18 ޑިސެމްބަރ 2021 - 10:33

ހއ. އުލިގަމުގެ ޒުވާނުންތަކެއް މީގެ އެތަކެއް އަހަރެއް ކުރިން "މަސް ފިހަން" ފެށީ ރައްޓެހިންނާ އެކު ސަކަރާތް ޖަހާލައި މަޒާކޮށްލުމަށެވެ. ހުއްޓާނުލައި މިކަން ބާއްވަމުން ގޮސް ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ހަރަކާތަކަށް ބަދަލުވެ މިއީ ރަށުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރާ ހަރަކާތަކަށް މިހާރު ވަނީ ބަދަލުވެފަ އެވެ.

ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު އުލިގަމުގައި ބޮޑު ބާބަކިއުއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މި ހަރަކާތް ހާއްސަ ވަނީ މިހެންވެ އެވެ. ދިގު އިންތިޒާރަކަށް ފަހު ރަށުގެ ހުރިހާ ރައްޔިތުންނާ އެއްތަނަކުން ބައްދާލުވާނެ ދުވަހަކީ މިއީ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދު، "މިހާރު" އަށް ވިދާޅުވީ އެތައް އަހަރެއް ކުރިން ފެށިގެން އެ ރަށުގައި ބާއްވަމުން އަންނަ އެ ހަރަކާތް ފުޅާވީ ކައުންސިލުން އިސްވެ ހަރަކާތް ބާއްވަން ފެށި ހިސާބުން ކަމަށެވެ. ކައުންސިލްތައް އުފެދި 2011 ވަނަ އަހަރުން ފެށިގެން މިކަމުގައި އިސްކޮށް އުޅެނީ ކައުންސިލުންނެވެ.

އެކި ޓީމުތަކަށް ބަހާލައިގެން ހަރަކާތަށް ބޭނުންވާ މަސް ހޯދުމަށް މަހަށް ނިކުންނައިރު އެ މީހުންނަށް ކެއުމުގެ އިންތިޒާމުތައް ހަމަޖައްސައި މަސް ފިހުމުގެ ތައްޔާރީތަކުގައި ރަށުގެ އަންހެންވެރިން އުޅޭނެ އެވެ.

އާ އަހަރާ ދިމާކޮށް މި ހަރަކާތް މިފަހަރު އޮތް ނަމަވެސް މިކަން ފެށިގެން އައިއިރު އޮތީ ހަ ރޯދައިގެ ތެރޭގައި ކުރިއަށް ގެންދާ ހަރަކާތެއްގެ ގޮތުގަ އެވެ.

މުއާޒު ވިދާޅުވި ގޮތުގައި ހަރަކާތް ފެށުމުގެ ކުރިން ގިނަ ބަޔަކަށް ބައިވެރިވެވޭނެ ތާރީހެއް ހޯދުމަށް ރައްޔިތުންނާ އެކު މަޝްވަރާކުރެ އެވެ. މިފަހަރު ވެސް ޑިސެމްބަރު މަހުގެ ތެރޭގައި ބާއްވަން އުޅުނު ނަމަވެސް އެކަމަށް ތައްޔާރުވުމަށް އެހާ ވަގުތު ނެތުމުން ނިންމީ އާ އަހަރުގައި ހަރަކާތް ބޭއްވުމަށެވެ.
"ވަރަށް ގިނަ ބަޔަކު ބައިވެރިވާނެ. ރިސޯޓުގަ އުޅޭ ރަށު މީހުންނާއި އެކި ހިސާބުތަކުގަ އުޅޭ ރަށު މީހުން ބޭނުންވޭ ބައިވެރިވާން. އާންމުކޮށް ތިން މަސް ކުރިން އަޅުގަނޑުމެން އަންގަން މިކަން އޮންނާނެ ތާރީހު. އެކަމަކު މިފަހަރު މަސް ދުވަސް ވެސް ރަނގަޅަށް ނުދެވުނު."
މި ބޮޑު ބާބަކިއުގައި ބައިވެރިވެވެނީ ހަމައެކަނި އުލިގަމު މީހުންނަކަށް ނޫނެވެ. މިއީ ރަށުގައި އުޅޭ ބިދޭސީންނާއި ރަށަށް އަންނަ އެހެން މެހެމާނުން ވެސް ބައިވެރިކޮށްގެން ކުރާ ކަމެއް ކަމަށް މުއާޒު ވިދާޅުވި އެވެ.
މަސް ފިހުމުގެ އިތުރުން މި ބާބަކިއުގެ ތެރެއިން ބޮޑިބަތް ފަދަ ދިވެހި ކެއުންތައް ވެސް ލިބެ އެވެ.