16 ޑިސެމްބަރ 2021 - 13:24

ނިއު ޔޯކް ފުލުހުންގެ ވެރިޔާގެ މަގާމަށް އެ ސިޓީގެ ތާރީޚުގައި ވެސް އައްޔަންކުރާ ފުރަތަމަ އަންހެން ވެރިޔާ އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ތައްޔާރުވެއްޖެ އެވެ.
އެމެރިކާގެ އެންމެ ބައިބޯ ސިޓީ ކަމަށްވާ ނިއު ޔޯކްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރިތާ މިހާރު 176 އަހަރުވެއްޖެ އެވެ. ނަމަވެސް ފުލުހުންގެ ވެރިޔާގެ މަގާމު މިހާތަނަށް އެއްވެސް އަންހެން ފުލުހަކު ފުރައިފައެއް ނުވެ އެވެ.
މިހާރު އުމުރުން 49 އަހަރުގެ ކިޝާން ސްވޯލް ފުލުހުންގެ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިއަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ކިޝާން، ނިއު ޔޯކް ފުލުހުންގެ ވެރިޔާގެ މަގާމަށް އައްޔަން ކުރަނީ، ނިއު ޔޯކްގެ އާ މޭޔަރުގެ މަގާމަށް އިންތިހާބުވެފައިވާ އެރިކް އެޑަމްސްގެ އިންތިހާބީ ވައުދެއްގެ ގޮތުންނެވެ. ނިއު ޔޯކްގެ 110 ވަނަ އަދި ކަޅު ނަސްލުގެ ދެ ވަނަ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެން ހުންނެވި އެރިކް އެޑަމްސް ވަނީ، އޭނާ އެ މަގާމަށް އިންތިހާބުކޮށްފި ނަމަ، ނިއު ޔޯކް ފުލުހުންގެ ވެރިޔާގެ މަގާމަށް އަންހެނަކު އައްޔަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ކިޝާން މިއަދާ ހަމައަށް ވެސް ހުންނެވީ ނަސާއު ކައުންޓީގެ ޗީފް އޮފް ޑިޓެކްޓިވްގެ މަގާމުގަ އެވެ. ނިއު ޔޯކްގެ ތާރީހުގައި ވެސް އަންހެނަކު ފުލުހުންގެ ވެރިޔާގެ މަގާމަށް މި އައްޔަން ކުރަނީ، އެ ސިޓީގައި ކުށްކުރުމުގެ ނިސްބަތް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ދުވަސްވަރެއްގަ އެވެ.
"ކިޝާން ސްވޯލް އަކީ ކުށްކުރުމާ ދެކޮޅަށް ހަނގުރާމަކުރެއްވުމުގައި ކުޅަދާނަ ފުލުހެއްކަން ސާބިތުކޮށްދެއްވާފައިވާ ބޭފުޅެއް. އަދި ނިއު ޔޯކްގެ ރައްޔިތުންނަށް ހައްގުވާ އަދުލު އިންސާފާއި، ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ވިސްނުންތެރިކަމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް،" ނިއު ޔޯކްގެ އިންތިހާބީ މޭޔަރު އެރިކް އެޑަމްސް އިއްޔެ ނެރުއްވި ބަޔާނެއްގައިވެ އެވެ.
ކުރިން ނިއު ޔޯކް ފުލުހުންގެ ކެޕްޓަން ރޭންކުގައި ހުންނެވުމަށް ފަހު މޭޔަރުގެ މަގާމަށް އިންތިހާބުވެފައިވާ އެރިކް، އެ ސިޓީގެ ފުލުހުންގެ ވެރިޔާގެ މަގާމަށް ކިޝާން އައްޔަންކުރައްވާނެ ކަން ރަސްމީކޮށް އިއުލާން ކުރެއްވީ އިއްޔެ އެވެ. ކީޗަންޓްއަކީ ފުލުހުންގެ ހިދުމަތުގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަދި ފުލުހުންގެ ތެރޭގައި ވަރަށް މަގުބޫލު ބޭފުޅެކެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ކިޝާންގެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، 2020 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން އެ ސިޓީގައި އާންމުވަމުން އަންނަ ބަޑިޖެހުމުގެ ކުށްތަކާއި މީހުން މެރުމުގެ ކުށްތައް ހުއްޓުވުމެވެ. މިއަހަރުގެ މިހާތަނަށް ނިއު ޔޯކްގައި މީހުން މެރުމުގެ 443 ހާދިސާ ހިނގާފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ ވެސް އިތުރު، އަދި މީގެ ދެ އަހަރުގެ ކުރީގެ ހިސާބުތަކަށް ބަލާއިރު، 45 ޕަސެންޓުގެ އިތުރު މިންވަރެކެވެ.
އިންތިހާބީ މޭޔަރު ވިދާޅުވި ގޮތުގައި ކިޝާންއަކީ މޭޒު ދޮށުގައި އިންނަވައިގެން މަގާމު ފުރުއްވާ ބޭފުޅެއް ނޫން ކަމަށެވެ. ކިޝާންގެ ފުލުހުންގެ ހިދުމަތުގެ ތާރީހަށް ބަލާއިރު، ސިއްރު ފުލުހެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައިވެ އެވެ. އޭގެ އިތުރުން މީހުން ރަހީނުކުރުމުގެ ހާދިސާތަކުގައި، ކުށްވެރިންނާ މުއާމަލާތު ކުރުމުގެ ވިސްނުންތެރިކަން ވެސް ލިބިފައިވާ ބޭފުޅެއް ކަމަށް އިންތިހާބީ މޭޔަރު ވިދާޅުވި އެވެ.
ކިޝާން، ނިއު ޔޯކްގެ ފުލުހުންގެ ވެރިޔާގެ މަގާމަށް އައްޔަންކުރާ ކަން އިއުލާން ކުރުމަކީ، "ނިއު ޔޯކް ސިޓީގައި ދިރިއުޅޭ އަންހެން ކުދިންނަށާއި ޒުވާން އަންހެނުންނަށް ލިބުނު ވަރުގަދަ މެސެޖެއް" ކަމަށް އެރިކް ވިދާޅުވި އެވެ. އަދި މިއީ، އަންހެނުންގެ އުންމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހެދުމުގައި ވަކި އިމެއް ނެތްކަން ދައްކައިދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.