17 ޑިސެމްބަރ 2021 - 14:59

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ތަނބުތަކުގައި ރެނދުލާއި ހަލާކުވުމުން އެ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމަށް އަމަލުކުރަން ބޭނުން ނުވާ ކަމަށް އެ ސްކޫލުގެ ބެލެނިވެރިން މިއަދު ބުނެފި އެވެ.
މިނިސްޓްރީގެ ނިންމުމާ ގުޅިގެން ބެލެނިވެރިންގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސްކޫލުގެ އިމާރާތް ހަލާކުވެ އެ އިމާރާތުގެ ތަނބުތައް ފަޅައިގެން ގޮސް އޭގެ ބައިތައް ވެއްޓި ކުދިންގެ ހައްޓަށް ނުރައްކާވެދާނެތީ 2018 ވަނަ އަހަރުން ފެށިގެން ސްކޫލުން ދިޔައީ އެކަން މިނިސްޓްރީއަށް އަންގަމުން ކަމަށެވެ. ނަމަވެސް އެއްވެސް ކަމަކަށް އިޖާބަ ދީފައިނުވާ ކަމަށާއި އިމާރާތުގެ މަރާމާތް ކުރަން ބަޖެޓް ވެސް ނެތް ކަމުގެ ބަހަނާ ދެއްކުމަށް ފަހު، މިނިސްޓްރީން ދިޔައީ މިއަދާ ހަމައަށް ވެސް އެ ސްކޫލަށް އިހުމާލުވަމުން ކަމަށް ބެލެނިވެރިން ބުންޏެވެ.
"2021 ވަނަ އަހަރުގެ ކުރީކޮޅު އަރަބިއްޔާ އިމާރާތާ ގުޅޭ ގޮތުން ހެދުނު ވިޝުއަލް އެސެސްމަންޓްގައި ދީފައިވާ ލަފަޔަށް ވެސް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރުމެއް ނެތި އަޅުގަނޑުމެންގެ ދަރިން އަރަބިއްޔާ އިމާރާތުން އެހެން އިމާރާތަކަށް ބަދަލުކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކޮށް ތިބެ، އެ ކުދިންނަށް އެއްވެސް ކަހަލަ ނުރައްކަލެއް ނެތް ކަމަށް މަޖިލީހުގައި، އެންމެހާ ރައްޔިތުންގެ ކުރިމަތީގައި މިނިސްޓަރު ވިދާޅުވެފައިވޭ،" ބަޔާނުގައިވެ އެވެ.
މިނިސްޓަރު މަޖިލީހުގައި އެގޮތަށް ވިދާޅުވި ދުވަހުގެ ހަވީރު ސްކޫލުގެ ޕީޓީއޭގެ އެކްސްކޯއާ ބައްދަލުކުރެއްވި ޖަލްސާގައި ބުނެފައި ވަނީ މިހާރުން މިހާރަށް ވެސް ދަރިވަރުން ސްކޫލުގެ އިމާރާތުން ނިކުންނަން ޖެހިދާނެ ކަމަށާއި އެކަމަށްޓަކައި އިއްޒުއްދީން ސްކޫލުން ޖާގަ ހޯއްދަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
އިއްޒުއްދީނަށް ބަދަލުކުރުމާ މެދު ގޮތެއް ނިންމާނީ ބެލެނިވެރިންގެ ވެސް ހިޔާލު ހޯދުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެގޮތަށް ހިޔާލު ހޯއްދަވާފައި ވެސް ނުވާ ކަމަށް ބެލެނިވެރިން ބުންޏެވެ.
ބަޔާނުގައި ބުނި ގޮތުގައި ސްކޫލުގެ ބެލެނިވެރިންނާއި މެނޭޖްމަންޓުގެ ފުރިހަމަ އިއްތިފާގުން އެއްބަސްވެ އިއްޒުއްދީނަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ ކުރެވޭ ކަމެއް ނޫނެވެ. އެގޮތަށް އެކަން ކުރާ ނަމަ، ބެލެނިވެރިން ބުނި ގޮތުގައި، ދަރިވަރުންގެ ކިޔެވުމާއި ސްކޫލާއި އެހެން ކަންކަމަށް ވެސް ނުރައްކަލާއި ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވާނެ އެވެ.
"މާޒީގައި ވެސް އަރަބިއްޔާގެ ދަރިވަރުންނާއި މުވައްޒަފުން ވަނީ ނުހަނު ހިތްދަތި ތަޖުރިބާތަކެއް ކޮށްފައި،" ބަޔާނުގައިވެ އެވެ.
އެހެންވެ، އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ އެއްވެސް ދަރިވަރަކު ކިޔަވަން ގެންދެވެން ނެތް ކަމަށާއި މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އެ ސްކޫލުގެ ދަރިވަރުންނާ އެކު އެހެން އެއްވެސް ސްކޫލެއްގެ ދަރިވަރުން މަސްހުނި ނުވާނެހެން މާލެއިން ކޮންމެވެސް ބިމެއްގައި އަރަބިއްޔާ ވަގުތީ ގޮތުން ނަމަވެސް ހިންގޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ބެލެނިވެރިން ބުނެ އެވެ.
މާލޭގެ އެހެން ސްކޫލުތަކުގެ ދަރިވަރުންނަށް ލިބިފައިވާ ހަމަހަމަ ފުރުސަތު އަރަބިއްޔާގެ ދަރިވަރުންނަށް ކަށަވަރުވާނީ އެ ސްކޫލުގެ ދަރިވަރުންނަށް ވެސް އެކަށީގެންވާ ފަދަ ދާއިމީ ބިމެއް ރަސްމީ ލިޔެކިޔުމުން ދެއްވުމުން ކަމަށް ބުންޏެވެ.
ބެލެނިވެރިން ބުނީ ދަރިވަރުންގެ ހައްގުގައި ކުރަމުންއަންނަ މަސައްކަތާ ދެކޮޅަށް ބެލެނިވެރިންގެ ނިންމުމަށް ގޮންޖަހައި އަރަބިއްޔާ ދަރިވަރުން ގަދަކަމުން އިއްޒުއްދީނަށް ގެންދަން އުޅޭ ކަމުގެ ހަބަރު ލިބުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރުމަށް އެދި ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވި ނަމަވެސް އެއަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.
މިނިސްޓްރީގެ ނިންމުން ބެލެނިވެރިން ހަރުކަށި އިބާރާތުން ކުށްވެރިކުރަނީ އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ހައްގަށް ހުރަސް އެޅި އެކުދިންގެ އަރަބި އިސްލާމީ މަންހަޖުގެ ފުނޑުފުނޑުވެގެންދާނެ ގޮތަކަށް މިނިސްޓްރީން ނިންމުން ނިންމާތީ ކަމަށް ބުންޏެވެ.
މީގެ އަށް އަހަރުކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އާ އިމާރާތުގައި ވަރަށް ބޮޑަށް ރެނދުލާފައި ހުރުމުން އެ ތަނަށް ދަރިވަރުން ފޮނުވުމަށް ފަސްޖެހި އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެތައް ފަހަރަކު ސަރުކާރުގައި އެދިފައިވެ އެވެ. ބެލެނިވެރިން މިއަދު ބަޔާނެއް ނެރެފައި ވަނީ އަރަބިއްޔާގެ އިމާރާތުގެ މައްސަލަ ހައްލު ކުރުމަށް ވަގުތީ ގޮތުން ދަރިވަރުން އިއްޒުއްދީނަށް ގެންގޮސް ހުޅުމާލޭގައި އަލަށް އަޅާ ސްކޫލެއް އަރަބިއްޔާ އަށް ހާއްސަކޮށް އަދި މިހާރު މާލޭގައި ހުރި އަރަބިއްޔާގެ އިމާރާތް މަރާމާތުކޮށް އެތަން އަރަބިއްޔާ އަށް ހާއްސަ ތަނެގެ ގޮތުގައި އަބަދުވެސް ބަހައްޓާނެ ކަމަށް އެޑިއުކޭޝަނުން ބުނެމާ ގުޅިގެނެވެ.