15 ޑިސެމްބަރ 2021 - 10:12

މެންޗެސްޓާ (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ޓައިޓަލް ރޭހުގެ ވާދަވެރިންނަށް ފެންވަރު ދައްކާލައިފި އެވެ.

ރޭގެ މޮޅާ އެކު، އެއް މެޗު އިތުރަށް ކުޅެގެން ސިޓީ އެއްވަނައިގައި އޮތީ 41 ޕޮއިންޓާ އެކު ހަތަރު ޕޮއިންޓުގެ ލީޑެއްގަ އެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 16 މެޗުން ވަނީ 37 ޕޮއިންޓް ލިބިފަ އެވެ. އަދި ތިންވަނައިގައި ޗެލްސީ އޮތީ 36 ޕޮއިންޓާ އެކު އެވެ. ސިޓީއާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލިވަޕޫލިން މާދަމާ ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު، ޗެލްސީން ނުކުންނާނީ އެވަޓާންއާ ދެކޮޅަށެވެ.

ރޭގެ މެޗުގައި ސިޓީން ލީޑު ނެގީ އަށްވަނަ މިނިޓުގައި ފިލް ފޯޑެން ޖަހައިދިން ލަނޑުންނެވެ. މި ލަނޑަކީ ސިޓީން ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ލީގުގައި ޖެހި 500 ވަނަ ގޯލެވެ. އަދި ގާޑިއޯލާވެފައި ވަނީ ލީގުގައި އެންމެ އަވަހަށް މި އަދަދަށް ގޯލު ހަމަކުރި ކޯޗަށެވެ. ރޭގެ މެޗަކީ ގާޑިއޯލާ ލީގުގައި ސިޓީއަށް އިރުޝާދު ދިން 207 ވަނަ މެޗެވެ. ކުރިން މި ރެކޯޑް އޮންނަ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއާ އެކު އެ ޓީމުން 500 ލަނޑު ހަމަކުރީ 234 މެޗު ކުޅެގެންނެވެ.
ރިޔާދް މާރޭޒްގެ ހުރަހަކުން ބޮލުން ޖަހައި ސިޓީގެ ދެވަނަ ލަނޑު ޖަހައިދިނީ ޖެކް ގްރީލިޝް އެވެ. އަދި ރޮޑްރީގެ ޕާހަކުން ކެވިން ޑިބްރޭނާ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީއަށް ތިންވަނަ ލަނޑު ޖަހައިދީފަ އެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރު ތަކެއް ނުވެ، ސިޓީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ މާރޭޒް އެވެ. މިއީ އޭނާ ސިޓީއަށް ލީގުގައި ކުޅެދިން 100 ވަނަ މެޗެވެ. ޑިބްރޭނާ ރޭގެ މެޗުގައި ދެވަނަ ލަނޑު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ސިޓީގެ ހަވަނަ ލަނޑު ޖެހީ ޑިފެންޑަރު ޖޯން ސްޓޯންސް އެވެ. ފެނާންޑީނިއޯ ނެގި ހުރަހެއް އައިމެރިކް ލަޕޯޓް ބޮލުން ފޮނުވާލުމުން ލީޑްސްގެ ކީޕަރު އިލާން މެލިއޭ މަތަކުރުމާ އެކު ރީބައުންސްވެފައި އައި ބޯޅަ ސްޓޯންސް އަށް ގޯލުތެރެއަށް ފޮނުވާލެވުނީ، ފުރަތަމަ ހަމަލާ ކީޕަރު މެލިއޭ ދިފާއުކޮށްފައި ވަނިކޮ ދެވަނައަށް ލިބުނު ފުރުސަތުގަ އެވެ.
ސިޓީގެ ހަތްވަނަ ލަނޑު، ފޯޑެންގެ ކޯނަރަކުން ޖެހީ ނޭތަން އަކޭ އެވެ. މި ނަތީޖާއާ އެކު ލީޑްސް ޔުނައިޓެޑް އޮތީ 16 ޕޮއިންޓާ އެކު ޓޭބަލްގެ 16 ވަނައިގަ އެވެ.
ސްޓީވަން ޖެރާޑާ އެކު އެސްޓަން ވިލާ ވެސް ވަނީ ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ޓޭބަލްގެ ނުވަވަނައަށް ޖެހިލައިފަ އެވެ. ޖެރާޑު މަގާމާ ހަވާލުވުމުގެ ކުރިން ވިލާގެ ކޯޗުކަމުން ވަކިކުރި ޑީން ސްމިތުގެ އިރުޝާދުގެ ދަށުން މިހާރު ކުޅެމުން އަންނަ ނޯވިޗް ސިޓީއާ ވާދަކޮށް އެސްޓަން ވިލާ މޮޅުވީ 2-0 އިންނެވެ.
ވިލާގެ ލަނޑުތައް މި މެޗުގައި ޖަހައިދިނީ ޖޭކޮބް ރަމްސޭ އާއި އޮލީ ވަޓްކިންސް އެވެ.
މެންޗެސްޓާ ޔުނައިޓެޑުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅެން އޮތް މެޗު ކޮވިޑުގެ ސަބަބުން، ފަސް ކޮށްފައިވާއިރު، މި ހަފްތާ ބަންދުގައި ނޯވިޗުން ވެސްޓް ހޭމާ ދެކޮޅަށް ކުޅެން ތާވަލު ކޮށްފައި އޮތް މެޗަށް ކުޅުންތެރިން ހަމަވާނެކަން ޔަގީން ނުވާ ކަމަށް ނޯވިޗުގެ ކޯޗު ޑީން ސްމިތު ވަނީ ބުނެފަ އެވެ.
ނޯވިޗަކީ މި ވަގުތު ޕްރިމިއާ ލީގުގައި ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ޓީމުތަކުތެރޭގައި ހިމެނޭ ޓީމެކެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ޓީމުން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވެސް ޑީން ސްމިތު ވަނީ ޓީމުތެރޭ ކޮވިޑު ފެތުރެންފަށާފައިވާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.