15 ޑިސެމްބަރ 2021 - 10:03

ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކުން ރާއްޖެއަށް 200 މިލިއަން ޑޮލަރު (3.08 ބިލިއަން ރުފިޔާ) ގެ ލޯނެއް ދޭން ނިންމައިފި އެވެ.
އެ ގައުމުގެ ވިޔަފާރި ނޫހެއްގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް ލޯނު ދޭން ނިންމީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީ އާއި ބަންގްލަދޭޝްގެ ބޭންކުގެ އިސްވެރިން ގުޅިގެން ބޭއްވި ބައްދަލުވުމަކަށް ފަހު ކަމަށެވެ. މި ލޯނު އެއްބަސްވުން އަދި ފައިނަލް ނުވި ނަމަވެސް ލޯނު ދޭނެކަން އެ ބޭންކުން ޔަގީންކޮށްދީފައިވާ ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފަ އެވެ.
ރާއްޖޭން ލޯނުގެ އެހީއަކަށް އެދިފައިވާ ކަމަށް މި މަހުގެ ކުރީކޮޅު ބަންގްލަދޭޝްގެ ގަވަރުނަރު ފަޒްލީ ކަބީރު ވިދާޅުވި އެވެ. މި ލޯނަށް އެދިވަޑައިގަތީ މި އަހަރުގެ މާޗު މަހު ކުރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅުގައި ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ.
ރާއްޖެއަށް ދޭ ލޯނުގެ އެއްބަސްވުން އަދި ފައިނަލް ނުވާތީ އެ ލޯނުގެ އިންޓްރެސްޓް ރޭޓާއި ދައްކަން ޖެހޭ މުއްދަތު އަދި ހާމައެއް ނުކުރެ އެވެ.
މިއީ ބަންގްލަދޭޝް ބޭންކުގެ ތާރީހުގައި ވެސް އެ ބޭންކުން ލޯނު ދޭން ނިންމި ދެވަނަ ގައުމެވެ. މި އަހަރު އެ ބޭންކުން ވަނީ ލަންކާއަށް ވެސް 200 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.
ބަންގްލަދޭޝް އިން ލަންކާއަށް ލޯނު ދިނީ ލަންކާގެ ދަރަނި ދެއްކުމަށެވެ. ނަމަވެސް ރާއްޖެއަށް ލޯނު ދޫކުރާ ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.