17 ޑިސެމްބަރ 2021 - 16:20

މާސީސައިޑް (ޑިސެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް ފަހަތުން އަރައި މެޗު ކާމިޔާބުކޮށްގެން، އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި 2،000 މެޗު ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ލަގަބް ލިވަޕޫލުން ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލުން ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް މޮޅުވީ 3-1 އިންނެވެ. މީލާދީ ގޮތުން 19 ވަނަ ގަރުނުގައި، 1895/1894 ސީޒަނުގައި އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށި ލިވަޕޫލުން 2،000 މެޗުން މޮޅުވެ ރެކޯޑް ހެދިއިރު، އެ ޓީމު ވަނީ 4،227 މެޗު ކުޅެ، 1،047 މެޗު އެއްވަރު ކޮށްފަ އެވެ. ލިވަޕޫލާ އެންމެ ކައިރިން ދެވަނައިގައި އޮތީ ހަމަ އެ އަދަދަށް މެޗު ކުޅެގެން، 1،927 މެޗު ކާމިޔާބު ކޮށްގެން އާސެނަލް އެވެ.
ނިއުކާސަލް ޔުނައިޓެޑުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލް ކޮޅަށް ގޯލު ޖަހައި، ލީޑު ހޯދައިފަ އެވެ. މެޗުގެ ހަތްވަނަ މިނިޓުގައި ލިވަޕޫލްގެ ތިއާގޯ އަލްކަންތާރާ އަށް ފަހަތުން ބޯޅަ ރަނގަޅަށް ސާފު ކޮށްނުލެވުމުގެ ފައިދާ ނަގައި ނިއުކާސަލް އަށް މި ލަނޑު ޖަހައިދިނީ ކުރިން ލިވަޕޫލަށް ވެސް ކުޅުނު މިޑްފީލްޑަރު ޖޮންޖޯ ޝެލްވީ އެވެ.
ޝެލްވީގެ ލަނޑުން ނިއުކާސަލް ލީޑު ނަގައިފައި ވަނިކޮށް ލިވަޕޫލުން ވަނީ އޭގެ 14 މިނިޓު ފަހުން ގާތް ގާތުގައި ދެ ލަނޑު ޖަހައި، ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 21 ވަނަ މިނިޓުގައި މާނޭ ނަގައިދިން ހުރަހެއް ޑިއޯގޯ ޖޮޓާ ބޮލުން ފޮނުވާލުމުން ނިއުކާސަލްގެ ކީޕަރު މަތަކުރި ނަމަވެސް ރީބައުންސްވެފައި އައި ބޯޅައިގައި އޭނާ ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އެ ވަގުތު ނިއުކާސަލްގެ އައިޒެކް ހޭޑެން ބޮލަށް އަނިޔާވެ، ގޯލު ކުރިމަތީގައި ވެއްޓިފައި އޮތް ނަމަވެސް ރެފްރީ މައިކް ޑީން ކުޅުން ކުރިޔަށް ގެންދިޔުމުން ނިއުކާސަލް ޔުނައިޓެޑުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
ލިވަޕޫލަށް ލީޑު ނަގައިދިނީ 25 ވަނަ މިނިޓުގައި މުހައްމަދު ސަލާހެވެ. ނިއުކާސަލްގެ ޝެލްވީ ފަހަތަށް ކުޅުނު ބޯޅައެއް ލިވަޕޫލްގެ ސަޑިއޯ މާނޭ ހޯދައި ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރުމުން ރީބައުންސް ބޯޅައިގައި ސަލާހު ޖެހި މި ލަނޑާ އެކު، އޭނާ ވަނީ ލީގުގައި ޖެހިޖެހިގެން 15 މެޗުގައި ގޯލެއް ޖަހައިގެން ނުވަތަ އެސިސްޓެއް ކޮށްގެން ލެސްޓާ ސިޓީގެ ފޯވާޑް ޖެމީ ވާޑީ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.
ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށްވެފައި ވަނިކޮށް ޖަހައިދިނީ ފުލްބެކް ޓްރެންޓް އެލެކްޒެންޑާ އާނޯލްޑެވެ. ފިރްމީނޯ ޖައްސާލި ބޯޅައަކުން އާނޯލްޑް ގޯލު ޖެހީ 25 ޔާޑު ބޭރުން، ކުރިމަތީ ހުރި ނިއުކާސަލްގެ ޝެލްވީއަށް ހަމަލާ ބްލޮކް ކުރުމުގެ ފުރުސަތު ނުދީ، ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ ތިންވަނައިގައި އޮތް ޗެލްސީ އަށް ވުރެ އިތުރަށް ތިން ޕޮއިންޓުގެ ލީޑެއް ހޯދައިފަ އެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ ޕޮއިންޓެއް މަދުން، 40 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ދެވަނައިގަ އެވެ. ލިވަޕޫލްގެ ވާދަވެރި އެވަޓަން ވަނީ ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރު ކޮށްފަ އެވެ.
ކޮވިޑް-19 ޕޮޒިޓިވް ކޭސްތަކާ އެކު ވެސް ލެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސް މެޗު ރޭ ކުޅެން ޕްރިމިއާ ލީގު ބޯޑުން ނިންމި އިރު، ފަހުން އެ މެޗު ވަނީ ފަސް ކޮށްފަ އެވެ. މިއީ މިހާތަނަށް ކޮވިޑާ ގުޅިގެން ފަސް ކުރަން ޖެހުނު ހަތަރުވަނަ މެޗެވެ.
މީގެ އިތުރުން ވެސް ކޮވިޑާ ގުޅިގެން ލީގު ބޯޑުން ވަނީ މި ހަފްތާ ބަންދަށް ތާވަލު ކޮށްފައިވާ 10 މެޗުގެ ތެރެއިން ފަސް މެޗު ލަސްކޮށްފަ އެވެ. އޭގެ ތެރޭގައި، މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލު ކުރާ މެޗާއި، އެވަޓަން އާއި ލެސްޓާ ސިޓީ ބައްދަލުކުރާ މެޗު ހިމެނެ އެވެ.
ކޮވިޑުގެ ސަބަބުން މިހާރު ވެސް ވިދިވިދިގެން ދެ މެޗް ލަސް ކޮށްފައިވާ ޓޮޓެންހަމް ހޮޓްސްޕާސް އާދިއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭ އިރު، ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ، ކޮވިޑުގެ ސަބަބުން މެޗުތައް ލަސްކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"އަހަރެންނަކަށް ނުފެނޭ (ކޮވިޑް ކޭސްތަކާ ހުރެ) ލީގު މެދުކަނޑާލައިގެން ލިބޭނެ ފައިދާއެއް. އެއީ އަލުން އަނެއްކާ ފަށާއިރު ވެސް (ކޮވިޑް) އެބަ އުޅޭ،" ރޭގެ މެޗަށް ފަހު ކްޕޮލް ބުންޏެވެ.
"ކޮވިޑް މުޅިން ފިލާނެ ނަމަ، ހުއްޓާލައިފައި (ކޮވިޑް ފިލަންދެން) ގޭގައި ހުންނާނެ ފުރަތަމަ މީހަކަށް ވާނެ އަހަރެން. އެކަމަކު އެއީ ނާދިރު ކަމެއް، އެހެންވީމައި ކޮބާ ލީގު ހުއްޓާލުމުގެ ބޭނުމަކީ؟ އުންމީދު ކުރަން އާދިއްތަ ދުވަހު އަހަރެމެންނަށް ވެސް އަދި ޓޮޓެންހަމަށް ވެސް މެޗު ކުޅެވޭނެ ކަމަށް."