15 ޑިސެމްބަރ 2021 - 20:52

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ، ދެކުނު އޭޝިއާގެ ގައުމުތަކުން ވޯކް ވިސާގައި އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތް މިއަދު ހަދައިފި އެވެ.
އެޗްޕީއޭ އިން މިރޭ ކުރި އިއުލާންގައި ބުނީ ދެކުނު އޭޝިއާގެ ގައުމުތަކުން ވޯކް ވިސާގައި ރާއްޖެ އަންނަ މީހުން އެ އިދާރާއިން ކަނޑައަޅާ ފެސިލިޓީއެއްގައި ކަރަންޓީނުވާން ޖެހޭ ގޮތަށް މި އަހަރު ޖޫން މަހުގެ 29 އިން ފެށިގެން އަމަލުކުރަމުން އައި އުސޫލު މިހާރު އުވާލާފައިވާ ކަމަށެވެ. އެކަމަކު އަދިވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުން ވޯކް ވިސާގައި ރާއްޖެ އަންނަ ނަމަ، 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ އެވެ.
ދެކުނު އޭޝިއާ ގައުމުތަކުން ރާއްޖެ އައުން ސަރުކާރުން އޭރު މަނާކުރީ އެ ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު އެ ދުވަސްވަރު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެންނެވެ.
ކޮވިޑްގެ އާ ވެރިއެންޓް އޮމިކްރޯންއާ ގުޅިގެން ވެސް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ވޭރިއެންޓް ފުރަތަމަ ފެނިފައިވާ އެފްރިކާގެ ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ.
ރާއްޖެއިން މިހާތަނަށް އޮމިކްރޯން ވޭރިއެންޓްގެ ފަސް ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުންޏެވެ.