ހިތްއެދޭ ހުރިހާ ކަމެއް ނުފުދުނަސް އަޅުކަމުން އުފާވެރިކަން ހޯދޭނެ
ހިތްއެދޭ ހުރިހާ ކަމެއް ނުފުދުނަސް އަޅުކަމުން އުފާވެރިކަން ހޯދޭނެ

ދިރިއުޅުމުގެ ހަޔާތުގައި އަޑިގުޑަންތަކާ ކުރިމަތިލުމަކީ ހަމަ ކޮންމެ އިންސާނަކަށް ވެސް ކުރިމަތިވާނެ ކަމެކެވެ. އެކި މީހުންނަށް އެކި ގޮތަށެވެ. ދިރިއުޅުމުގެ ހަޔާތުގައި މަޙްރޫމްވުންތަކާއި އުނދަގޫތަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށް ގަބޫލު ކުރާނީ އެދުންތަކުގެ ދުނިޔެއެއްގައި އުޅޭ ތުއްތު ކުއްޖާ އެވެ. ނުވަތަ އެފަދަ ކުއްޖެއްގެ ޚިޔާލާއި ވިސްނުން ހުންނަ މީހެކެވެ. މިފަދަ މީހާ އާއި އެފަދަ ކުއްޖާގެ ނިހާޔަތަކީ އެކައްޗެކެވެ. ދިރިއުޅުމުގެ ހަގީގަތްތަކާ ކުރިމަތިލާން ދަސް ނުވުމެވެ. ނާއުއްމީދު ވުމާއި ހިތްނުތަނަވަސްވުމާއި ނާކާމިޔާބު ވުމެވެ. މިފަދަ ބަޔަކު އުޅޭ މުޖުތަމަޢެއްގެ ނިހާޔަތަކީ ވެސް ހަމަ އެއީ އެވެ.

ހިތް އެދޭ ކޮންމެ ކަމެއް ފުއްދަން ބޭނުންވާ ކުއްޖަކަށް އެ ކުއްޖާ ބޭނުންހާ އެއްޗެއް ކޮންމެ ގޮތަކުން ނަމަވެސް ހޯދައިދީގެން ތަރުބިޔަތު ކޮށްފިނަމަ ކުރިން ދެންނެވި ފަދަ ހާލަތަކަށް އެ ކުއްޖާ ހުށަހެޅިގެންދާ އިރު ކެތް ކުރެވޭނެ ބާވަ އެވެ. އެފަދަ ކުއްޖެއްގެ ބޭނުންތަކަށް ނިމުމެއް އަންނާނެ ބާވަ އެވެ. އެއް ބޭނުން ފުދޭއިރަށް އަނެއްކާ އަނެއް ކަމަކަށް އެދޭނެކަން ކަށަވަރެވެ. އެކަން ފުއްދަން އަދި އެކަން ވީހާވެސް އަވަހަކަށް ފުއްދަން އެކުއްޖާގެ އަޒުމް އޮންނާނެކަން ކަށަވަރެވެ. ބޭނުން ނުފުދިއްޖެ ނަމަ އަންނަ ރުޅީގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ އެވެ. އެހެންނަމަވެސް މިގޮތަށް އެކުއްޖާ އެދޭ ކޮންމެ ކަމެއް ފުއްދުމަކީ އޭނާއަށް އެންމެ މަންފާހުރި ގޮތަށް ވާނެ ބާވަ އެވެ؟ ހަގީގަތަކީ ކޮންމެކޮންމެ ފަހަރަކު މިގޮތަށް އެ ކުއްޖާގެ ބޭނުންތައް ފުއްދައިދޭ ނަމަ ބައެއް ފަހަރު އެއީ ނުހަނު ގެއްލުންހުރި ކަމަކަށްވެސް ވެދާނެ އެވެ. އެކަމަކުވެސް މައިން ބަފައިން އެފަދަކުދިންގެ ބޭނުންތައް ހަމަ ކިޔަމަންތެރިކަމާ އެކު ފުއްދައިދޭން ޖެހޭނެ ހެއްޔެވެ؟ ނުވަތަ ވަގުތުން ވަގުތަށް އެކަން ވާން ނެތިއްޖެ ނަމަ ފަހުން ކޮށްދޭން ވަޢުދުވާން ޖެހޭނެ ހެއްޔެވެ؟

މިއީ މިކަމުގެ ނަތީޖާއާ މެދު ވިސްނާލަން ޖެހޭ މުހިންމު ކަމެކެވެ. ދިރިއުޅުމުގެ ޙަޔާތުގައި މިފަދަ ކުއްޖާ ދަންނާނީ ހަމައެކަނި އޭނައަށް ބޭނުންވާ އޭނާ ހިތްއެދޭ ކަންކަން ނޫންތޯ އެވެ؟ އަދި އެކަންކަން ފުއްދައިދޭން މައިންބަފައިން ގަދައަޅާ މަސައްކަތް ކުރާ ކުރުން ނޫންތޯ އެވެ؟ ދުނިޔޭގެ ހަޔާތުގައި ބޭނުންތައް ނުފުދުމާއި ދަތިތަކާއި އެކިއެކި ހުރަސްތައް ހުރުން އެއީ އޭނަ ދަންނަ ކަމެއް ކަމުގައިވާނެބާ އެވެ؟ މިފަދަ ކަންކަން ކުރިމަތިވާ ހިނދު ކެތްކޮށްގެން އޭނާއަށް ހުރެވޭނެބާ އެވެ؟ އެހެން ބަޔަކަށް އޭގެ ސަބަބުން ގެއްލުމެއް ވެދާނެ ކަހަލަ ކަންކަމުން ދުރުހެލިވެގެން ހުންނަން ދަސްވާނެބާވަ އެވެ؟ މި ސުވާލުތަކުގެ ޖަވާބަކީ ނޫނެކޭ ކަމަށް ވާނަމަ މިފަދަ ކުއްޖަކު އެކަމަކާ ފަހުން ހިތާމަކުރަން ޖެހޭ ދެރަ ކަންތައްތައް ހިނގުން އެކަށީގެންވެ އެވެ. މައިންބަފައިން އެ ކުއްޖާއާ މެދު މާޔޫސްވާން ޖެހިދެ އެވެ. ވީމާ މިކަމުގެ ހައްލަކީ ކޮބައިތޯ އެވެ؟

އިސްލާމްދީނަކީ ދިރިއުޅުމުގެ ފުރިހަމަ މަންހަޖެއް ކަމަށްވާތީ ދިރިއުޅުމުގެ ހަޔާތުގައި އަންނަ ހިތްދަތި ހާލަތްތަކަށް އިންސާނާ ހާނުވަން ދަސްކޮށްދެ އެވެ. މިގޮތުން ކެތްތެރިކަމާއި ނަމާދުން ވާގިވެރިކަން ހޯދަން ކީރިތި ޤުރްއާނުގައި އަންގަވާފައިވެ އެވެ. (އަލްބަޤަރާ 153). އެއީ ދިރިއުޅުމުގެ ހަޔާތުގައި ދިމާވާ އެކިއެކި ދަތިތަކާއި މުޞީބާތްތަކަށް ކެތްތެރިވުމަށްޓަކަ އެވެ. ތިމާއަށް ލިބޭ އަނިޔާތަކާއި ނިކަމެތިކޮށްލުންތައް ބަލައިގަންނާކަށް ނޫނެވެ. އެކަމަކު އެފަދަ ކަމެއް މެދުވެރިވާހިނދު އަމިއްލަ ނަފްސު ކޮންޓްރޯލުކޮށް އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުމަށެވެ. އަދި އެފަދަ ކަންކަން އެއީ މާބޮޑުކަމެއް ކަމުގައި ނުބެލުމަށެވެ. މި ކަމަށް އޮތް ހައްލަކީ ކެތްތެރިވުމާއި ނަމާދު ކުރުމެވެ.

ނަމާދު ފިޔަވައި ދެންހުރި އެހެން އަޅުކަންތަކަކީ ވެސް ހިތްއެދޭ ކޮންމެކަމެއް ނުފުދުމުން އެލިބޭ ހިތްދަތިކަމުން ސަލާމަތްވާން ލިބޭ ވަރަށްބޮޑު ތަމްރީނެކެވެ. މިގޮތުން ރޯދައިގެ އަޅުކަމަކީ މިކަމަށް ވަރަށްބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ އަޅުކަމެކެވެ. އެހެނީ ރޯދަހިފުމުގައި އުނދަގޫތަކާއި އަމިއްލަ ނަފްސަށް ކުރަން ޖެހޭ ގުރުބާންވުންތަކާއި ޖިހާދުތައް އެކުލެވޭތީ އެވެ. ރޯދައަކީ ކުރިން އިޝާރާތްކުރި މިސާލުގައިވާ ފަދަ ކުޑަކުއްޖެއްގެ ދާއިރާއިން އިންސާނާ ނުކުމެ ތަސައްރަފު ފުދިފައިވާ ބޮޑުމީހެއްގެ ގޮތުގައި ވުމަށް އެހީވެދޭ ކަމެކެވެ. ދިރިއުޅުމުގެ ހަޔާތުގެ ރިސާލަތު އޭގައިވާ ފޮނިކަމާއި އަދި ހިތިކަމާ އެކު އާޚިރުގައި އުފާވެރިކަން ލިބެނިވި ގޮތެއްގައި އުފުލަން އިންސާނާ އަށް ލިބޭ ތަމްރީނެކެވެ. ރޯދަ ހިފުމަކީ ބައެއް މީހުންނަށް މާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެހެންނަމަވެސް އެކަން ކުރުމަކީ ފަހުން އޭގެ ސަބަބުން އެތައް ފައިދާތަކެއް ލިބޭނެ ކަމެކެވެ.

ދިރިއުޅުމުގެ ހަޔާތުގައި އުފާވެރި ކަންކަމާއި ތަނަވަސް ކަމާއި ފަސޭހަކަން އޮންނަ ފަދައިން ހިތާމަތަކާއި އުނދަގޫތަކާއި ދަތިހާލަތްތައް ވެސް އާދެ އެވެ. މިފަދަ ދަތި ހާލަތްތަކާ ތިމާ ކުރިމަތިލައި ކެތްތެރިކަމާ އެކު އެކަންކަން އޮމާން ގޮތަކަށް ކަޑައްތު ކުރެވޭނީ މިދެންނެވި ފަދަ ތަމްރީނެއް އިންސާނާއަށް ލިބިފައި ހުރެގެންނެވެ. މަޙްރޫމްވުމުގެ ވޭން ތަހައްމަލު ކުރަން ތިމާއަށް ދަސްވެފައި ހުރެގެންނެވެ. ރޯދައަކީ މިކަމަށް އޮތް ވަރަށް ބަރާބަރު ތަމްރީނެކެވެ. ސަބަބަކީ ރޯދައަކީ އެހެން އެއްވެސް މީހެއްގެ ފަރާތުން ފިއްތުމަކާ ނުލައި ތިމާ އަމިއްލަ ނަފްސަށް ތިމާގެ އަމިއްލަ ނަފްސުގެ އެދުންތައް ހިފަހައްޓާ ހިފަހައްޓާލުމަކަށް ވާތީ އެވެ. ކެއިންބުއިމާއި ޝަހުވާނީ އެދުން ފުއްދުމުގެ މިނިވަންކަމާއި ގާބިލިއްޔަތު ލިބިފައިވާއިރު ވެސް އެކަން ނުފުއްދައި ކެތް ކުރާތީ އެވެ. މިފަދަ މީހަކަށް އޭނާގެ އެދުންތަކާއި ބޭނުންތައް ފުއްދުމުގެ ކުޅަދާނަކަމާއި ގާބިލުކަން ނެތިދާ ދަނޑިވަޅު ތަކުގައި އެ ކަންކަން ތަހައްމަލު ކުރާކަށް އެއްވެސް އުނދަގުލެއް ނުވާނެ އެވެ. އެހެނީ އޭނާ އެހުރީ އެކަމަށް ތަމްރީނު ހޯދައިގެންނެވެ. ރޯދަ އާއި އެނޫންވެސް އަޅުކަންތަކަކީ މާތް ﷲ އިންސާނާއަށް ފަރުޟު ކުރައްވާފައިވާ ޢުޤޫބާތްތަކެއް ނޫނެވެ. ނުވަތަ އިންސާނާ އަމިއްލަ ނަފްސަށް ދޭ އަނިޔާތަކެއް ވެސް ނޫނެވެ. އަޅުކަންތަކަކީ އެކަމަށް ކުޅަދާނަ މީހުން އަދާކުރަންޖެހޭ ކަމެކެވެ. އަޅުކަމުން ލިބޭ އެންމެ މުހިންމު އެއް ފައިދާ އަކީ ދިރިއުޅުމުގެ ހަޔާތުގައި އަޑިގުޑަންތަކާ ކުރިމަތިލާން ފަރިތަ ވުމެވެ.

ނަމަވެސް އަޅުކަންތަކުން ކެތްތެރިކަމާއި ތަޤުވާވެރިކަމާއި ރިވެތި އަޚްލާޤީ ސިފަތައް ދަސްވާނީ ހަމައެކަނި އެ އަޅުކަންތަކުގެ ބޭރުތޮށިގަނޑު ފުރިހަމަކޮށްގެންނެއް ނޫނެވެ. އޭގެ އިތުރަށް އެކަންކަމުގައި އެކުލެވޭ ރޫޙާނިއްޔަތަކީ ވަރަށް މުހިންމު އެއްޗެކެވެ. ދިރިއުޅުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ކާއެތިކޮޅެއް ނުލިބުމުން އެކަން ތަހައްމަލުކޮށްލަން ރޯދައިގެ ތެރެއިން ތަމްރީނު ލިބިފައިނުވާ ނަމަ އެ ހިފުނު ރޯދައިގައި އެއްވެސް އާރެއް ނެތެވެ. ވަރަށް އާދައިގެ ތާކުންތާކު ނުޖެހޭ ކަންކަމުގައި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލި ނުވެވޭނަމަ މީސްތަކުންނަށް ހިދާޔަތެއް ކަމުގައި ބާވާލެއްވި ޤުރްއާނުން ލިބުނު މަންފާއެއް ނެތެވެ. ރޯދަ ހިފާއިރު ކެއުމާއި ބުއިމުން ވަކި ވަގުތު ތަކެއްގައި ދުރުހެލިވެވުނީމަ ރޯދަ ހިފުނީ ކަމަށް ހީކޮށް ފަޚުރުވެރިވާ އިރު ތަނަވަސްކަމެއް ނެތް މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވަން ދަސް ނުވަންޏާ ރޯދަ ހިފުމުގެ ބޭނުމެއް އެބައޮތްހެއްޔެވެ؟

އާދެ، އެހެންކަމުން ހިތްއެދޭ ކޮންމެ ކަމެއް ނުފުއްދޭ ދަނޑިވަޅުތަކުގައި ކެތްތެރިވާން ދަސްކޮށްދޭ ތަމްރީނެއްގެ ގޮތުން އަޅުކަންތައް އެކަނިވެސް ފުދެ އެވެ. ވީމާ ދިރިއުޅުމުގެ ހަޔާތުގައި އަންނަ އަޑިގުޑަންތައް ކެތްތެރިކަމާ އެކު ކަޑައްތުކޮށް ހިތްއެދޭ ކޮންމެކަމެއް ފުއްދަން ކޮންމެހެން ނުޖެހޭނެކަން ދަސްކުރުމަށްޓަކައި އަޅުކަންތައް އޭގެ ރޫހާނިއްޔަތާ އެކު އަދާކުރުން ވަރަށް ވެސް މުހިންމެވެ.