އެމްބީއޭގެ ރައީސް ކަމަށް ވާދަކުރަނީ މަންޑޭ އާއި ވިޝާމް
އެމްބީއޭގެ ރައީސް ކަމަށް ވާދަކުރަނީ މަންޑޭ އާއި ވިޝާމް

ހުސްވެފައިވާ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސްގެ މަގާމަށް އެންމެ ފަހުގެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އަހުމަދު މަމްދޫހު (މަންޑޭ) އާއި އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ވިޝާމް ރަޝީދު ކުރިމަތިލައްވައިފި އެވެ.

އަންނަ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ރައީސްގެ މަގާމަށް، އެންމެ ފަހުގެ އިންތިހާބުގައި ނައިބް ރައީސްގެ މަގާމަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން އާރިފް ރިޒާ ކުރިމަތިލެއްވި އެވެ. އެކަމަކު ފަހުން ވަނީ ފަހުން ނަން އަނބުރާ ގެންދަވައިފަ އެވެ.

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ފަންތޮށި އަހުމަދު ނާޒިމްގެ ކޮއްކޮ މަންޑޭ އަކީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރަކްޓަރެވެ. ދެން ވާދަކުރައްވާ ވިޝާމަކީ ބާސްކެޓްބޯޅަ ކްލަބްތައް ހިންގުމުގައި މަސައްކަތްކުރައްވާ ފަރާތެކެވެ. އޭނާ އަކީ މިވަގުތު އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ވެސް މެ އެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ރައީސަކު ހޮވަނީ އޮކްޓޯބަރު މަހު ބޭއްވި އިންތިހާބުގައި ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އަބްދުﷲ ސިނާން ހޮވިވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވާފައިވާތީ އެވެ. އޭރު އޭނާ އަށް ރަސްމީ ހައިސިއްޔަތު ލިބިފައިނުވާތީ އިސްތިއުފާ ގަބޫލުނުކުރާނެ ކަމަށް ހޯމް މިނިސްޓްރީން ފުރަތަމަ ބުނި ނަމަވެސް ފަހުން ވަނީ އޭނާ އިސްތިއުފާ ދެއްވި ކަމަށް ނިންމައިފަ އެވެ.

މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ސިނާން އިސްތިއުފާ ދެއްވީ އިންތިހާބީ ޖަލްސާގައި އާއްމު މެމްބަރުންނާއި ނޫސްވެރިންނާ މުހާތަބުކޮށް ދެއްކި ވާހަކައިގަ އެވެ. އެއީ އިންތިހާބީ ޖަލްސާގެ ރަސްމީ އެޖެންޑާގައި ހިމެނޭ ނަމްބަރެކެވެ.

އިންތިހާބުގައި އެކްސްކޯގެ މެޖޯރިޓީ ލިބުނީ ރައީސްގެ މަގާމަށް ސިނާންއާ ވާދަކޮށް ނާކާމިޔާބުވި މަންޑޭ ގެ ޓީމަށެވެ. ނައިބް ރައީސްގެ މަގާމަށް އިންތިހާބުވީ، މަންޑޭގެ ޓީމުގައި ހިމެނޭ ކުރީގެ މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު ހަސަން އިސްމާއިލް އެވެ.