12 ޑިސެމްބަރ 2016 - 12:27

ނިއު ޔޯކް (ޑިސެމްބަރު 12) - މޫސުމަށް ބަދަލު އައުމަކީ ހަގީގަތެއްކަން އެކަކަށް ވެސް ނޭނގޭ ކަމަށާއި އަހަރެއްހާ ދުވަސްކުރިން ސޮއިކުރި ޕެރިސް އެއްބަސްވުމުން ވަކިވުމަށް ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ކާބަން މަދުކުރުމަށް ރައީސް ބަރަކް އޮބާމާ ކުރެއްވި މަސައްކަތްތަކާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދުނިޔޭގެ ވާދަވެރި މާކެޓުގައި އެމެރިކާ ފަހަތަށް ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރަމްޕް އެހެން ވިދާޅުވި ނަމަވެސް ސައެންޓިފިކުގެ ހެކީގެ އަލީގައި ދުނިޔޭގެ މޫސުމަށް ބަދަލު އައުމަކީ ހަގީގަތެކެވެ. އިންޓަގަވަރްމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ ހޯދުންތަކުގެ އަލީގައި ހާމަވެފައިވާ ގޮތުގައި 1950 ގެ އަހަރުތަކުން ފެށިގެން ގްރީންހައުސް ގޭސް އިތުރުވެފައި ވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުންނެވެ. އެންމެ ހޫނުގަދަ 10 އަހަރު ދުނިޔެ ތަޖްރިބާކޮށްފައި ވަނީ 1998 ވަނަ އަހަރުގެ ފަހުންނެވެ. އަދި 1880 ގައި ރެކޯޑް ބަލަހައްޓަން ފެށި ފަހުން އެންމެ ހޫނުގަދަ އަހަރެއްގެ ގޮތުގައި 2016 ވަނަ އަހަރު ވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ޓްރަމްޕް މީގެ ކުރިން ވެސް ވަނީ ދުނިޔެ ހޫނުވުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ މޫސުމަށް ބަދަލު އައުމަކީ ޗައިނާ އިން އުފައްދައިގެން އުޅޭ ބިރުވެރި ކަމެއް ކަމަށެވެ. ނަމަވެސް ތިމާވެއްޓަށް މަސައްކަތް ކުރާ އިސް ލީޑަރެއް ކަމަށްވާ ކުރީގެ ނައިބް ރައީސް އަލް ގޯ އާ ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ ބައްދަލު ކުރައްވައިފަ އެވެ.