16 ޑިސެމްބަރ 2021 - 18:21

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ބޯޑު މެންބަރަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމް ހަމަޖައްސައިިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް އާސިމް މުހައްމަދު ވިދާޅުވީ، ސިޔާދު ގާސިމް އައްޔަނުކޮށްފައިވަނީ ނޮން އެގްޒެކެޓިވް މެންބަރެއްގެ ގޮތުގައި ކަމަށެވެ.
އެމްއޭސީއެލްގެ ބޯޑުގައި މިވަގުތު ހަ މެންބަރުން ތިއްބަވަ އެވެ.
އެ ކުންފުނީގެ ޗެއާމަނަކީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. މީގެ އިތުރުން އިބްރާހިމް ނޫރައްދީނު ވެސް ބޯޑުގައި އިންނަވަ އެވެ. އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ކުންފުނީގެ ޗެއާމަނެވެ. އެކަމަކު ޖޫން 28، 2010 ގައި އިބްރާހިމް ނޫރައްދީން އެ މަގާމުން ވަކިކުރެއްވީ އެއާޕޯޓު ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުގެ ކުރިން އެއްބަސްވުން އިވެލުއޭޓު ކުރުމުގައި ހިނގައި ދިޔަ ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.
އެމްއޭސީއެލްގެ ބޯޑު މެންބަރަކަށް ސިޔާދު އައްޔަން ކުރެއްވި އިރު އެކުންފުނީގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި ގޯޑަން އެންޑްރޫ ވަނީ މިދިޔަ މަހު މަގާމުން ވަކިކޮށްފަ އެވެ. އަދި މިހާތަނަށް އެ މަގާމަށް އެހެން މީހަކު ހަމައެއްނުޖައްސަ އެވެ.