17 ޑިސެމްބަރ 2021 - 11:55

މިއަހަރު ނިމޭއިރު ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި ދުވަހުގެ އަދަދު 11 މިލިއަން ބެޑްނައިޓަށް އަރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެކޮމަޑޭޝަނެއްގައި އަގު ދީގެން ހޭދަކުރާ ކޮންމެ ރެޔަކީ ބެޑް ނައިޓެކެވެ.
މިއަހަރު ފެށުނު އިރު ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފީ 10 މިލިއަން ބެޑްނައިޓަށެވެ. ނަމަވެސް އެ އަމާޒު މާކުރިން ވަނީ ހާސިލުވެފަ އެވެ. މިދިޔަ ބުދަ ދުވަހު ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގެ ކުރިން ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި 10.7 މިލިއަން ބެޑްނައިޓް ފަހަނައަޅައި އާ ރެކޯޑެއް ހަދައިފަ އެވެ.
މި އަހަރުގެ ބަޖެޓުގައި އެއް މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފައި، މިިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އެ އަދަދަށް ރާއްޖެއަށް ޓޫރިސްޓުން ގެނެސްފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރު 1.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް އަންނާނެ ކަމަށެވެ. މިދިޔަ ނޮވެމްބަރު މަސް ނިމުނު އިރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ހުރީ 1.1 މިލިއަނުގަ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން ވިދާޅުވިގޮތުގައި، ރާއްޖެއިން އެންމެ ބޮޑު އިސްކަމެއް ދެނީ ޓޫރިޒަމް ދާއިރާގެ ހުރިހާ ބަޔަކަށް ދިވެހިންގެ ޝާމިލުވުން އިތުރުކޮށް، ދިވެހިންގެ އޯނަޝިޕް ބޮޑުކުރަން ކަމަށެވެ.
ރާއްޖޭގައި 155 ރިސޯޓުން ހިދުމަތް ދޭ އިރު ގިނައީ ބޭރުގެ ބޮޑެތި އިންވެސްޓަރުގެ ރިސޯޓުތަކެވެ. ރިސޯޓުތަކުގެ ހިއްސާ 100 ޕަސެންޓް ބޭރުގެ އިންވެސްޓަރުންނަށް ނެގުމުގެ ފުރުސަތު ގާނޫނުން ލިބިދީފައި އޮވެ އެވެ. އަލަށް ފަށާ ހޯމް ސްޓޭ ޓޫރިޒަމާ އެކު އެކަން ބަދަލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް އަޑިއަޅާ ލުމަށްފަހު މިހާރު ވަނީ މި ދާއިރާ ހިގައިގެންފަ އެވެ. މި ވަގުތު ޓޫރިޒަމް ދާއިރާގައި 55،000 އެނދު ހުރި އިރު ހިދުމަތް ދެނީ 50،000 އެނދުންނެވެ. މީގެ ތެރޭގައި ރިސޯޓާއި ގެސްޓްހައުސް އަދި ސަފާރީތައް ހިމެނެ އެވެ.