ޕީކް ސީޒަން އޯވަބުކް، ރިސޯޓުތައް ފުރިއްޖެ
ޕީކް ސީޒަން އޯވަބުކް، ރިސޯޓުތައް ފުރިއްޖެ

ކޮންމެ އަހަރެއްގެ އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނަ ޕީކް ސީޒަން ދުވަސްވަރު މިވަނީ ފެށިފަ އެވެ. މިއަހަރުގެ މި މޫސުމަށް ވެސް ރާއްޖޭގެ ރިސޯޓުތައް އޮތީ ފުރިބާރުވެފަ އެވެ. ރިސޯޓުތަކާއި ޓްރެވަލް އޭޖެންޓުން ބުނަނީ ކޮވިޑަށް ފަހު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނާނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ކަމަށެވެ.

މިއަހަރުގެ މިހާތަނަށް އެއް މިލިއަން ޓޫރިސްޓުން ރާއްޖެއަށް އައި އިރު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާ އާއި ރަޝިއާއިންނެވެ. އެ ދެ ގައުމުން ގާތްގަނޑަކަށް ހަތަރު ލައްކައެއްވާ ޓޫރިސްޓުން އައިސްފައިވެ އެވެ.

އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ފިރާގު ވިދާޅުވީ، މިއީ ރާއްޖޭގެ ޓޫރިޒަމް އެންމެ ރަނގަޅަށް ކުރިއަރަމުން އަންނަ ދުވަސްވަރު ކަމަށެވެ. އޭނާ ވިދާޅުވީ، މިދިޔަ 10 އަހަރުގެ ތެރޭގައި ކުރި ނާރާވަރަށް މިދުވަސްވަރު ރާއްޖޭގެ އޮކިއުޕެންސީ އިތުރުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި މިވަގުތު 50،000 ބެޑް ކެޕޭސިޓީ ހުރި އިރު ރާއްޖޭގެ ހުރިހާ ރިސޯޓުތަކަށް ވަރަށް ބާރު ބޮޑު ކަމަށެވެ. މީގެ ތެރޭގައި ގިނައީ ވެސް ލަގްޒަރީ ރިސޯޓުތަކެވެ. އެންމެ އާދައިގެ ރިސޯޓުތަކުގެ އަގުތައް ވެސް އުޅެނީ 280 ޑޮލަރަށް ވުރެ މަތީގަ އެވެ.

"ގިނަ ރިސޯޓުތައް ހުރީ އޯވާބުކްވެފައި. ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުން ވާނީ އިތުރު،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތައް ހުރީ އަންނަ ޖެނުއަރީ މަހާ ހަމައަށް އޯވާބުކްވެފަ އެވެ. ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް، ނީރާޖް ސެތް ވިދާޅުވީ، އެ ރިސޯޓުގެ ހުރިހާ ރޫމެއް ފުލް ކަމަށެވެ. ކޮންމެ އަހަރެއްގެ ވެސް ޕީކް ސީޒަންގައި އެ ރިސޯޓު ފުލްވެ އެވެ.

"މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރިސޯޓު އޮތީ އެއްކޮށް ބުކްކޮށްފަ،" އޭނާ ވިދާޅުވި އެވެ.

ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖާ އަބްދުﷲ ފަތުހުﷲ ވިދާޅުވީ، އެ ރިސޯޓު ވެސް އޮތީ ވަރަށް ފުލްކޮށް ކަމަށެވެ. ކޮވިޑްގެ އާ ވައިރަސް އޮމިކްރޮންއާ ގުޅިގެން ކޮންމެވެސް ވަރަކަށް ބުކިންތައް މަދުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ކުރިއަށް އޮތް ދެ ހަފްތާއަށް ރިސޯޓު ފުލްވާނެ ކަމަށެވެ.

ޓޫރިސްޓުން އައުމުގައި މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލަތަކަކީ އެއާޕޯޓުގެ ތާށިކަމެވެ. ފިރާގު ވިދާޅުވީ، އެއާޕޯޓުގެ ކެޕޭސިޓީ ބޮޑު ނަމަ މިހާރަށް ވުރެ ގިނަ ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިވަގުތު ރާއްޖޭގެ އެއާޕޯޓުގައި މުއްސަނދި ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ ގާބިލްކަން ނެތް ކަމަށެވެ.

"މިހާރު އެއާޕޯޓުގައި ނެތް ސީއައިޕީ ޓޫރިސްޓުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ ގޮތެއް. މިކަމަށް ހައްލުތަކެއް ގެނެސްފި ނަމަ އިތުރު ޓޫރިސްޓުން ވެސް ގެނެވޭނެ،" އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވި ގޮތުގައި ޓޫރިސްޓުން މިހާރު ގެންނަނީ ކޮވިޑްގެ ކުރީގެ ހާލަތާ މުޅިން ތަފާތުކޮށް ކުދިކުދި ޓްރެވަލް އޭޖެންޓުން މެދުވެރިކޮށެވެ. އޭނާ ވިދާޅުވީ، ތޯމަސް ކުކް ފަދަ ބޮޑެތި ޓްރެވަލް އޭޖެންޓުންގެ ބަދަލުގައި ރިސޯޓުން ޑައިރެކްޓްކޮށް އަދި ކުދި ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ވެސް ބުކިން ހަދާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިހެންވެ، ކުރިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ އިތުރަށް އެހެން ބައެއް ގައުމުތައް ކަމަށްވާ ބަންގްލަދޭޝް ފަދަ ގައުމުތަކުން ވެސް ޓޫރިސްޓުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުން ގެނައުމަށް ސަރުކާރުން މިއަހަރަށް ކަނޑައެޅި ޓާގެޓް ފަހަނަ އަޅައިފި އެވެ. އެއް މިލިއަން ޓޫރިސްޓުންގެ ޓާގެޓް ހާސިލުވުމުން މިހާރު އަމާޒަކީ މިއަހަރު 1.3 މިލިއަން ޓޫރިސްޓުން ގެނައުމަކަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރިން ވިދާޅުވި އެވެ.