ގްރޯން ޕްރީގައި ޖައިޝާ ގައުމީ ރެކޯޑް މުގުރާލައިފި
ގްރޯން ޕްރީގައި ޖައިޝާ ގައުމީ ރެކޯޑް މުގުރާލައިފި

އިއްޔެ ފެށި އެތުލެޓިކްސްގެ ގްރޯން ޕްރީ މުބާރާތުގެ 1،500 މީޓަރު ދުވުމުން އެއްވަނަ ހޯދައި އާމިނަތު ޖައިޝާ ޖުނީޒް ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

ގްރޯން ޕްރީގައި ޖައިޝާ ގައުމީ ރެކޯޑް މުގުރާލައިފި
ގްރޯން ޕްރީގައި ޖައިޝާ ގައުމީ ރެކޯޑް މުގުރާލައިފި

އެ ރެކޯޑް ކުރިން ވެސް އޮންނަނީ ޖައިޝާ އަތުގަ އެވެ. އެއީ އޮކްޓޯބަރު 2020 ގައި ބޭއްވި ގައުމީ ޓައިމް ޓެރެއަލްގައި 5:06.1 (ފަސް މިނިޓް 6.1 ސިކުންތު) ރޭސް ނިންމައިގެންނެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އިއްޔެ ކުރިއަށް ދިޔަ ގްރޯ ޕްރީގެ އިވެންޓްގައި ވާދަކޮށް ޖައިޝާ ރޭސް ނިންމީ 5:05.63 އިންނެވެ.

އިންޑޮނޭޝިއާގެ ޖަކާޓާގައި 2018 ގައި ބޭއްވި އޭޝިއަން ގޭމްސްގެ 1،500 މީޓަރުގައި ވާދަކޮށް ޖައިޝާ ވަނީ އެ ރެކޯޑް ކުރިން ވެސް މުގުރާލައިފަ އެވެ. އޭޝިއަން ގޭމްސްގައި އޭނާ ރޭސް ނިންމީ 5:14.38 އިންނެވެ.

މިދިޔަ މަހު ބޭއްވި ގައުމީ މުބާރާތުގައި ތިން ރަން މެޑަލް ހޯދި ޖައިޝާ، އިއްޔެ 1،500 މީޓަރުގެ ރޭހުން އެއްވަނަ ހޯދީ ތަޖުރިބާކާރު ފިޓްނަސް އިންސްޓްރަކްޓަރު އަދި ދުވުންތެރިޔާ މަރްޔަމް އަބްދުލް ކަރީމް (މަރީ) ބީޓްކޮށްލުމަށް ފަހު އެވެ. މަރީ އަށް ރޭސް ނިންމުނީ 5:17.52 އިންނެވެ. ތިންވަނަ އަށް ދިޔަ އައިޝަތު ރާނިޔާ ރޭސް ނިންމީ 5:37.13 ސިކުންތުންނެވެ.

ޖައިޝާގެ މި ރެކޯޑަކީ ގްރޯން ޕްރީގެ ތާރީހުގައި އެތުލީޓަކު ހެދި ތިން ވަނަ ގައުމީ ރެކޯޑެވެ. އަދި އެ މުބާރާތުގައި އަންހެން ދުވުންތެރިޔަކު ހެދި ފުރަތަމަ ގައުމީ ރެކޯޑް ވެސް މެ އެވެ. މީގެ ކުރިން، ދެފަހަރަށް ރެކޯޑް މުގުރާލި ދުވުންތެރިޔަކީ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެވެ.

އެންމެ ފުރަތަމަ 2018 ގައި ބާއްވަން ފެށި ގްރޯން ޕްރީގައި ގައުމީ ރެކޯޑެއް ފަޒީލް ހެދީ 3،000 މީޓަރުގައި ވާދަކޮށްގެންނެވެ. އެ އަހަރު އައްޑޫގައި ބޭއްވި ގްރޯން ޕްރީގައި ފަޒީލް އެންމެ ފުރަތަމަ ރެކޯޑް މުގުރާލީ 9:29 (ނުވަ މިނިޓް 29 ސިކުންތު) އިން ރޭސް ނިންމައިގެންނެވެ. އޭގެ ކުރިން އެ ރެކޯޑް އޮންނަނީ 2011 ގައި އަޒްހަމް ވަހީދު އަތުގަ އެވެ. އަޒްހަމް ރެކޯޑް ހެދީ 9:41 ރޭސް ނިންމައިގެންނެވެ. ފަޒީލް ވަނީ ޖެހިގެން އައި ގްރޯން ޕްރީގައި، 2018 ގައި އޭނާ އަމިއްލަ އަށް ރެކޯޑް މުގުރާލައިފަ އެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި 2019 ގައި ބޭއްވި ގްރޯން ޕްރީގައި 3،000 މީޓަރުގެ ރޭސް ފަޒީލް ނިންމީ 9:11 އިންނެވެ. އެއީ ރާއްޖޭގެ ސިންތެޓިކް ޓްރެކެއްގައި އެތުލީޓަކު މުގުރާލި ފުރަތަމަ ގައުމީ ރެކޯޑެެވެ.

ގްރޯން ޕްރީ މުބާރާތުގެ އެންމެ ފަހު އިވެންޓްތައް މިއަދު ހަވީރު 4 ޖަހާއިރު ފަށާނެ އެވެ. މިއަދު އޮންނާނީ 800 މީޓަރު، 200 މީޓަރު އަދި 3،000 މީޓަރެވެ. ކޮންމެ ކެޓެގެރީއެއްގައި ވެސް އަންހެން އަދި ފިރިހެން އިވެންޓްތައް އޮންނާނެ އެވެ. ގްރޯން ޕްރީ މުބާރާތުގެ 3،000 މީޓަރުގައި ވާދަކުރާނީ މިދިޔަ މަހު ބޭއްވި ގައުމީ މުބާރާތުގެ 5،000 މީޓަރުން މެޑަލް ހޯދި އެތުލީޓުންނެވެ. ގައުމީ މުބާރާތުގެ 5،000 މީޓަރުން ރަން މެޑަލް ހޯދި މުހައްމަދު ރަޝީދު (މޯޑް) ވަނީ އާއިލީ ކަމެއް ދިމާވުމުން ގްރޯން ޕްރީ މުބާރާތުން ވަކިވެފަ އެވެ.