ޖުލައި މަހުން ފެށިގެން އެޗްއީއޯސީގެ ވޮލަންޓިއަރުންނަށް އެލަވަންސް ނުލިބޭ، އިހުތިޖާޖުކުރަނީ
ޖުލައި މަހުން ފެށިގެން އެޗްއީއޯސީގެ ވޮލަންޓިއަރުންނަށް އެލަވަންސް ނުލިބޭ، އިހުތިޖާޖުކުރަނީ

ކޮވިޑް-19 އިން މީހުން ރައްކާތެރިކޮށް، އެ ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދޭ ހާއްސަ އެލަވަންސް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތްކުރާ ވޮލެންޓިއަރުންނަށް ނުލިބޭތާ އެތައް މަހެއް ވެފައިވާތީ ހިމޭން އިހުތިޖާޖެއް މިއަދު ކުރަން ނިންމައިފި އެވެ.

ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާ ބައެއް މީހުން ބުނާ ގޮތުގައި އެ ތަނުގައި މަސައްކަތްކުރާ 95 ޕަސެންޓް ވޮލެންޓިއަރުންނަށް މިދިޔަ ޖުލައި މަހުން ފެށިގެން އެއްވެސް ގޮތަކަށް އެލަވަންސެއް ނުލިބެ އެވެ. އަދި ބައެއް މީހުންނަށް އެއްވެސް އެލަވަންސެއް ނުލިބޭތާ އެއަށް ވުރެ ދިގު މުއްދަތެއް ވެދާނެ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން، ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ކެޓަގަރީއަކަށް ބަހައި ސަރުކާރުން އަންނަނީ އެލަވަންސް ދެމުންނެވެ. އޭގެ ތެރޭގައި ހައި ރިސްކް ކެޓަގަރީ ނުވަތަ ކޮވިޑް ޖެހިފައިވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. ދެމުންނެވެ.

މީޑިއަމް ރިސްކް ހިމެނެނީ ދެ ވަނަ ކެޓަގަރީގަ އެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާ އެކުގައި މަސަައްކަތް ކުރަން ޖެހޭ މީހުންނެވެ. އެ މީހުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250ރ. ދެމުން އަންނައިރު ކޮވިޑް-19 ގެ މަސައްކަތްތައް ކުރަން އޭރު އުފެއްދި އެޗްއީއޯސީގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރާ ނަމަ ދުވާލަކު 200ރ. ދޭނެ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު އޮންނަ އުސޫލުގެ ދަށުން ބައެއް މީހުންނަށް ފެށުނީއްސުރެ އެލަވަންސް ލިބުނު ނަމަވެސް އޭގެ ތެރޭގައި އެލަވަންސް ނުލިބޭ އެތައް ބަޔަކު އެބަ އުޅެ އެވެ. އެހެންވެ، ހެލްތު މިނިސްޓްރީ ކައިރީގައި މެންދުރު 12:00 ގައި ހިމޭން އިހުތިޖާޖެއް ބާއްވަން ނިންމާފައިވާއިރު މި އިހުތިޖާޖަށް ނުކުންނަނީ އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ އެކު ރަސްމީ ސިފައެއްގައި އެތައް ފަހަރަކު މުއާމަލާތްކޮށްގެން ވެސް ހައްލު ނުލިބިގެން ކަމަށް އިހްތިޖާޖް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.

އެލަވަންސް ޝީޓްތަކުގައި މައްސަލަ އުޅޭ ކަމަށް ބުނި ނަމަވެސް އެއީ ކޮން މައްސަލައެއްކަން ވެސް ސާފުކޮށްދެވިފައި ނުވާ ކަމަށާއި އެލަވަންސް ލިބުމުގައި މިހާ ބޮޑަށް ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.

އެހެންވެ، އެޗްއީއޯސީގައި މިހާތަނަށް މަސައްކަތްކޮށްފައިވާ އަދި މަސައްކަތް ކުރަމުން އަންނަ މީހުންގެ އެލަވަންސްތައް އިންސާފުވެރިކަމާ އެކު ޖަމާވަންދެން، މި އިހުތިޖާޖުގައި ދެމިތިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެޗްއީއޯސީގައި މަސައްކަތްކުރާ ވޮލެންޓިއަރުންނަށް އެލަވަންސް ނުލިބޭ މައްސަލައާ ގުޅިގެން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް، ވިދާޅުވީ އެލަވަންސްއާ ގުޅޭ ކަންކަން ބަލަމުން އަންނަނީ ފިނޭންސް މިނިސްޓްރީން ކަމަށާއި އެލަވަންސް ލިބެން ޖެހޭ ބަޔަކަށް އެލަވަންސް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އެ ބޭފުޅުންނަށް (ފިނޭންސް) އަށް އެކަން ދޫކޮށްލައިގެން މި ތިބީ. އިރާދަކުރެއްވިއްޔާ ލިބެންޖެހޭ ބަޔަކަށް ލިބޭނެ ކަމަށް އަޅުގަނޑު ޔަގީންކުރަނީ."