15 ޑިސެމްބަރ 2021 - 13:41

ގަލްފުގެ އެއް ގައުމަށް ދޭ ހަމަލާއަކީ ގަލްފުގެ އެއްބައިވަންތަކަމުގެ މަޖިލީހުގައި ހިމެނޭ ހުރިހާ ގައުމުތަކަށް ދޭ ހަމަލާއެއް ކަމަށް، އެ ގައުމުތަކުން އިއްޔެ ބުނެފި އެވެ.
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި އިއްޔެ ބޭއްވި ގަލްފު ގައުމުގެ އެއްބައިވަންތަކަމުގެ މަޖިލީހުގެ 42 ވަނަ ބައްދަލުވުން ނިންމުމުގެ ޖަލްސާގައި އާންމުކުރި ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން، އެ މަޖިލީހުގެ މެންބަރު ގައުމަކާ ދެކޮޅަށް ދޭ ކޮންމެ ހަމަލާއެއް ބެލެވޭނީ އެ މަޖިލީހުގެ މެންބަރު ހުރިހާ ގައުމުތަކަށް ދޭ ހަމަލާއެއް ކަމަށެވެ.
އެހެންކަމުން ގަލްފުގެ ގައުމުތަކުގެ މެދުގައި އިގްތިސާދީ ގުޅުން މިހާރަށް ވުރެ ވަރުގަދަ ކުރުމަށް އެ ގައުމުތަކުން އިއްޔެ ވަނީ އެއްބަސްވެފަ އެވެ. މީގެ އިތުރުން، ދިފާއީ ދާއިރާ އާއި ސަލާމަތީ ދާއިރާ އިން ގަލްފު ގައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް އުފެއްދުމަށް ވެސް ގަލްފުގެ ގައުމުތަކުން އެއްބަސްވި އެވެ.
ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކޯޅުންތަކުން އެއްކިބާވެ ގަލްފު ގައުމުތަކުގެ މަސްލަހަތު ރައްކާތެރި ކުރެވޭނެ ގޮތަށް މެމްބަރު ގައުމުތަކުގެ މެދުގައި މިހާރަށްވުރެ ބޮޑަށް އެއްބާރުލައިގެން އަދި ގުޅިގެން މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް، ގައުމުތަކުން އެއްބަސްވެ އެވެ.
އޭގެ އިތުރުން، މުޅި ސަރަހައްދުގެ އާންމު މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަދަ ސިޔާސަތެއް ދެމެހެއްޓުމަށްޓަކައި ގައުމުތަކުގެ ހާރިޖީ ސިޔާސަތު އެއްގޮތް ކުރުމުގެ މުހިންމުކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން މި ބަޔާނުގައި ބުނެފައިވަނީ ގަލްފު ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް އީރާން ނުވަދެ، އީރާންގެ އަވައްޓެރި ގައުމުތަކާ އެކު ރިވެތި ގޮތުގައި މުއާމަލާތު ކުރުމުގެ މަބްދައެއް، އީރާނުން ދެމެހެއްޓުން ވަރަށް ބޭނުންތެރި ކަމަށެވެ. މީގެ އިތުރުން ގަލްފުގެ ގައުމުތަކާއި އީރާނާ ދެމެދު އިތުބާރު އުފެއްދުމާއި، އީރާނުގެ އަމަލުތަކުގެ ސަބަބުން ގަލްފު ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމުގައި، އީރާންގެ އާ ސަރުކާރުން އީޖާބީ ދައުރެއް އަދާކުރުމަށް ވެސް ގަލްފުގެ ގައުމުތަކުން ގޮވައިލި އެވެ.
"ގަލްފު ގައުމުތަކުގެ ސަފުގެ ބަދަހިކަން ދެމެހެއްޓުމުގައި ގަލްފު ގައުމުތަކުގައި ވަރަށް ވަރުގަދަ އަޒުމެއް އެބައޮތް. ގަލްފު ސަރަހައްދާއި ބައިނަލްއަގުވާމީ މަސްރަހުގެ ހަމަޖެހުން ގެއްލެމުން ދިޔަ ކަމުގައި ވިޔަސް، މި މަޖިލީހުގެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރި ކަމަކީ، ބައިބައި ނުކުރެވޭ ވަރަށް ގުޅި ލާމެހިފައިވާ އެއްޗެއް،" ގަލްފު ގައުމުތަކުގެ އެއްބާރުލުމާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ނާޔިފް އަލް ހަޖްރަފް އިއްވެވި ގުޅިފައިވާ ބަޔާނުގައިވެ އެވެ.