17 ޑިސެމްބަރ 2021 - 09:25

މި އަހަރު ފިލިޕިންސަށް އެރި އެންމެ ބާރުގަދަ އެއް ތޫފާން ކަމަށްވާ "ރައި" ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައި ވާއިރު ދިވެހި ދަރިވަރުން އުޅޭ ބައެއް ގެތަކަށް ވެސް ގެއްލުންވެފައިވާ ކަމަށް އެ ކުދިންގެ އާއިލާތަކުން ބުނެފި އެވެ.
ގަޑިއަކު 195 ކިލޯމީޓަރު (121 މޭލު) ބާރުމިނުގައި ވައި ޖެހުނު ތޫފާނަށް ފަހު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަމުން އަންނަ ސީބޫ ސިޓީގައި ރާއްޖޭގެ ވިއްސަކަށް ދަރިވަރުން އުޅޭ ކަމަށް ވަނީ އެނގިފަ އެވެ. އެ ދަރިވަރުންގެ ހާލު މި ވަގުތަށް ރަނގަޅެވެ.
އެ ގައުމުގައި ޕައިލެޓްކަން ކިޔަވަން ގޮސް ތިބި މި ދަރިވަރުންގެ ތެރެއިން ކުއްޖެއްގެ ބައްޕަ، "މިހާރު" އަށް ބުނީ ބައެެއް ކުދިންގެ ކޮޓަރިތަކުގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ. އެ ސަރަހައްދުން އިއްޔެ އިން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށާއި އަވަހަށް ކަރަންޓު ނުވެސް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.
"ހުރިހާ ހޮޅިދަނޑިތަކާ އެއްޗެހި ބިންމައްޗަށް ވެއްޓިފައި ހުރީ. އިއްޔެ ތޫފާނުގައި ބައެއް ކޮޓަރިތަކުގެ ފުރާޅު އެއްލައިލީމަ ހުރިހާ ކުދިން ވެސް ތިބީ ވަރަށް ބިރުން. ހަމަ ސީދާ އެ ތަނަށް ތޫފާން އެރީ،" އޭނާ ކިޔައިދިނެވެ.
އެ ދަރިވަރުން އަދި އެހެން ސަރަހައްދުތަކަށް ބަދަލުނުކުރި ނަމަވެސް މިވަގުތު އެމީހުންގެ ހާލު ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
"އިއްޔެ އެ ކުދިންނަށް ގުޅޭ ފަހަރާއި ނުގުޅޭ ފަހަރު ވެސް ދިޔަ. އެކަމަކު މިއަދު ހަމަ އެބަ ގުޅޭ. ރަނގަޅު ކަމަށް ބުނަނީ،" އޭނާ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި ތޫފާނުގެ ސަބަބުން ދަރިވަރުންނަށް ވެސް ގެއްލުންވާތީ އެކަން ވާނީ ސަރުކާރުގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ. އެހެންވެ ސަރުކާރުން ވެސް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެ ކުދިންގެ ހާލަތު ދިޔައީ އާއިލާއަށް އަންގަމުން ކަމަށް އޭނާ ބުންޏެވެ.
ފޮރިން މިނިސްޓްރީން ވެސް ބުނީ ދަރިވަރުންގެ ހާލު ރަނގަޅު ކަމަށެވެ.
"ޓައިފޫން ރާއީގެ ސަބަބުން ފިލިޕީންސަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އެ ގައުމުގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ފޮރިން މިނިސްޓްރީއިން ދަނީ ވަރަށް ގާތުން ބަލަމުން. ހުރިހާ ދަރިވަރުންގެ ވެސް ހާލު ރަނގަޅު،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ފިލިޕިންސްގެ މޫސުމާ ބެހޭ އިދާރާ އިން ވެސް ވަނީ ތޫފާން ރައިގެ ސަބަބުން އެގައުމުގެ އެކި ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާނެތީ އެކަމުގެ އިންޒާރުދީފަ އެވެ.
މި ތޫފާނުގައި ފެން ބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން މިހާރު ވެސް 10،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ގެންގޮސްފަ އެވެ. ތޫފާނުގެ ސަބަބުން އެކަކު މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ތޫފާނުގެ ބާރު މިހާރު ދަށްވެފައި ވާއިރު، ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.