15 ޑިސެމްބަރ 2021 - 16:08

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމް ސަސްޕެންޑް ކުރި ފަހުން 10 މަސްވެއްޖެ އެވެ. އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ނާޅާއިރު އެ މައްސަލަ ވެސް އޮތީ ހުއްޓި، "ވާނުވާ"އެއް ގަ އެވެ.
ޖެނުއަރީ 27، 2021 ގައި ހަލީމް ސަސްޕެންޑް ކުރީ މަޖިލީހުގެ އާންމު ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ސިއްރުކޮށްގެން ކުރިޔަށް ގެންދިޔުމުން އެ މައްސަލައިގެ އެއްވެސް ތަފްސީލެއް ރަސްމީކޮށް ނުލިބެ އެވެ.
ނަމަވެސް މިދިޔަ މެއި މަހު އާންމު ކޮމިޓީން ވަނީ އެ މައްސަލައިގައި ގޮތެއް ނިންމައި، އޭގެ ރިޕޯޓް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވައިފަ އެވެ.
ނަމަވެސް އޭގެ ފަހުން އެ މައްސަލަ ތަޅުމާ ހަމަޔަކަށް ނުދެ އެވެ. އަދި އެއްވެސް ޖަލްސާއެއްގައި ކޮމިޓީ ރިޕޯޓް އެޖަންޑާއެއް ވެސް ނުކުރެ އެވެ. އެ ރިޕޯޓާ ގުޅޭ މައުލޫމާތު މަޖިލީހުގެ މީޑިއާ އިން ވެސް އަދި ސާފުވާ ގޮތެއް ނުވި އެވެ.
އެކަމާ ގުޅޭ ގޮތުން އާންމު ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.
ހަލީމް ސަސްޕެންޑް ކޮށްފައި ވަނީ ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ކޮޓަރި ބަގްކޮށް، ދައްކާ ވާހަކަތައް ސިއްރުން އަޑު އަހަން އުޅޭ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އެނގިފައިވާ ގޮތުގައި ބަގްކުރުމަށް ބޭނުންވާ އާލާތްތައް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ ކޮޓަރީގައި ހަރުކޮށްދޭން އަންހެން މުވައްޒަފަކަށް ހުށަހަޅައި އެކަމުގެ ބަދަލުގައި ފައިސާގެ ބޮޑު އަދަދެއް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ މުވައްޒަފު އެކަން ގަބޫލު ނުކޮށް ހަލީމަށް އެކަން ރިޕޯޓްކުރީ އެވެ. ހަލީމަށް ފަހުން ފިޔަވަޅު އެޅީ ބަގް ކުރަން އުޅުނުކަން އެނގިހުރެ ނޭންގި މައްސަލައިގަ އެވެ.
ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ 2013 ވަނަ އަހަރު އެވެ. އޭރުން ފެށިގެން އެ މަގާމް އަދާ ކުރައްވަމުން އަންނަނީ ވެސް ހަލީމެވެ.
އޭނާ ސަސްޕެންޝަނެއްގައި 10 މަސް ހުރި ނަމަވެސް ކޮންމެ މަހަކު 33،000ރ. ލިބެ އެވެ.