ކާ އެއްޗެހި ބަންދުކުރަން ނޫސް ކަރުދާސް ބޭނުންނުކުރާތި!
ކާ އެއްޗެހި ބަންދުކުރަން ނޫސް ކަރުދާސް ބޭނުންނުކުރާތި!

ކާއެއްޗެތި ބަންދުކުރާށާއި ތެލުލާފައި ހުންނަ އެއްޗެތީގެ ތެޔޮ ފިލުވަން ބައެއް މީހުން ނޫސް ކަރުދާސް ބޭނުން ކުރެ އެވެ. މިއީ އިންޑިއާ ފަދަ ގައުމުތަކުގެ މަގުމަތިން އާންމުކޮށް ފެންނާނެ މަންޒަރެކެވެ.

އިންޑިއާގެ ކާއެއްޗެތީގެ ރައްކާތެރިކަން ޔަގީންކުރަން ކަނޑައަޅާފައިވާ އޮތޯރިޓީން ބުނާ ގޮތުގައި އެގޮތަށް ނޫސް ކަރުދާހުގައި ކާއެއްޗެތި ބަންދުކުރުމުން ނުރައްކާތެރި ބަލިތައް ޖެހެން މެދުވެރިވެ އެވެ. އެފަދަ މީހުންގެ ހަށިގަނޑަށް މަޑުމަޑުން އެތެރެވަމުން އެދަނީ ވިހަ އެވެ. އެ ވިހައިގެ ސަބަބުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ.

"ނޫސް ކަރުދާހުގައި ކާއެއްޗެތި ބަންދުކުރުމަކީ ސިއްހީ ނުރަނގަޅު އާދައެއް. ކާއެއްޗެތި ތައްޔާރުކޮށްފައި ވަނީ ސާފުތާހިރުކަމާ އެކު ނަމަވެސް ނޫސް ކަރުދާހުގައި ބަންދުކުރާ އެއްޗެތި ކެއުމުން ސިއްހަތަށް ބޮޑު ގެއްލުމެއް ލިބިދާނެ،" ދަ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަޑް އޮތޯރިޓީ އޮފް އިންޑިއާ (އެފްއެސްއެސްއޭއައި) އިން ނެރުނު އިންޒާރެއްގައި ބުނެ އެވެ.

ދެލިން ޗާޕްކޮށްފައި ހުންނަ ނޫސް ކަރުދާހުގައި ބަންދުކޮށްފައި ހުންނަ ކާއެއްޗެތިން ސިއްހަތަށް ނުރައްކާވަނީ ޗާޕު ދެލީގައި ހުންނަ ބައޯއެކްޓިވް މާއްދާތަކުގެ ސަބަބުންނެވެ.

ޗާޕުކުރާ ދެލީގައި އިންސާނުންގެ ހަށިގަނޑަށް ގެއްލުން ލިބޭ ކުލަ އެ ނޫން ވެސް ބައެއް މާއްދާތައް ހިމެނެ އެވެ.

ރިސައިކްލް ކޮށްފައވާ އެއްޗެހިން އުފައްދާ ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނޑުތަކުގައި މެޓަލިކްސް ބާވަތްތަކާއި މިނަރަލް އޮއިލް އަދި ގެއްލުން ލިބޭ ޒާތުގެ ކެމިކަލްސް ހުރުން އެކަށީގެންވެ އެވެ. މިފަދަ އެއްޗެތި ހަށިގަނޑުގެ ތެރެއަށް ވާސިލު ވެއްޖެ ނަމަ އެމީހަކު ވިހަވުން އޮންނާނީ ވަރަށް ކައިރީގަ އެވެ.

ޗާޕްކޮށްފައި ހުންނަ ނޫސް ކަރުދާސް ފަދަ ތަކެތީގައި ބަންދުކޮށްފައި ހުންނަ ކާއެއްޗެތި ކެވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުންނަށާއި ފުރާއުމުރުގެ ކުދިންނަށާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހެން މަގު ހުޅުވެ އެވެ.

ނޫސް ކަރުދާހަކީ އެއްވެސް ހާލެއްގައި ކާއެއްޗެތި ބަންދުކޮށް ނުވަތަ ގެންގުޅޭ އެއްޗަކަށް ހަދައިގެން ނުވާނެ އެވެ. ނުވަތަ ތެލުލާފައި ހުންނަ އެއްޗެތީގައި ހުންނަ ތެޔޮތައް އޮއްބާލަން ބޭނުންކުރުން ވެސް ރަނގަޅެއް ނޫނެވެ.

އޭގައި ހުރި ގެއްލުން ގިނަ ބަޔަކަށް ނޭނގި ދާނެ އެވެ. އެކަމަކު އެއީ ސީރިއަސް ކަމެއްގެ ގޮތުގައި ނަގަން ޖެހެ އެވެ.