ޒުވާނާ ޒަހަމްވީ މީހެއްގެ ހަމަލާއަކުން ނޫން: ފުލުހުން
ޒުވާނާ ޒަހަމްވީ މީހެއްގެ ހަމަލާއަކުން ނޫން: ފުލުހުން

މާލޭގައި މިއަދު ޒުވާނަކު ޒަހަމްވީ އޭނާއަށް އެހެން މީހަކު ދިން ހަމަލާއެއްގެ ސަބަބުން ނޫން ކަމަށާއި އެ އަނިޔާތަކަކީ އޭނާ ގެންގުޅުނު އެއްޗަކުން އަމިއްލައަށް ލިބުނު ޒަހަމްތަކެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މެހެލިގޯޅީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ 8:20 ހާއިރު އެވެ. އޭރު ފުލުހުން ބުނީ ހަމަލާ ދީފައިވަނީ 22 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކުރި ތަހުގީގުތަކަށް ފަހު މިއަދު ހަވީރު ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އަނިޔާވެފައިވާ މީހާއަށް ލިބިފައިވާ އަނިޔާތަކަކީ އެމީހަކު ދިން ހަމަލާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ނޫންކަން އެނގިފައިވާ ކަމަށެވެ.

"އެ އަނިޔާތަކަކީ އަނިޔާ ލިބުނު މީހާ ގެންގުޅުނު އެއްޗަކުން އެ މީހާއަށް ލިބުނު އަނިޔާތަކެއް ކަމަށް ތަހުގީގަށް މިހާތަނަށް އެނގިފައިވޭ،" އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަން ފާހަގަކޮށް ފުލުހުން ބުންޏެވެ.

އެ މީހާއަށް އަނިޔާވެފައިވާ ސަރަހައްދުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ގެއެއްގެ ދޮރުމަތިން ހިޔާކޮށްފައި އޮތް ތަނެއްގެ ތެރޭ ޒަހަމްވި މީހާގެ ލެއިން އޮތީ ކޯރު ހެދިފަ އެވެ. އެ ގޭގެ ފާރުގައި ވެސް ލޭ ހޭކިފައި ހުރިއިރު މަގުމަތީގެ އެކި ތަންތަނުން ވެސް ލޭގެ އަސަރު ފެންނަން ހުއްޓެވެ.

އެތަނުގައި ވަރަށް ބޮޑަށް ލޭހުރުމުން އެމީހާއަށް ބޮޑެތި ޒަހަމްތަކެއް ލިބުނު ކަމަށް ބެލެވެ އެވެ. އެކަމަކު އަނިޔާގެ ތަފްސީލު ހޮސްޕިޓަލުގެ ބަހެއް ނުލިބޭތީ ނޭނގެ އެވެ.