16 ޑިސެމްބަރ 2021 - 20:47

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެނީ މި ގައުމު ހިފަންތޯ ސުވާލު އުފެދޭ ކަމަށާއި އެ ފަރާތްތަކާ މެދު ނަފްރަތު ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އިސްވެ ޕީޕީއެމުން ކުރިއަށް ގެންދާ "އިންޑިޔާ އައުޓް" ކަމްޕެއިނަށް ކ. ގުރައިދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިއާގެ ރައްޔިތުންނާ ކުރިން ވެސް އޮންނަ ގުޅުން އަބަދުވެސް އޮންނާނެ ކަމަށެވެ. ކުރިޔަށް އޮތްތަނުގައި އެ ގުޅުން ވަރުގަދަ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް ދައުވަތު ނުދެނީސް އަދި ރާއްޖެއަށް ބަޔަކު އުދުވާނީ ހަމަލާއެއް ނުދެނީސް އެކި ހިސާބުތަކުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމަކީ އެދޭ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ ރާއްޖެ ހިފަން ތިބި ބައެއްތޯ ސުވާލު އުފެދެނީ. މިއީ އޮކިއުޕައިން ފޯސްއެއްތޯ. މިއީ ކިހާ ޒަމާނެއް ވަންދެން ތިބޭނެ ބައެއްތޯ،" އިންޑިޔާ އައުޓް ލިޔެފައި ހުރި ޓީޝާޓެއް ތުރުކުރައްވައިގެން ހުންނެވި ޔާމީން ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ފޭބުމަށް ތަކުރާރުކޮށް ގޮވާލެއްވުމަށް ފަހު ޔާމީން ވިދާޅުވީ މި ސަރުކާރު ފުރަތަމަ ބުނަމުން ދިޔައީ ރާއްޖޭގައި ތިބީ ފަންނީ ބައެއް ކަމަށާއި ނަމަވެސް ފަހުން ސިފައިން ތިބިކަން ހާމަވި ކަމަށެވެ. އަދި ދޮގުން އުފެދިފައި އޮތް ސަރުކާރެއް ދެމިތިބޭނީ ދޮގުތައް މަތީގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމު ދެކެ ލޯބިވާ ހުރިހާ އެންމެން އެކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށާއި އެ ނޫނީ އެކަމެއް ނުހިފެހެއްޓޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނަފްރަތު ކުރަން، ގަބޫލެއް ނުކުރަން މިކަމެއް. ހުރިހާ ރައްޔިތުން އަޑަށް ބާރުލައްވާފައި އޮޅުމެއް ނެތް ކަމަށް މި ބުނަނީ އިންޑިޔާ ސިފައިން މިތާ ނުތިބެވޭނޭ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު މީގެ ކުރިން ވަނީ އިންޑިއާގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޕީޕީއެމް އިން މިއަދު ވަނީ އެ ރަށުގައި އިންޑިޔާ އައުޓް ހިނގާލުމެއް ބާއްވައިފަ އެވެ. އެއަށް ފަހު ޔާމީން އާއި ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން ވަނީ އެ ރަށުގައި ތިބި އިދިކޮޅުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފަ އެވެ.