިޒާސްޓާ މެނޭޖްމަންޓުން އެ ސަރަހައްދަށް ދިއުމަށް ދެ ދުވަހެއް ނަގާނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
ތޫފާނުގައި ބައެއް ކުދިން އުޅުނު ކޮޓަރިތަކުގެ ފުރާޅު އެއްލާލައިގެން އެ ކުދިން މިހާރު ނިދަމުން އަންނަނީ ފަސް ކުދިން ފަސް ކުދިންނަށް ކޮޓަރި ބަހައިގެންނެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އެގައުމުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރަމުން އަންނަ ކަމަށެވެ. އަދި އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓާ ގުޅިގެން ކުދިންނަށް ބޭނުންވާ ކާނާ އާއި ބޯފެން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ފިލިޕިންސްގެ މޫސުމާ ބެހޭ އިދާރާ އިން ވެސް ވަނީ ތޫފާން ރައިގެ ސަބަބުން އެގައުމުގެ އެކި ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާނެތީ އެކަމުގެ އިންޒާރުދީފަ އެވެ.
މި ތޫފާނުގައި ފެން ބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން މިހާރު ވެސް 10،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ގެންގޮސްފަ އެވެ. ތޫފާނުގެ ސަބަބުން އެކަކު މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ތޫފާނުގެ ބާރު މިހާރު ދަށްވެފައި ވާއިރު، ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.