ޕްރިމިއާ ލީގުގެ ކުޅުންތެރިން ކޮންމެ ދުވަހަކު ކޮވިޑަށް ޓެސްޓުކުރަނީ
ޕްރިމިއާ ލީގުގެ ކުޅުންތެރިން ކޮންމެ ދުވަހަކު ކޮވިޑަށް ޓެސްޓުކުރަނީ

ލަންޑަން (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގު ކުލަބްތަކުގައި ކޮވިޑު-19 ފެތުރެމުން ދާތީވެ، އެކަން ކޮންޓްރޯލް ކުރުމަށް ލީގުގެ ބޯޑުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމާ އެކު، ކުލަބުތަކުގެ ކުޅުންތެރިންނާއި ސްޓާފުން ފަރިތަކުރުންތަކަށް ނުކުންނަ ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ޓެސްޓު ކުރާގޮތަށް ހަމަޖައްސައިފި އެވެ.

ކޮވިޑް-19 ރެޕިޑް ޓެސްޓް ކިޓަކުން، ލެޓެރަލް ފްލޯ ޓެސްޓެއް ކޮންމެ ދުވަހަކު ހަދަން ޖެހޭ އިރު، ހަފްތާއަކު ދެ ފަހަރު ޕީސީއާރު ޓެސްޓު ވެސް ހަދާގޮތަށް ކްލަބްތަކުގެ ހިއްސާދާރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އިއްޔެ ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން ހަފްތާއަކު ދެ ފަހަރު ރެޕިޑް ޓެސްޓު ހަދައި ޕޮޒިޓިވް ވެއްޖެ ނަމަ ޔަގީން ކުރަން ޕީސީއާރު ޓެސްޓް ވެސް ހަދަ އެވެ.

ޓޮޓެންހަމް ހޮޓްސްޕާ އާއި މެންޗެސްޓާ ޔުނައިޓެޑުގައި ކޮވިޑުގެ ޕޮޒިޓިން ކޭސްތައް ގިނަވުމާ ގުޅިގެން ވޭތުވެދިޔަ ތިން ދުވަސް ތެރޭ ވަނީ ލީގު ދެ މެޗެއް ފަސް ކުރަން ޖެހިފަ އެވެ. މި ދެ ޓީމުގެ އިތުރުން އެސްޓަން ވިލާ އާއި ލެސްޓާ ސިޓީގެ އިތުރުން ނޯވިޗާއި ބްރައިޓަން އިން ވެސް ޕޮޒިޓިވް ކޭސްތަކެއް ވަނީ ފެނިފަ އެވެ.

ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި ޓޮޓެންހަމުން ކުޅެން އޮތް މެޗު ކޮވިޑާ ހުރެ ފަސްކުރިއިރު، ލެސްޓާ ސިޓީން ޔޫރޮޕާ ލީގުގެ މެޗަށް އެންމެ ފަހުން ކުރި ދަތުރުގައި ހަތް ކުޅުންތެރިން ބައިވެރި ނުވެ އެވެ.

ވޭތުވެ ދިޔަ ހަފްތާގައި ލީގުގައި 42 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް، ހޯމަ ދުވަހު ޕްރިމިއާ ލީގުން ހާމަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އަލުން ލީގު ފަށަންވެގެން ކޮވިޑް ޓެސްޓު ކުރަން ފެށި ފަހުން ހަފްތާއަކު މިހާ ގިނައިން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން މި ސީޒަނުގައި ހަފްތާއަކު އެންމެ ގިނައިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 16 ޓެސްޓެވެ. އެއީ މިދިޔަ އޮގަސްޓް މަހު އެވެ.

ކޮވިޑަށް ހެދި އާ ގަވާއިދުތަކާ އެކު، ސަޕޯޓަރުންނަށް ވެސް ދަނޑަށަ ވަދެވޭނީ ވެކްސިން ފުރިހަމަ ކުރި ކަމުގެ ހެއްކެއް ނުވަތަ ނެގެޓިވް ކޮވިޑް ޓެސްޓް ނަތީޖާއެއް ދައްކައިގެންނެވެ.