12 ޑިސެމްބަރ 2016 - 15:26

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް (އެންއައިސީ) އަށް އެންމެ ގިނައިން މިހާރު ހުށަހަޅަމުން ދަނީ ޕާކިން ސްޓިކާގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެންއައިސީގެ ވެބްސައިޓު ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް ޔޫސުފް މާނިއު ވިދާޅުވީ އެ ކޮމިޝަނުން ބަލަން ޖެހޭ ވަކި އިދާރާތަކެއްގެ ނަޒާހަތްތެރިކަން ހިފެހެއްޓުމާއި އަހުލާގާ ގުޅޭ ފަދަ މައްސަލަތަކަށް ވުރެ ގިނައީ ޕާކިން ސްޓިކާއާ ގުޅޭ މައްސަލަތައް ކަމަށެވެ.
ޕާކިން ސްޓިކާ ޖަހަނީ ފުލުހުންނެވެ. ފުލުހުންގެ މައްސަލަތަކުގެ އިތުރުން އެންއައިސީގެ ޒިންމާތަކުގެ ތެރޭގައި ދެން ހިމެނެނީ ކަސްޓަމްސް އާއި އިމިގްރޭޝަން އަދި މޯލްޑިވްސް ކަރެކްޝަަނަލް ސާވިސްއާ ގުޅޭ ޝަކުވާތަައް ބެލުމެވެ.
މާނިއު ވިދާޅުވީ އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ބައެއް މައްސަލަތައް ނިމުމަކާ ގާތް ވެފައިވާ ކަމަށެވެ.
ވެބްސައިޓު ލޯންޗުކުރުމުން އާއްމުންނަށް ވީހާވެސް ފަސޭހައިން އެ މުއައްސަސާގެ މައުލޫމާތު ލިބެން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެބްސައިޓު މެދުވެރިކޮށް މައްސަލަތައް ހުށަހެޅޭނެ އިންތިޒާމް ހަމަަޖައްސާނެ ކަމަށް ވެސް ވިދާޅުވި އެވެ.