ވާހަކަ: ގަންގާނަ
ވާހަކަ: ގަންގާނަ

އާދިއްތަ ދުވަހާ ގުޅޭ

"މި ދަނީ ބަލާ!" ވިލްދާންގެ މެސެޖުގައި އޮތެވެ.

މަލްސާ ހައިރާންވީ ވިލްދާން ގޮތެއް ނިންމާތީއެއް ނޫނެވެ. ބަލާއަންނާތީއެވެ. އެއީ ވިލްދާންގެ މިޒާޖެއް ނޫނެވެ. ރައްޓެހިވިތާ ކައިރީގައި ވިލްދާން އެ ކަން ކުރިއެވެ. އޭރު ވިލްދާން ހުންނަނީ މަލްސާޔާ ހެދި މޮޔަވެފައެވެ. އިންތާ ކައިރީގައި ވެސް ވިލްދާން އުޅުނީ ވަރަށް ވަރަކުންނެވެ. މަލްސާއަށް ހޭލެވޭނީ ވިލްދާން ކޮފީ ހިފައިގެން އައިސް މަލްސާއަށް ގޮވީމައެވެ. ނިދާ އެނދާއި ފާހާނަޔާ ދެމެދުގެ ދުރުމިނަކީ، އެނދުގެ ފައިލާކޮޅުން ފައިބައިފި ނަމަ ތިން ފޫޓެވެ. އެކަމަކު ފާހާނައިގެ ދޮރާ ހަމައަށް ވެސް މަލްސާ ގެންދަނީ އުރާލައިގެންނެވެ. ކައިވެނިކޮށް، މަލްސާގެ ގެއަށް ވިލްދާން ބަދަލުވެ ހަމަޔަކަށްއެޅުމާ އެކު، މަޑުމަޑުން ކަންކަން ބަދަލުވާން ފެށިއެވެ. ފުރަތަމަ ހުއްޓުނީ ކޮފީތަށްޓެވެ. ދެން މަލްސާ ހެނދުނު ހޭލާ އިރު ވިލްދާން އެނދަކު ނޯވެއެވެ. އޮފީހަށް ދާންވެގެން ގުޅާލާ އިރު ވިލްދާން ބިޒީއެވެ.

ވިލްދާން ބަލާ އަންނާނެކަމުގެ އިންތިޒާރުގައި މަލްސާ އިނެވެ. އޮފީސް ނިމުނު އިރު ވެސް ނައެވެ. އެހެންކަމުން މަލްސާ ގެއަށް ދާން ނުކުތީ ފައިމަގުގައެވެ. އެ ވަގުތު އަދޭޝް ގުޅިއެވެ. ވައިބާ މެދުވެރި ނުކޮށެވެ. އާންމުކޮށް ނުގުޅާ ގަޑިއެއްގައި އަދޭޝް ގުޅުމާއި، ވައިބާ މެދުވެރި ނުކޮށް ގުޅުމުން މަލްސާ ކުޑަކޮށް ހައިރާންވިއެވެ. ބޮޑުކަމެއް ދިމާވީބާއޭ ހިތަށްއެރިއެވެ. ވީ ވެސް އެހެންނެވެ. އަދޭޝްގެ ބޮޑުބޭބެ އެކުސިޑެންޓެއްގައި ނިޔާވީއެވެ. ބޮޑުބޭބެ ކިޔަސް، ބައްޕަ ނިޔާވި ފަހުން ބޮޑުބޭބެއަކީ އަދޭޝް ބައްޕަ ކަމުގައި ބަލާ މީހާއެވެ. އެ ދެމެދުގައި އޮންނަނީ ވަރުގަދަ ކުލުނެކެވެ. އަދޭޝް ވާހަކަދެއްކީ ރޮމުންނެވެ. އޭނައަށް ހިތްވަރުދޭން ސަމާލުކަން ދެވުނުލެއް ބޮޑުކަމުން، އެހެން ކަމަކަށް މަލްސާ ނުވިސްނައެވެ. ދުވާރު މަތިން، މަޑުމަޑުން ހިނގަމުން ކުރިޔަށް ދިޔައީއެވެ. ފަހަރަކު ކަންފަތަކަށް ފޯނު ބަދަލުކުރަމުންނެވެ. ގެއާ ހަމައަށް ގޮސްފައި، ގެއަށް ނުވަދެ މަލްސާއަށް ހުރެވުނީ ދޮރުމަތީގައެވެ.

"ނޫނޭ ކުޅަދާނަ އިނގޭ!" ވިލްދާން ބުނި އަޑު އިވުނެވެ.

މަލްސާ ބަލައިލި އިރު ވިލްދާން ހުރީ ފަހަތުގައެވެ. މަލްސާ ފޯނުން ދައްކާ ވާހަކަ އަޑުއިވޭ ހިސާބުގައެވެ. މަލްސާ ތެޅިގެންފައި ފޯނު ބޭއްވީކީ ނޫނެވެ. ފޯނުކަނޑައިލީ ދައްކަން ބޭނުންވި ހުރިހައި ވާހަކައެއް ދައްކައިފައެވެ. އެއަށް ފަހު ގެއަށް ވަނެވެ. އެކުއެކުގައި ކަހަލަ ގޮތަކަށް ވިލްދާން ވެސް ވަނެވެ.

"މަލްސާއަށް އެނގޭތަ އަހަރެން ކިތައް ކޯލު ކުރިކަން؟" ވިލްދާން މަޑުމަޑުން ބުންޏެވެ. "އޮފީހާ ހިސާބުން މަލްސާގެ ފަހަތުންނޭ މިއައީ. އަހަރެން ބިޓަކާ ތި ގޮތަށް ވާހަކަދައްކާ އަޑު މަލްސާއަށް އިވޭ ދުވަހަކުން މަލްސާއަށް މި ފީލިން އެނގޭނީ."

ވީ ގޮތް މަލްސާއަށް ވިސްނުނެވެ. ވިލްދާން ބޭނުންވަނީ ކުށްވެރިޔަކީ މަލްސާއަށް ހަދައިފައި މަޒުލޫމަކީ ވިލްދާނަށް ވާށެވެ. ހިތާމައާއި، ނިކަމެތިކަމާއި، އަނިޔާ ލިބުނީ ވެސް ވިލްދާނަށްކަން މަލްސާއަށް އިހުސާސްކުރުވާށެވެ. މުޅި މައްސަލައިގެ ކޮޅު އަނބުރައިލުމަށް ޓަކައެވެ. މަލްސާ އެ ފުރުސަތެއް ނުދިނެވެ. ދިފާއުގައި އެއްވެސް އެއްޗެއް ނުބުނެއެވެ.

"ނާހިދު ގެންނަންވީނު!" އެޕާޓުމަންޓަށް ވަދެފައި މަލްސާ ބުންޏެވެ.

އޮފީހުގައި އުޅޭ ވަގުތު ނާހިދު ބަހައްޓަނީ މަލްސާގެ މަންމަ ބައިގައެވެ. ވިލްދާން ކޮންމެހެން ނާހިދު ބަލާ ދާކަށް ނޫޅެއެވެ. އެތެރެއަށް ވަދެފައި ދޮރުލެއްޕިއެވެ. އަދި ދޭށޭ އަތުން އިސާރާތްކޮށްލިއެވެ. ވިލްދާން ބޭނުންވަނީ ފޯނުކަން މަލްސާއަށް އެނގެން ދެތިން ސިކުންތެއް ނެގިއެވެ. ވިލްދާން އުޅެނީ މަލްސާގެ ގޭގައެވެ. ގޭގައި ހުރި ވަރަށް މަދު އެއްޗެއް ފިޔަވައި ދެން ހުރި ހުރިހާ އެއްޗެއް ގަތީ މަލްސާއެވެ. އެކަމަކު ފޯނަކީ ވިލްދާން ގަނެދިން، އެ ފެންވަރުގެ ހަމަ އެކަނި އެއްޗެވެ. މަލްސާ ދެކޮޅެއް ނަހަދައެވެ. ފޯނު ދިއްކޮށްލިއެވެ. މަލްސާގެ ހިތުގައި އުފެދުނީ އެންމެ ސުވާލެކެވެ. އަދޭޝަށް ގުޅަން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

"އަހަރެން މިހާރު މަލްސާއަށް ވަރަށް ގިނަ ޗާންސުދީފިން،" ފޯނު ނިއްވައިލައިފައި ޖީބަށްލަމުން ވިލްދާން ބުންޏެވެ. "ދެން ނުބުނާތި އަހަރެން ޓްރައިއެއް ނުކުރެޔޭ!"

"އެއް އިރެއްގަ ވެސް އަހަރެން ނުބުނަން އަހަންނަށް ޗާންސެއް ދޭށެކޭ،" މަލްސާ ވަރަށް ކެރިހުރެގެން ޖަވާބުދިނެވެ. "އަހަރެން ބުނީ ފޯމުލައިދޭށޭ! ލައިދޭށެކޭ ވެސް ނޫން! ފޯމު ފުރާލާށޭ!"

މަލްސާއާ ކުރިމަތިލާން ވިލްދާން އައީ، ކަމާ ބެހޭ ގޮތުން އެކުވެރިޔަކާ ވާހަކަދައްކައި، ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ވިލްދާނަށް ވިސްނައިދިން އެކުވެރިޔާ ބުނީ ގޮތްހުސްނުވުމަށެވެ. މަލްސާ ކުށްވެރިކުރުމަށެވެ. ވަރިކުރަން ވިލްދާން ޖެހިލުންނުވާކަން ދެއްކުމަށެވެ. މަލްސާގެ ވިސްނުން ބަދަލުކުރެވޭނީ އޭރުން ކަމުގައެވެ. އެ ކަން ކުރެވޭތޯ ވިލްދާން ބެލިއެވެ.

"ތި ހީކުރީ ނުކެރޭނެ ކަމަށް؟" ވިލްދާން ބުނެލިއެވެ. "ދޭ ފޯމު ނަގަން. ވަގުތުން ފުރާލާނަން."

މަލްސާ ވަގުތުން ދަބަސް ހުޅުވައިލައިފައި ފޯމު ނަގައި ދިއްކޮށްލިއެވެ. ފޯމުގައި ހިފަން ވިލްދާންގެ އަތް ހަރަކާތެއް ނުކުރިއެވެ. މަލްސާ އެހާ ހިތްވަރު ހުންނާނެކަމަކަށް ވިލްދާން ހިޔެއްނުކުރެއެވެ.

"އަހަރެން މިގެއިން ބޭރުކުރުން ދޯ އަސްލު ބޭނުމަކީ." ވިލްދާން ސުވާލުކުރިއެވެ.

"ވަރިހަމަ ތިހެން ހީކުރިޔަސް،" މަލްސާ އެއްބަސްވިއެވެ. "އެއް ފޯމު ވީދާލާ އިރަށް އަނެއް ފޯމު ގެންނާނަން. ވީދިޔަކަސް މި ކަމެއް ހައްލެއް ނުވާނެ. ފުރީމަ ހައްލުވާނީ. ވިލްދާން އަހަންނާ މެރީކުރީ އުޅެން ފަސޭހަޔަކަށް. އަހަރެން ޑިވޯސްވާން މި އުޅެނީ ވެސް އުޅެން ފަސޭހަޔަކަށް. ވިލްދާނާ އިނދެގެން އުޅެން އަހަންނަށް މިހާރު ވަރަށް އުނދަގޫ. ދެ މީހުން ވެސް އެއްވަރެއްނު މި ވީ. އޯކޭއެއްނު!"

ވިލްދާން ފޯމު ޖަހައިގަތެވެ. އެކަމަކު ވީދައެއްނުލައެވެ.

"މީ ލާސްޓް ޗާންސް!" ވިލްދާން އިންޒާރުދިނެވެ.

އެ ވަގުތު ވިލްދާނަށް ފޯނެއް އައެވެ. ފޯނަށް ނުވެސް ބަލައި ފޯނު ނަގައިފައި ވިލްދާން ކަންފަތުގައި ޖެހިއެވެ.

"ގޭގަ މި އުޅެނީ!" ވިލްދާން ބުންޏެވެ.

އެ ވަގުތު ދޮރުގައި ޓަކިދިން އަޑު އިވުނެވެ. ދުރާލައި ކަންތައްތަކެއް ރޭވިފައިވާކަން މަލްސާއަށް ވިސްނުނެވެ. ވިލްދާން ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ތިބީ މަލްސާގެ މަންމައާއި ބައްޕައެވެ. އެ މީހުންގެ މޫނު ފެނުމާ އެކު، ވެގެން އުޅޭ ގޮތް މަލްސާއަށް ވިސްނުނެވެ. ވިލްދާން އުޅުނީ އެ މީހުން އެތެރެއަށް ވައްދައިފައި ވިލްދާން ނުކުންނާށެވެ.

"ދަރިފުޅު ވެސް ހުންނަން ޖެހޭނެ!" ބަފައިބެ ބުންޏެވެ.

ޝަރީޔަތުގެ މަޖިލީސް ފެށުނެވެ. ވިލްދާން އެ ތަނުގައި އިންކަން އެކަންޏެވެ. ހަތަރުކަޅި ހަމަކޮށް މަލްސާއަށް ބަލައި ވެސް ނުލައެވެ. ގިނައިން ވާހަކަދެއްކީ ވިލްދާންގެ މައިދައިތައެވެ. ބަފައިބެ ވެސް ދޭތެރެއަކުން ކޮންމެވެސް އެއްޗެއް ބުނެލައެވެ. "ލަންކާމީހާ" ގެ ވާހަކަ ވެސް ވިލްދާން އޮތީ ކިޔައިދީފައެވެ. މަންމަގެ ހުރިހައި ސުވާލަކަށް މަލްސާ ޖަވާބުދިނެވެ. ދެ ގަޑިއެއްހާ އިރު ވާހަކަދެކެވުނު އިރު ވެސް މަލްސާގެ ވިސްނުން ބަދަލެއް ނުވިއެވެ. ވަރިވުމުގެ ހިޔާލު ދުލެއްނުކުރިއެވެ. މަޖިލީސް ރޫޅައިލަން ޖެހުނީ ވިލްދާން ނުކުމެގެން ދިޔައީމައެވެ.

"ފެއިލްޑް!" ވިލްދާން ބުންޏެވެ.

ވިލްދާންގެ ކުރިމަތީގައި އިނީ ހަމީދެވެ. ހަމީދަކީ، މައިންބަފައިން ގެނެސް މަލްސާއަށް ނަސޭހަތްދޭން ހިޔާލުދިން އެކުވެރިޔާއެވެ. ވަރިކުރާކަށް ވިލްދާން ބޭނުމެއް ނޫނެވެ. އެކަމަކު، އެހެން ގޮތެއް އޮތްހެނެއް ވިލްދާނަކަށް ހިޔެއްނުވެއެވެ.

"ދެން ވަރިކުރާނީ!" އިސްޖަހައިލައިގެން އިން ވިލްދާން ބުންޏެވެ. "ލައްކަ މަސައްކަތް ކުރެވިއްޖެއްނު! ލޯތްބަކީ ގަދަބާރުން ހޯދޭ އެއްޗެއް ނޫން. ހިނގާބަލަ މި ފޯމުގަނޑު ފުރަމާ! ހަމީދު ލިޔޭ! ކަލޭގެ ލިޔުން ރީތިވާނީ. މި އޮތީ އަހަރެންގެ އައިޑީ."

ހަމީދު ފޯމު ހުޅުވައިލިއެވެ. ވެއިޓަރު އަތުން ގަލަމެއް ހޯދައިގެން، ފުރަތަމަ އަކުރު ލިޔަން ފޯމުގައި ތުނޑު ޖައްސައިލިއެވެ.

"އަދި އެބަ އޮތް ގޮތެއް!" ގަލަމުގެ ދޯރި ޖަހަމުން ހަމީދު ބުންޏެވެ. "އެކައުންޓުގަ ލާރި އެބަހުރި؟ ކިހާ ލާރިއެއް ހުރީ؟"

ވިލްދާން ފޯނުން އެކައުންޓު ބަލައިލައިފައި، ހުރި ވަރު ދައްކައިލިއެވެ.

"ތި ވަރުން މާ ރަނގަޅަށް ވެސް ވާނެ،" ހަމީދު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އެކަމަކު ކުޑަ ހިތްވަރެއް ޖެހޭނެ ކޮށްލަން. މީ ވަރަށް ކާމިޔާބު ފަންޑިތައެއް."

ހަދަންވީ ގޮތް ހަމީދު ކިޔައިދިނެވެ. ވިލްދާން އަޑުއަހަން އިނެވެ. ކަމަކީ ވަރަށް ބޮޑު ކަމެކެވެ. އެހާ ބޮޑު ކަމެއް ކުރުމަށް ފަހުގައި ނާކާމިޔާބު ވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ވިލްދާން ހިތަށްއެރީ އެހެންނެެވެ.

"ކާމިޔާބު ނުވިޔަސް ފައިދާ، ކާމިޔާބުވެއްޖެއްޔާ ޑަބަލް ފައިދާ!" ވިސްނައިދޭ ރާގަކަށް ހަމީދު ބުންޏެވެ. "ބޭކާރެއް ނުވާނެއްނު! އަހަރެންގެ ރައްޓެއްސަކު މި ކަން ކުރި. ސަތޭކަ ޕަސަންޓް ކާމިޔާބު!"

ވިލްދާން ގެއަށް އައިސް އެ ވާހަކައެއް ނުދައްކައެވެ. އެ ކަމާ ވިސްނީއެވެ. ފޯނު ނެތުމުން މަލްސާ ވަރަށް އެކަނިވެރިވިއެވެ. ދަރިފުޅު ހޭލާއުޅުނު އިރު، ދެމައިން އެކުވެގެން ކޮންމެވެސް މަޖާކަމެއްގައި އަވަދިނެތި އުޅެވުނަސް، ދަރިފުޅު ނިދުމުން ދެން ކުރާނެ ކަމެއް މަލްސާއަކަށް ނޭނގުނެވެ. ބޭނުން ނަމަ ޓީވީ ހުޅުވުނީހެވެ. އޭގެ ބަދަލުގައި ސޯފާގައި އިށީނދެލައިގެން އިނީއެވެ. ރޭގަނޑު އެގާރަޖަހަން އުޅެނިކޮށް ވިލްދާން ކޮޓަރިން ނުކުތެވެ. މަލްސާ ބަލައިލުމުން ފޯނު ދިއްކޮށްލިއެވެ. ހިފަން ނުހިފަން އިނދެފައި މަލްސާ ފޯނުގައި ހިފިއެވެ. މަލްސާ ގާތުގައި ވިލްދާން އިށީނެވެ.

"ޝުކުރިއްޔާ ވެސް ނުބުނާނަން؟" ކުޑަކޮށް ސަމާސާ ރާގެއްގައި ވިލްދާން އެހިއެވެ.

މަލްސާ އެއްވެސް ޖަވާބެއް ނުދިނެވެ. ނިވާލައިފައިވާ ފޯނަށް ބަލަހައްޓައިގެން އިނީއެވެ.

"މަންމަ މި ކޮޅަށް ގެނެއްސަ ހިނގާބަލަ ކޮފީއެއް ބޯލަން ބޭރަށް ނުކުންނަމާ!" ވިލްދާން އެދުނެވެ. "ފޫހިފިލާނެ!"

"މިޔޮއް ހުރިހާ ދުވަހަކު ނުބޮވުނު ކޮފީއެއް ދެން މިހާރު ބޯނެކަމެއް ނެތެއްނު!" ފޯނަށް ބަލަން އިނދެ މަލްސާ ބުންޏެވެ. "އަހަރެން ފޫހިވާތީ ވިލްދާން ތިހާ ކަންބޮޑުވަންޏާ، އަހަރެން ވަރިކޮށްދީބަލަ! އޭރުން ވަރަށް އުފާވާނެ!"

"ކުއްޖަކު ހުއްޓާ އަހަރުމެން ނުވާނެ ވަކިވާކަށް،" އޯގާތެރި ރާގަކަށް ވިލްދާން ބުންޏެވެ. "ވެދާނެ މަލްސާ ބޭނުންވާ ވަރަށް އަހަންނަށް ޓައިމް ނުދެވުނީކަމަށް. އެހެންވެގެން ތި ކުރެވުނު ކަމެއް ކުރެވުނީ. އަހަރެން މާފުކޮށްފިން. ޑިވޯސްވާކަށްނު ބޭނުމީ! އެ ކަން ވެސް ކޮށްދޭނަން. އެކަމަކު އޭގެ ކުރިން، އަހަރެން ބުނާ ކަމެއް މަލްސާ ވެސް ޖެހޭނެ ކޮށްދޭން. ހިނގާ ދެ މީހުން ހައްޖަށް ދާން."

ނުނިމޭ