17 ޑިސެމްބަރ 2021 - 16:01

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމުން މާލޭގައި މިއަދު ހަވީރު ބާއްވަން އުޅުނު ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެހެންވެ އެފަދަ ކަމަކަށް ފުރުސަތު ދެވެން ނެތް ކަމަށް ބުނެ ފުލުހުން އެ ހަރަކާތް ހުއްޓުވައިފި އެވެ.

"އާންމު މަސްލަހަތު ހިމާޔަތްކޮށް އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނީ ޒިންމާއެއް ކަމުގައިވީ ހިނދު އާންމު މަސްލަހަތު ގެއްލި ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ގޮތަކަށް އުޅަނދު ބުރު ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަމެވެ،" ސައިކަލް ބުރު ފަށަން ކުޑަތަން ވެފައި ވަނިކޮށް، ފުލުހުންގެ އިދާރާ އިން ކުއްލި ގޮތަކަށް ނެރުނު ނޫސްބަޔާނެއްގައި ވެ އެވެ.

އެ ބަޔާން ނެރުމާއެކު، ފުލުހުންގެ ފައުޖެއް ނުކުމެ ވަނީ ޕީޕީއެމްގެ އޮފީސް ކުރިމަތިން ފަށަން ތައްޔާރު ވެފައި އޮތް ސައިކަލް ބުރަށް ހުރަސް އަޅައި، ހުއްޓުވައިފަ އެވެ. އެކަމަކު، އެ ހަރަކާތުގައި ވަރަށް ގިނަ ބަޔަކު ބައިވެރިވާން ގޮސް ތިއްބެވެ.

ގައުމީ ކުލަަތަކުގެ ދިދަ ހިފައިގެން ސައިކަލް ބުރު ފެށީ ޕީޕީއެމް އޮފީސް ކުރިމަތިން ރާޅުގަނޑާ ދިމާލަށެވެ. ނަމަވެސް ފުލުހުންގެ މަގު ބަންދުކޮށް ވެހިކަލްތަކަށް ނުދެވޭ ގޮތަށް އޮތީ ބަންދުކޮށްފަ އެވެ.

ސައިކަލް ބުރަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނުމުގެ ކުރިން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޓްރާންސްޕޯޓްް މިނިސްޓްރީންް އެ ޕާޓީ އަށް ފޮނުވި ސިޓީއެއް ވެސް ޓްވީޓާގައި އާންމު ކުރައްވައިފަ އެވެ.

އެ ސިޓީގައި ވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވެހިކަލް ބުރުގައި ފުލުހުންގެ ފަރާތުން އަންގާ ގޮތެއްގެ މަތިން ފުލުހުން އަންގައި ރޫޓެއްގައި މިސްކިތްތަކާއި ސްކޫލުތައް އަދި ހޮސްޕިޓަލުތަކަށް އުނދަގޫނުވާނެ ގޮތަށް އަޑުގަދަ ކުރާ ހަރުކޮށްގެން ދުއްވުން މައްސަލައެއް ނެތް ކަމަށެވެ.

އެ ހުއްދަ ދިން ނަމަވެސް ރާއްޖެ އާއި ބޭރު ގައުމުތަކުގެ ގުޅުމަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް ވެހިކަލް ބުރުގައި ނުކުރުމަށް ވެސް އިލްތިމާސްކުރި އެވެ.
އެ ސިޓީ ޓްވީޓްކުރައްވައި ޝިޔާމް ވިދާޅުވީ ޒުވާނުންގެ ސައިކަލު ބުރު ސަރުކާރަށް ހަޖަމް ނުވި ކަމަށެވެ.
"އެއްވެސް ވަރަކަށް ޕާފޯމް ނުކުރާ ވުޒާރާތައް ހުކުރު ދުވަހެއްގެ ހުކުރު ވަގުތު ހުޅުވައިގެން ސިޓީ އެބަ ފޮނުވައި. ޒިންމާދާރު ގައުމީ މަސައްކަތެއް. އިންޑިއާ މިލިޓަރީ ޖެހޭނީ މިގައުމުން ފައިބަން،" ޝިޔާމްގެ ޓްވީޓުގައިވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން ކެމްޕެއިން ކުރަމުން އަންނައިރު މި ހަރަކާތް ވަރުގަދަ ކުރުމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ވަނީ އެ މަނިކުފާނު ޖަލުން މިނިވަންވެވަޑައިގަތުމާ އެކު އަންގަވައިފަ އެވެ. މި ކެމްޕެއިނުގައި ޔާމީން އިއްޔެ ވަނީ ބައެއް ރަށްރަށް ދަތުރުތައް ފައްޓަވައިފަ އެވެ. މިއަދު ކ. ގުރައިދޫގައި ޔާމީނާ އެކު އިންޑިއާއާ ދެކޮޅު ހަރަކާތް ބާއްވާނެ އެވެ.