މަހްމޫދުގެ މަރުގެ މައްސަލާގައި ގަސްތު މަރުގެ ދައުވާކޮށްފި
މަހްމޫދުގެ މަރުގެ މައްސަލާގައި ގަސްތު މަރުގެ ދައުވާކޮށްފި

މިދިޔަ އޮކްޓޫބަރު އދ. ދަނގެތީގައި އެ ރަށު ވިޔަފާރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި ހައްޔަރުކުރި ބަންގްލާދޭޝް މީހާ ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް، ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާކޮށްފި އެވެ.

ޕީޖީ އޮފީހުން ބުނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ސާލިމްގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ ދަށުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ކަމަށެވެ.

މި ދައުވާތައް ކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ އިއްޔެ އެވެ.

ފުލުހުން ބުނެފައިވަނީ، ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަން ގެނެސް ހުރި ސާލިމް، މަހްމޫދަށް ހަމަލާދީ މަރާލީ އޭނާ އަތުން ފައިސާ ހޯދަން އުޅުމުގެ ތެރޭގައި ކަމަށެވެ. މަރާލުމަށް ފަހު ހަށިގަނޑު އެއްލާލާފައި އޮތީ ފަޅު ގެއެއްގައި ހުންނަ ވަޅެއްގެ ތެރޭގަ އެވެ.

މަހްމޫދު މަރާލާފައި ސާލިމް އުޅޭ ގެޔަށް ރޭނގަނޑުގެ ވަގުތެއްގައި ގެންގޮސް، ވަޅިން ހަމަލާ ދީގެންނެވެ. އޭނާގެ ހަށިގަނޑު ވަޅަށް ވައްޓާލާފައި އޮތީ ގޯންޏަކަށް ލުމަށް ފަހުގަ އެވެ. މި ހުރިހާ ކަމެއް ވެސް ސާލިމް ކުރީ އެކަނި ކަމަށާއި މި ކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްކަން އެނގެން ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.