15 ޑިސެމްބަރ 2021 - 16:37

ކޮވިޑް-19 އިން ދިފާއުވާ ވެކްސިން، ގައުމުތަކަށް ލިބުމުގައި ހަމަހަމަކަން ގާއިމްކުރަން ކުރާ މަސައްކަތުގައި މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
އާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގެންނެވިތާ 100 ދުވަސްވުމާ ދިމާކޮށް، ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ކޮވިޑްގެ ވެކްސިން ދެވުނު ރޭޓް އެފްރިކާގައި އެވްރެޖްކޮށް ހުރީ ފަސް ޕަސެންޓަށް ވުރެ ދަށުގައި ކަމަށެވެ. އޭނާ ވިދާޅުވީ ވެކްސިން ލިބުމުގެ ހަމަހަމަކާ ގާތަށް ވެސް އާދެވިއްޖެ ކަމަށް ވިދާޅުވެވެން ނެތީ އެެހެންވެ ކަމަށެވެ.
"އަަޅުގަނޑުމެނެންނަށް އިތުބާރާ އެކީ ބުނެވޭކަށް ނެތް ހަމަހަމަކަމާ (ވެކްސިން ލިބިދިނުމުގެ ހަމަހަމަކަމާ) ގާތަށް ވެސް އާދެވިއްޖެއެކޭ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އދ.ގެ މެމްބަރު 193 ގައުމުގެ ވެސް، އެކަމުގައި އޮންނަންވީ އެއް އަމާޒެކެވެ. އެއީ އޭނާ ވިދާޅުވިގޮތުގައި، ދުނިޔޭގެ އެންމެނަށް ވެކްސިން ދިނުމެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުތަކުގެ އިގުތިސާދަށް ލިބުނު ގެއްލުމުން އަރައިގަނެވޭނީ ވެކްސިން ދީގެން ކަމަށްް ވެސް އޭނާ ވިދާޅުވި އެވެ. އިޖުތިމާއީ ގޮތުންނާއި ތައުލީމީ ގޮތުން މުޖުތަމައުތައް އާއްމު ހާލަތަކަށް އައުމަކީ ވެކްސިން ދީގެން ނޫނީ ހާސިލުވާނެ ކަމެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ކޮވިޑްގެ ވެކްސިން ނުދެވޭ ނަމަ، ބަލިމަޑުކަމުގެ ކުރިން އޮތް ވަރާ ގާތްކުރާ ވަރުގެ ވެސް ހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ.
"ނިއު ނޯމަލް އާއި މިފަދަ އެކި ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކިދާނެ. އެކަމަކު އާ ވޭރިއަންޓެއް ތައާރަފްވެ، ގޮތް ނޭނގޭ ކަންތައްތަކެއްގެ ތެރެއަށް، ފަހަތަށް ނިއު ނޯމަލް ދާނީ ކޮން އިރަކުކަމެއް ނޭނގޭނެ. މިއީ އަޅުގަނޑުމެންނަށް ތަހައްމަލުކުރެވޭނެ ކަމެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.
އެންމެނަށް ކޮވިޑްގެ ވެކްސިން ދޭން ގައުމުތަކުން އެއްބާރުލައިގެެން މަސައްކަތް ކުރަން ޖެހެނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިން ސުވާލުކުރަން ފުރުސަތު ދިނުމުގެ ކުރިން ދެއްވި ސްޓޭޓްމަންޓްގައި ޝާހިދު ވިދާޅުވީ މި ފެށޭ އާ އަހަރަށް އޭނާ ކަނޑައަޅުއްވާފައިވާ އަޒުމަކީ ވެސް ވެކްސިނުގެ ހަމަހަމަކަން ގާއިމްކުރުމެވެ. ވެކްސިނުގެ ހަމަހަކަމާ ބެހޭ ގޮތުން މަޝްވަރާކުރަން އަންނަ ޖެނުއަރީ މަހު ބާއްވާ ހައި ލެވެލް އިވެންޓްގައި އދ.ގެ މެމްބަރު ހުރިހާ ގައުމަަކުން ބައިވެރިވުމަކީ އުއްމީދުކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، ހަމަހަމަ ގޮތެއްގައި ހުރިހާ އެންމެންނަށް، ހުރިހާ ތަނެއްގައި ވީ އެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްދިނުން،" ޝާހިދު ވިދާޅުވި އެވެ.
އެންމެންނަށް ވެކްސިންދޭން ގައުމުތައް ގުޅިގެން މަސައްކަތްކުރަން ޝާހިދު ގެންދެވީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގޮވައިލައްވަމުންނެވެ. އެހެން ނަމަވެސް މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ވެކްސިން ލިބުމުގައި އަދިވެސް ބޮޑެތި ދަތިތައް އެބަހުއްޓެވެ.