16 ޑިސެމްބަރ 2021 - 17:57

ސިންގަޕޫރުގައި ބޭއްވި ހިސާބު އެސެސްމަންޓެއްގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ބައިވެރިވެ ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
އެ ސްކޫލުގެ ގްރޭޑު 2-6 ގައި ކިޔަވާ 10 ދަރިވަރަކު "އެމެރިކަން މެތްމެޓިކްސް އޮލިމްޕިއަޑްސް" ގައި ބައިވެރިވެ، މިދިޔަ މަހުގެ 16 ގައި އެސެސްމަންޓު ހަދާފައިވެ އެވެ. އެ މުބާރާތުގެ ނަތީޖާ އިއްޔެ ލިބިފައިވެ އެވެ.
އޮލިމްޕިއަޑްސްގައި 30 ގައުމަކުން 19،000 އެއްހާ ދަރިވަރުން ބައިވެރިވި އެވެ.
އެ ހުރިހާ ދަރިވަރުން ވެސް އެސެސްމަންޓު ހަދާފައިވަނީ އޮންލައިންކޮށެވެ.
ސިންގަޕޫރު މޮޑެލްއަށް ކިޔަވައިދޭ ބްރައިޓްވޭ ސްކޫލުން ބައިވެރިވި މަރިޔަމް މައީޝާ މޫސާ އަލީ، އައިޝާ ލީމް އަހުމަދު އަދި އާލް އަހުމަދު އަސްލަމް ރަން މެޑަލް ހޯދާފައިވެ އެވެ.
ރިހި މެޑަލް ހޯދާފައިވަނީ ފާތިމަތު ރިޒްނީ ރިޒާ އާއި މާޛު މުހައްމަދު ރަޝީދެވެ. ބްރޮންޒު މެޑަލް ލިބުނު ދެ ދަރިވަރުންނަކީ ނިބާލް ނައީމާއި ހައިރީ މިޝަލް ސައީދެވެ.
އެ ސްކޫލު ހިންގާ ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު ވިދާޅުވީ އެސެސްމަންޓު ދީފައިވަނީ ދަރިވަރުންގެ ކަރިކިއުލަމްގެ ތެރެއިން ކަމަށެވެ.
"ކިޔަވާ އެއްޗެހި، ބޮޑު އެސެސްމަންޓެއްގައި ބޭނުންކުރުމުން ދަރިވަރުންނަށް ރަނގަޅަށް ދަސްވެގެންދާނެ" މޫސަ ވިދާޅުވި އެވެ.