18 ޑިސެމްބަރ 2021 - 15:06

ސެލާނޯ، އިޓަލީ (ޑިސެމްބަރު 18) - އިޓާލިއަން ސެރީ އާގެ ލީގުގެ ފުލުގައި އޮތް ސެލަނިޓާނާއާ ވާދަކޮށް 5-0 އިން މެޗު ކާމިޔާބުކޮށްގެން އިންޓަ މިލާނުން ފުރަތަމަ ފަހަރަށް ކަލަންޑަރު އަހަރެއްގައި 100 ގޯލު ހަމަކޮށްފި އެވެ.

ސެލަނިޓާނާ ކޮޅަށް ރޭ އިންޓަ އިން ޖެހި ފަސް ގޯލާ އެކު އެ ޓީމުން ވަނީ މިހާތަނަށް ލީގުގައި 103 ލަނޑު ޖަހައިފަ އެވެ. މީގެ ކުރިން އިންޓަ އިން އަހަރެއްގެ ތެރޭ ލީގުގައި އެންމެ ގިނަ ލަނޑު ޖެހީ 1950 ވަނަ އަހަރެވެ. އެ އަހަރު އިންޓަ މިލާނަށް ލީގުގައި ހަމަކުރެވުނީ 99 ލަނޑެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު އިންޓަ މިލާނުން ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. މި ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިވާން ޕެރިސިޗާއި ޑެންޒެލް ޑަމްފްރީސް އެވެ. ޑަމްފްރީސް ގެ ލަނޑަކީ 2021 ވަނަ އަހަރު އިންޓަ އިން ލީގުގައި ޖެހި 100 ވަނަ ލަނޑެވެ.
ދެވަނަ ހާފުގައި އިންޓަ އަށް ލަނޑުތައް ޖަހައިދިނީ އެލެކްސިސް ސަންޗޭޒް އާއި ލަޓާރޯ މާޓީނޭޒް އާއި ރޮބާޓޯ ގަގްލިއަޑީނީ އެވެ.
އެހެންވެ، އިންޓަ މިލާންވެފައި ވަނީ އިޓާލިއަން ލީގުގައި ކަލަންޑަރު އަހަރެއްގައި 100 ގޯލު ހަމަކުރި ހަތަރުވަނަ ކުލަބަށެވެ. އިޓާލިއަން ލީގުގައި މީގެ ކުރިން 100 ގޯލު ހަމަކޮށްފައި ވަނީ އޭސީ މިލާނާއި ޓޮރީނޯ އާއި ޔުވެންޓަސް އެވެ.
ލީގު ތިންވަނައިގައި އޮތް އެޓަލާންޓާ އަށް ވެސް މި ޝަރަފް ހޯދުމުގެ ފުރުސަތު ފަހިވެފައި އެބަ އޮތެވެ. ލީގުގައި މި އަހަރު އެ ޓީމަށް ބާކީ ދެ މެޗު އޮތްއިރު، އެ ޓީމުން ވަނީ މިހާތަނަށް 99 ލަނޑު ހަމަކޮށްފަ އެވެ.
އޭސީ މިލާނާއި ޓޮރީނޯ ވަނީ ވިދިވިދިގެން ދެ އަހަރު ލީގުގައި މި އަދަދަށް ގޯލު ހަމަކޮށްފަ އެވެ. މިލާނުން 1949 ވަނަ އަހަރު 105 ލަނޑު ޖެހިއިރު ޖެހިގެން އައި 1950 ވަނަ އަހަރު އެ ޓީމުން ވަނީ 120 ލަނޑު ޖަހައިފަ އެވެ. ޓޮރީނޯ އިން ވަނީ އޭގެ ކުރިން، 1947 ވަނަ އަހަރު 111 ގޯލު ޖަހައި، އަދި 1948 ވަނަ އަހަރު 115 ލަނޑު ޖަހައިފަ އެވެ.
ޔުވެންޓަސް ވަނީ 1933 ވަނަ އަހަރު ލީގުގައި ބަރާބަރު 100 ގޯލު ހަމަކޮށްފަ އެވެ.
ރޭގެ ނަތީޖާއާ އެކު އިންޓަ ވަނީ 18 މެޗު ކުޅެގެން 43 ޕޮއިންޓާ އެކު، ލީގު އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ދެވަނައިގައި އޭސީ މިލާން އޮތީ 17 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.
މާދަމާ ރޭ އޭސީ މިލާން ނުކުންނާނީ އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށެވެ.