12 ޑިސެމްބަރ 2016 - 15:10

ހުޅުމާލޭގެ ބައެއް ފްލެޓްތަކުގެ ތިރީގައި އޮތް ހުސް ބިންކޮޅުގައި ފްލެޓްތަކުގެ މީހުން އަމިއްލައަށް ހަދާފައި ހުރި ތަންތަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ރޫޅާލަން ފަށައިފި އެވެ.
އެޗްޑީސީގެ އޮފިޝަލުންގެ މަސައްކަތަށް ބަައެއް މީހުން ހުރަސް އަޅައި، ޒުވާބު ވެސް ހިނގި އެވެ.
ހުޅުމާލޭގެ ބައެއް ފްލެޓްތަކުގެ ވަށާފާރު ލުމަށް އެޗްޑީސީން ހުއްދަ ދީފައި އޮތް ނަމަވެސް، ވަށާފާރު އެތެރޭގައި އޮންނަ ބިންކޮޅު ބައެއް މީހުން ދަނީ އަމިއްލަ ކަންކަމުގައި ބޭނުންކުރަމުންނެވެ. އެގޮތުން އެތަންތަނުގައި އިމާރާތްކޮށް، ފިހާރަ ފަދަ ތަންތަން ހިންގައި، ބައެއް މީހުން ކޮޓަރި ފަދަ ތަންތަން ވެސް ހަދާފައި ހުރެ އެވެ.
އެޗްޑީސީން މިއަދު ވަނީ އެފަދަ ބައެއް ތަންތަން ނަގަން ފަށާފަ އެވެ.
އެ ފްލެޓްތަކުގައި އުޅޭ މީހުން ބުނާ ގޮތުގައި ހުސް ބިންކޮޅުގައި ތަންތަން ހެދީ އެޗްޑީސީގެ ހުއްދަ ލިބިގެންނެވެ. އެކަމަކު މީގެ ދެ މަސް ކުރިން، އެތަންތަން ނަގަން އެޗްޑީސީން އަންގާފައިވާ ކަމަށް އެ މީހުން ބުންޏެވެ.
"އެތަންތަން ނެގުމަށް ދިން މުއްދަތު ހަމަނުވަނީސް އެ އައީ. ލޯޑަރު ފަދަ އެއްޗެހި ހިފައިގެން އައިސް މި ތަންތަން ނެގުމެއް ނޫން މައްސަލައަކީ. މިތަނުގައި ހުރި އެއްޗެހި ނެގުމަށް ވެސް ފުރުސަތު ނުދިނުން،" ފްލެޓެއްގެ މީހަކު ބުންޏެވެ.
އެޗްޑީސީގެ އޮފިޝަލުން ގޮސް، އެ ތަންތަން ރޫޅާލަން އުޅުމުން ބައެއް މީހުން ވަނީ ވަރަށް ރުޅި ގަދަވެ، ޒުވާބު ވެސް ކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އެޗްޑީސީން އެ ތަންތަން ނަގަނީ، ގްރައުންޑް ފްލޯގައި އުޅޭ ބައެއް މީހުން އެ ބިމުގެ ބޭނުން ނާޖާއިޒް ގޮތުގައި ބޭނުން ކުރާތީ އެވެ. އެންމެ ތިރީގައި ދިރިއުޅޭ މީހުންނަށް ވިޔަފާރިކުރަން "ހިލޭ" ބިން ލިބޭތީ އެހެން ފްލޯތަކުގައި އުޅޭ މީހުންގެ ޝަކުވާ ބޮޑެވެ.