13 ޑިސެމްބަރ 2016 - 06:26

ބައެއް ފަހަރަށް އަރިދަފުސް ރޯގާ ޖެހުމުން ނޫން ނަމަ ކިތަންމެ ކުޑަކޮށް ބައްޔެއް ވިޔަސް އެނދުން ނުތެދުވެ އޮންނަ ހިތް ވާނެ އެވެ. އޭގައި ރަނގަޅު ސަބަބެއް އޮތް ކަމަށް ވެސް ބެލިދާނެ އެވެ. މިސާލަކަށް ބަލިމީހާ ބޭރު ތެރެއަށް ނުކުތުމުން ނުވަތަ އޮފީހަށް ދިއުމުން އެހެން މީހުންނަށް ވެސް ބަލީގެ ޖަރާސީމު ފެތުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ނަމަވެސް ރޯގާ ފަދަ އާދައިގެ ބަލިތައް ޖެހުމުން އެނދުގައި އޮތުމުން ވާ ގޮތް އެނގޭ ހެއްޔެވެ؟ އެގޮތަށް އޮތީމާ ބަލި ފަސޭހަވުމުގެ ބަދަލުގައި ގޯސްވާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ގިނަ މީހުން ގަބޫލުކުރަނީ ބަލި ރަނގަޅު ވަންދެން އެނދުގައި ނުތެދުވެ އޮތުމަކީ އެންމެ ރަނގަޅު ހައްލު ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތި ވެދާނެ އެވެ.
ކަންފަތާއި ނޭފަތް އަދި ކަރުގެ ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ އެރިކް ވޮގްޓް ވަނީ އެނދުގައި އޮތުމުން ބަލިމީހާ އަށް ދިމާވާ މައްސަލަތައް ކިޔައިދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ ބަލިވެ ހުރެގެން ޖިމް އަށް ގޮސް ކަސްރަތުކޮށް ހެދިޔަސް އެންމެ ރަނގަޅުތޯ ވަރަށް ގިނަ މީހުން ސުވާލުކުރާ ކަމަށެވެ.
"އަރާމުކުރުމުގެ މާނައަކީ އެނދުގައި ނުތެދުވެ އޮތުމެއް ނޫން. ނަމަވެސް އެފަދަ މީހުން ދާހިތްލާ ވަރަށް ކަސްރަތުކޮށް ހަދާށެކޭ ވެސް ނޫން،" ވޮގްޓް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޯގާ ޖެހުމުން އެތެރެހަށީގައި ތަތްވެފައި ހުންނަ ދަވަތައް ކެއްސުމާ އެކު ބޭރުވެ އެވެ. އެނދުގައި ގުޑާނުލާ އޮތުމުން އެތެރެހަށީ އެ ދަވަތައް ގިނައިރު ހުރެ ބްރޮންކައިޓިސް އާއި ނިއުމޯނިއާ ފަދަ ބަލިތަކަށް ބަދަލުވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަށީގެންވާ ގޮތެއްގައި ނޭވާ ނުލައި ހެލިފެލިވެ ނޫޅޭ ނަމަ ފުއްޕާމޭ ރަނގަޅަކަށް މަސައްކަތެއް ނުކުރާނެ. ފުއްޕާމޭގައި ފެން ހެދުން ފަދަ ކަންތައްތައް މިފަދަ ހާލަތެއްގައި ދިމާވުމަކީ އެކަށީގެންވާ ކަމެއް،" ވޮގެޓް ވިދާޅުވި އެވެ.
މި ނޫނަސް ސިއްހީ އިތުރު މައްސަލަތައް ވެސް ދިމާވެދާނެ އެވެ. މިސާލަކަށް މުޅި ދުވަހަކު އެނދުގައި އޮންނަން ވެއްޖެ ނަމަ ދެ ފައިގައި ލޭ ގަނޑުގަތުމުގެ ފުރުސަތު އޮވެ އެވެ. އެހެންކަމުން ރޯގާ ޖެހިގެން އަރާމުކުރަން ބޭނުންވިޔަސް ތެދުވެ ކޮޓަރި ތެރޭގައި ހިނގާލާ އުޅުން ރަނގަޅެވެ. އެކަމަކު ޖިމް އަށް ގޮސް ގަދަޔަށް ކަސްރަތުކުރުން ރަނގަޅެއް ނޫނެވެ.